އަހަރެންގެ އުރުގައި އޮތް ބޭބީ ކުކުރާލައިފިއެވެ. ހީވީ އަހަރުމެން ދެއްކި ވާހަކަތައް އަޑުއިވުނީހެންނެވެ.

“ފުދޭވަރު ވީހެން ހީވަނީ،” ނަރުސްކުއްޖާ ބުނެލިއެވެ. “ދެން ޖެހޭނީ ވައި އަރުވަން. ކޮނޑުމަތީގަ ބާއްވާފަ މަޑުމަޑުން ބުރަކަށީގަ ޖަހާލީމަ ވައި ލެވޭނެ. ވައި އެރުވުމަކީ ވަރަށް މުހިންމު ކަމެއް.”

ނަރުސްކުއްޖާ ބުނިގޮތަށް ބޭބީގެ ބުރަކަށީގައި މަޑުމަޑުން ތަޅައިގެން ވައި އެރުވީމެވެ. ވައިލެވުން ކުއްޖާވެސް ހަމަޖެހިއްޖެއެވެ. “ދޫނީ ހާސްވާ އެއްޗެއް ނޫނޭ،” އަހަރެން އެ ބޭބީއާއި މުޚާޠަބު ކުރީމެވެ. “ބައްޕަ މީނދީނު ދަރިފުޅު އުރާލައިގެން.”

އަހަރެން މިހެން ބުނުމުން ނަރުސްކުއްޖާ ބުމަ އަރުވާލިއެވެ. އަހަންނަށް ބުނެވުނު ޖުމްލައިން ޚުދު އަހަންނަށްވެސް ސިހުން ލިބުނެވެ. އެއީ ބޭއިޚްތިޔާރުގައި އަހަރެންގެ އަނގައިން ބޭރުވި ބަސްތަކެކެވެ. އެކަމަކު އެވަގުތު އަހަރެންގެ ހިތަށް އެރީ ތަޤްދީރު ނިޔާކުރިގޮތުން މި ޔަތީމު ކުއްޖާ މިވަގުތު މިއޮތީ، ދަރިއަކު އަތުން ބީވެ ދިއުމުގެ ހިތާމަޔާ ކުރިމަތިވެފައިވާ ބަފައެއްގެ އަތުގައި ކަމެވެ. އެހެންކަމުން އަހަންނަށް ލެވުނުހައި ހިތްވަރެއް ލަމުން އަހަރެންގެ ހިތަށް އަރަމުންދިޔަ އެއްޗެއް ބޭރުކުރުމަށް ނިންމީމެވެ.

“އަޅުގަނޑަށް އެނގޭ އަޅުގަނޑު ބުނަން މިއުޅޭ ވާހަކަ ބުނަން އަދި މާ އަވަސްކަންވެސް. އެކަމަކު ހިތަށް އަރަނީ މަށާ މަގޭ އަންހެނުންވެގެން މި ކުއްޖާ އެޑޮޕްޓް ކުރުން ކިހިނެތް ވާނެބާވައޭ؟”

އަހަރެން މިހެން ބުނުމާއެކު ނަރުސްކުއްޖާގެ އަނގަ ތަންމިނަށް ހުޅުވިއްޖެއެވެ. ކުއްލި ހައިރާންކަމެއް ލިބުމުންނެވެ. އަވަސްއަވަހަށް ނަރުސްކުއްޖާ އަނގަ ލައްޕާލިއެވެ.
“މަޑުކޮށްލާ. އަޅުގަނޑު ތިކަމާ އެބަ ގުޅާލަން ކަމޭބެހޭ ފަރާތަކާ.” އަވަސްއަވަހަށް ނަރުސްކުއްޖާ ބުންޏެވެ. ހީވީ އޭނާވެސް ހުރީ އެކަމަށް އެދިއެދިހެންނެވެ. ނަރުސްކުއްޖާގެ މޫނުމަތިން ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ފެންނަން ހުރިކަން އަހަންނަށް ފާހަގަ ކުރެވުނެވެ.

ވަމުންމިދާ ކަންތައްތައް އެނގި، އެކަމާ ހިންހަމަޖެހިގެން ނޫންކަމެއްވެސް ނޭނގެއެވެ. ބޭބީ ވެސް ވަރުގަދަ ވައެއް ލަމުން ހިނިތުންވިއެވެ. އަހަންނަށް ހެވުނެވެ. ކަމެއް ހަނދާންވެގެންނެވެ. އަހަންނަށް ވައެއް ލެވުމުން އެކަމާ ބަރްޝާ ހިތްހަމަ ނުޖެހިގެން އުޅޭގޮތް ކުއްލިއަކަށް ހަނދާން ވުމުންނެވެ. ހެވިފައި އޮތް ބޭބީގެ މޫނަށް ރަނގަޅަށް ބަލައިލަމުން އަހަރެން ބުނީމެވެ. “މަންމައާއި ބައްޕައާ އެކު އުޅެން ބޭނުންނަމަ ދަސްކުރަންޖެހޭނެ ދެންމެ ތި ލީ ކަހަލަ ބޮޑެތި ވައި ނުލާ އުޅެން އިނގޭ!!”
*********************
ކުޑައިރުކޮޅެއްފަހެވެ. ކޯޓްފަޓުލޫނެއް ލައިގެން ހުރި ޒުވާން އަންހެން ކުއްޖެއް އެތަނަށް އައިސް މަޑުކޮށްލިއެވެ. އޭނާގެ ކަޅު އިސްތަށިކޮޅުވަނީ ކޮނޑާއި ހަމައަށް ކޮށާލާފައެވެ. އޭނާ ހުރީ ސީރިއަސް މޫޑެއްގައެވެ. ނަމަވެސް އަހަރެން ބޭބީ ގޮވައިގެން ހުރިގޮތް ފެނިފައި ނޫންކަމެއްވެސް ނޭނގެއެވެ. އެ ސީރިއަސް މޫނު ކުއްލިއަކަށް ބަދަލުވެއްޖެއެވެ. ހިނިތުންވުމަކަށެވެ. އޭނާ އަހަންނާއި ކައިރިއަށް ޖެހިލިއެވެ.

“ހައި، އަޅުގަނޑަކީ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ ލޯޔަރެއް – އާމިނަތު އިޠްފާ،”

އުފާވެރި ހިނިތުންވުމަކާއި އެކު އެ އަންހެން ކުއްޖާ ތަޢާރަފް ވިއެވެ. އަހަރެން ކޮޅަށް ތެދުވީމެވެ. ނޫނެކެވެ. ފާޑަކަށް ކޮޅަށް ތެދުވެވުނީއެވެ. އަހަރެންގެ އުރުގައި ނިދިފައި އޮތް ބޭބީގެ ބޯ އަހަރެންގެ ވާތު މުލައްދަނޑިމަތީގައި ބޭއްވީމެވެ. އަނެއް އަތް ބޭބީގެ ބުރަކަށިދަށަށް ލައްވަމުންނެވެ. އެއަށްފަހު ބޭބީ އަހަރެންގެ ގަޔާއި ކައިރިކޮށްލީމެވެ. އެހެންހުރެ އަހަރެންގެ އަތްތިލަ ދިއްކޮށްލީމެވެ. އަންހެންކުއްޖާ އާއި ސަލާމް ކޮށްލުމަށެވެ.

“އަޅުގަނޑަކީ މުޙައްމަދު މިރުޒާން.”

“ބައްދަލުވީތީ ވަރަށް އުފާވެއްޖެ.” ލޯޔަރު ވާހަކަދައްކަން ފެށިއެވެ. “ތިބޭފުޅާ ތި ބޭބީ އެޑޮޕްޓް ކުރުމުގެ ޝައުޤުވެރިކަން ހުރިކަން އެނގިގެން އަޅުގަނޑު މިއައީ.”

“އާދެ.” އަހަރެން ޖަވާބުދިނީމެވެ. ނަރުސްކުއްޖާ، ލޯޔަރާ ނުވަތަ ކުޑަކުދިންގެ ހިޔާގެ އިސްފަރާތްތަކާ ހިއްސާކުރީ ކިހާވަރެއްގެ މަޢުލޫމާތެއް ކަމެއް އަހަންނަކަށް ނޭނގެއެވެ. “އަޅުގަނޑުގެ އަންހެނުން ބައިގެންދިޔައީ އިއްޔެ. ޑޮކްޓަރު ބުނުއްވީ އަޅުގަނޑު އަންހެނުންނަށް ދެން ކުއްޖަކު ނުލިބޭނެކަމަށް.”

“ވަރަށް ދެރަކަމެއް ތީ،” ލޯޔަރު ބުންޏެވެ. “އެކަމަކު ތިބޭފުޅާގެ ނަސީބު ވަރަށް ރަނގަޅު ދުވަހެއް މިއީ. އަޅުގަނޑުމެން ކުޑަކުދިންގެ ހިޔާއަށް މި ބޭބީ ގެންގޮސް އެޑޮޕްޓް ކުރާނެ ފަރާތެއް ވެއްޖެނަމަ އެޑޮޕްޓް ކުރުމުގެ ކަންކަން ނިންމުމަށް މަޝްވަރާ ކުރަމުން ދަނިކޮށް ހޮސްޕިޓަލުން ގުޅީ. އެހެންވީމާ އަޅުގަނޑާއެކު ހިންގަވާ. އޭރުން ފުރިހަމަ ކުރަންޖެހޭ ކަންކަން އޮޅުންފިލުވައިދޭނަން.”

އަހަރެންގެ އަތުތެރޭގައި ނިދާފައި އޮތް ކުޑަކުޑަ ބޭބީއަށް ބަލައިލީމެވެ. އުއްމީދާއި އެކުގައެވެ. ޤާނޫނީ ގޮތުން އަހަރެމެންގެ ދަރިއަކަށް މި ބޭބީ ވުމަށް އެދި ހިތްގޮވަމުންދާ ވަރުންނެވެ.

“ބޭބީ ބާއްވާފަތޯ ދާންވީ!!؟؟” އެ ކުއްޖާ ދޫކޮށްލާފައި ދިއުމަށް އަހަރެންގެ ހިތް ނުއެދޭތީ ސުވާލުކޮށްލެވުނެވެ.

“ބޭބީ ގޮވައިގެން ދަމާދޯ،” ލޯޔަރު ހިނގައިގަންނަމުން ބުންޏެވެ. “އެހެން ނޫނަސް ކުޑަކުދިންގެ ހިޔާގެ އިސްވެރިންވެސް އެތާ އެބަ ތިއްބެވި. އެބޭފުޅުންނަށް ތިބޭފުޅާ ބޭބީއާއި އިންޑަރެކްޓް ވެފައިވާ މިންވަރު ފެނުމަކީވެސް މުހިންމު ކަމެއްް.”

ބޭބީ ގޮވައިގެން އަހަރެން ހިނގައިގަތީމެވެ.

“ތިބޭފުޅާ ވާނެހެން ހީވޭ ވަރަށް ރަނގަޅު ބައްޕައަކަށް!” ލޯޔަރު އަހަންނާއިމެދު ޔަޤީންކަން އޮތްވަރު ހާމަކޮށްދިނެވެ.

އަހަރެން ހިނގަމުންދިޔައީ ނަރުސްކުއްޖާ އާއި ލޯޔަރާއި ދެމީހުންގެ ފަހަތުންނެވެ. ލިފްޓަށް އަރައިގެން އަހަރުމެން ފޭބީ ހޮސްޕިޓަލުގެ ތިރީބުރިއަށެވެ. ގޯޅިތަކަކުން ހިނގަމުން ގޮސް އަހަރުމެން ވަނީ އޮފީހަކަށެވެ. އޮފީސްތެރޭގައި ކުޑަވަރެއްގެ ޓީމެއް ތިއްބެވެ. ހޮސްޕިޓަލުގެ އިސްވެރިންނާއި ކުޑަކުދިންގެ ހިޔާގެ ވެރިންނެވެ. ވާހަކަތައް ދެއްކީ އެމީހުންނެވެ. އަހަންނަށް ޖެހުނީ ދޭތެރެއަކުން އެމީހުންކުރާ ބައެއް ސުވާލުތަކަށް ޖަވާބުދޭށެވެ.

އެތަނުން އެކަކު އަހަންނަށް ތަޢާރަފްވަމުން ވާހަކަދައްކަން ފެށިއެވެ. “އަޅުގަނޑަކީ ކުޑަކުދިންގެ ހިޔާ ހިންގުމާ ޙަވާލުވެ ހުރި އެއްމެ އިސްފަރާތް. ކިހިނެތްތޯ މި ބޭބީ އާއި ބެހޭގޮތުން ތިބޭފުޅާއަށް މަޢުލޫމާތު ލިބުނީ؟”

އަނެއްކާވެސް އަހަންނަށް ޖެހުނީ ކަންވީގޮތް އަލިފުން ޔާއަށް ކިޔައިދޭށެވެ. މައްސަލައެއް ނެތެވެ. މި ބޭބީއަކީ އަހަރެންގެ ދަރިއަކަށް ހެދުމަށް މިހެން މި އަނގަ ކިތައްމެވަރަކަށް ތަޅަން ޖެހުނަސް ފަރުވާލެއް ނެތެވެ.

“އަޅުގަނޑަށް ހީވަނީ ތަޤްދީރުގެ ރޭވުމުގައި ވަނީ މިކުއްޖާއަކީ ޔަތީމަކަށް ނުވުންހެން. އަދި އަޅުގަނޑުމެންގެ ދެމަފިރިންނަކީވެސް ދަރިއަކު ނުލިބޭ އަބާއްޖަވެރި ބަޔަކަށް ނުވުންހެން.” އަހަރެންގެ ޖުމްލަތައް ނިންމާލީ މި އިބާރާތްކޮޅުން ނެވެ.

“އެގޮތަށް ދޮގެއްތޯ ކަންކަން މި ދިމާވީ،” ލޯޔަރު އަހަރެންގެ ވާހަކައަށް ތާއިދު ކުރިއެވެ. “އެކަމަކު ތިބޭފުޅާގެ ވައިފަށް އަދި މި ބޭބީ އެޑޮޕްޓްކުރަން އުޅުއްވާކަން ނުވެސް އެނގޭނެ ދޮގެއްތޯ؟”

“އާދެ، ނޭޭނގޭނެ.” އަހަރެން ބުނީމެވެ. ” އެކަމަކު އަޅުގަނޑަށް ޔަޤީންވޭ މިކަމަށް އަޅުގަނޑު އެދޭވަރަށްވުރެން ބޮޑަށް ވައިފް މިކަމަށް އެދޭކަން. މިވަގުތު އޭނަ އޮތީވެސް ޑިޕްރެޝަންގަ. ބޭބީ ލިބުމުން ވައިފް އުފަލުން ފޮޅޭނެ!”

“ތިބުނީ ރަނގަޅަށް.” މިފަހަރު ވާހަކަދެއްކީ ކުޑަކުދިންގެ ހިޔާގެ ބޭފުޅެކެވެ. “މިފަދަ ކުއްޖަކާ އެއް ހާލެއްގަ ހުރި މަޔަކަށް މިފަދަ ކުއްޖެއްގެ އިޙްސާސްތައް އެއްމެ ބޮޑަށް އެނގޭނީ. އެހެންވީމަ ކުއްޖާއަށް ލޯތްބާއި އަޅައިލުން ވަރަށް ބޮޑަށް ލިބޭނެކަމަށް ބެލެވޭ. އެހެން ނޫނަސް އަޅުގަނޑުމެންނަށް ފެނިއްޖެ ތިބޭފުޅާވެސް މިކަމަށް ކޮލިފައި މިންވަރު. އެހެންނަމަވެސް ހިންގަވާ ތިބޭފުޅާގެ ވައިފް ކައިރިއަށް ދޮގެއްތޯ؟”

އޮފީހުން ނިކުތްއިރު އަހަންނަށް ހުރެވުނީ ވަރަށްބޮޑަށް ހިތްހަމަޖެހިފައެވެ. އަހަރެންގެ އަތްމަތީގައި އޮތް ބޭބީއަށް ބަލައިލީމެވެ. އޭރު އޮތީ ހޭލައެވެ. ހިނިތުންވެގެންނެވެ. ހީވަނީ އަހަރެން ހިތްހަމަޖެހިފައިވާ މިންވަރު އެކުއްޖާއަށް އިޙްސާސް ކުރެވޭހެންނެވެ. އަނެއްކާވެސް ލިފްޓަށް އަރައިގެން ގޮސް އަހަރުމެންގެ ޕްރައިވެޓް ރޫމާއި ދިމާއަށް ހިނގަމުން ދިޔައިމެވެ.

ރޫމަށް ވަދެވުނިއިރު އަންހެނުންނަށް އޮތީ ނިދިފައެވެ. ނަމަވެސް އަހަރެން ވަތްކަމުގެ އިޙްސާސް އޭނައަށް ކުރެވުނެވެ. އަބަދުވެސް އެކަންވަނީ އެހެންނެވެ. ލޯފަން މީހުންގެ ކިބައިގައި އަހަރުމެން ފެންނަ މީހުންގެ ނުހުންނަ ހިއްސެއް ހުންނާނެއެވެ. އެހެންކަމުން މިފަހަރުވެސް އަންހެނުންނަށް އެ އިޙްސާސް ވީއެވެ. އެނދުގެ ބިތްދޮށަށް އެނބުރި އޮތް ބަރްޝާ ފުރޮޅިލިއެވެ. އަހަންނާ ދިމާއަށް އެނބުރުނެވެ. އެނދުކައިރީގައި އަހަރެން ހުއްޓުނީމެވެ.

“ލޯބީ. އެބަޮތޭ ވަރަށް ފައްކާ ސަރޕްރައިޒް އެއް. ނިކަން ތެދުވެ އިށީންދެފަ ދެއަތް އުނގުމަތީގަ ބާއްވަބަލަ!!”

ވާނުވާއެއް ނޭނގި އިނދެ އަހަރެން ބުނިގޮތަށް އުގުމަތީގައި ދެއަތް ބޭއްވިއެވެ. އެވަގުތު އަހަރެންގެ އަތުގައި އޮތް ލޯބިލޯބި ފުށްގަނޑެއް ފަދަ ބޭބީ ބަރްޝާގެ އަތުތެރެއަށް ލީމެވެ. ބަރްޝާއަށް ތެޅިގަނެވުނެވެ. އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ. ބޭބީގެ ގައިގައި އޮޅުލައިގަތެވެ. ހީވީ އަހަރުމެންގެ އުފަން ދަރިއެއް ގެއްލިގެން އުޅެފައި ލިބުނީހެންނެވެ.

“މަންމައަށް ދަރިފުޅު ނުފެނުނަސް ހާދަ ލޯބިލޯބި ފުއްގަނޑެއްހެން އެބާހީވޭ މިއޮތީ!!” އުފަލުންގޮސް ކޮލުގައި ހިފާލައި ގަޔާ ކައިރިކޮށްލަމުން ބޭބީ އާއި ބަރްޝާ ވާހަކަދައްކަން ފެށިއެވެ. “އެކަމަކު މަގޭ ދަރިފުޅަށް މަންމަ ފެންނާނެއެއްނު ދޯ ދޫނީ!!”

އަހަންނަށް ބަލައިލެވުނީ ނަރުސްކުއްޖާ އާއި ކުޑަކުދިންގެ ހިޔާގެ ބޭފުޅުންނަށެވެ. އަހަރެންގެ އަންހެނުން ކައިރީގައި މި ބޭބީ އަކީ ލޯފަން ކުއްޖެއް ކަމަށް ބުނާނެ ގޮތަކާއިމެދު ކަންބޮޑުވެ ހާސްވެގެންނެވެ.

“ނުފެނުނަސް އަހަންނަށް ހެޔޮ. އަހަރެން ބަރްޝާ އާއި ގުޅުނީވެސް އަހަރެންގެ މައިންބަފައިންގެ ނުޤަބޫލުގަ. އަަހަރެންގެ މަންމަމެންނަށް ބަރްޝާ ކަމުނުދިޔައީ ލޮލަށް ނުފެންނާތީނު. އެކަމަކު އަހަރެން ބަރްޝާއާއި ގުޅުނީ ހިއްސެއް މަދުވިޔަސް ހެޔޮކަމަކަށްނުދޯ. މި ބޭބީ މި ގެނައީވެސް ހަމަ އެގޮތަށް ހެޔޮކަމަށް. ‘ހިއްސެއްވެސް މަދުވިޔަސް ހެޔޮ މަށަށް!‘ – ރާގުއަޅުވާލާފައި އަހަރެން އެތަންކޮޅު ކިޔާލީމެވެ.
ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.