ކޮޅުމަޑުލު ތިމަރަފުށި އަދި ކިނބިދޫ ދާއިރާގެ ރަށްތަކަށް ހުޅުވާލައިގެން، ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އޮނަރަބަލް އަބްދުﷲ ރިޔާޒް ބާއްވާ “އެމްޕީ ކަޕް 2019” ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލުގައި ތިމަރަފުއްޓާއި، ވަންދޫ އަދި ހިރިލަންދޫ އާއި، ވޭމަންޑޫ ބައްދަލުކުރަން ޖެހިއްޖެ އެވެ.
މުބާރާތް ކުރިއަށް ގެންދަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ވެސް އެއް ޓީމު، އަނެއް ޓީމާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓު ހޯދާ ހަތަރު ޓީމެއް ސެމީފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އެގޮތުން ސެމީފައިނަލަށް ދަތުރުކުރި ޓީމުތައް މިހާރު ކަށަވަރުވެފައިވާއިރު، ސެމީފައިނަލުގެ ފުރަތަަމަ މެޗުގައި ވާދަކުރަން ޖެހޭނީ ލީގު ބުރުގެ އެއްވަނަ ޓީމާއި، ތިންވަނަ ޓީމު އަދި ސެމީފައިނަލުގެ ދެވަނަ މެޗުގައި ވާދަކުރަން ޖެހޭނީ ލީގު ބުރުގެ ދެވަނަ ޓީމާއި، ހަތަރުވަނަ ޓީމެވެ. ވަރަށް ފޯރިގަދަ ވާނެ ކަމަށް ބެލެވޭ ސެމީފައިނަލުގެ ދެ މެޗަށް ޓީމުތަކުން ތައްޔާރުވަމުންދާއިރު، ލީގު ބުރުގައި މި ޓީމުތައް ބައްދަލުކުރި މެޗުތަކަށް އަލިއަޅުވާލުމަކީ މުހިއްމުކަމެކެވެ.
ފުރަތަަމަ ސެމީފައިނަލް:
ތިމަރަފުށި އަދި ވަންދޫ
ލީގު ބުރުގައި ތިމަރަފުށި ތިން މެޗުން މޮޅުވިއިރު، އެއް މެޗުން ވަނީ އެއްވަރުވެފައެވެ. ލީގު ބުރުގައި ތިމަރަފުށި ހިފަހައްޓާލެވުނު ހަމައެކަނި ޓީމަކީ ވަންދޫ ކަން ފާހަގަކޮށްލަންޖެހެއެވެ. ތިމަރަފުށި ސެމީފައިނަލަށް ދަތުރުކުރީ ކުޅުނު ހަތަރު މެޗުން ދިހަ ޕޮއިންޓު ހޯދައިގެން ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.
ލީގު ބުރުގައި ވަންދޫ އެއް މެޗުން މޮޅުވިއިރު، ދެ މެޗުން އެއްވަރުވެ، އެއް މެޗުން ވަނީ ބަލިވެފައެވެ. ވަންދޫ ޓީމު ހަމައެކަނި މޮޅުވެފައިވަނީ ކަނޑޫދޫ އަތުންނެވެ. ހިރިލަންދޫ އަތުން ބަލިވިއިރު، ތިމަރަފުއްޓާއި، ވޭމަންޑޫ އަތުން ލީގު ބުރުގައި ވަންދޫ ވަނީ އެއްވަރުވެފައެވެ. ވަންދޫ ސެމީފައިނަލަށް ދަތުރުކުރީ ކުޅުނު ހަތަރު މެޗުން ފަސް ޕޮއިންޓު ހޯދައިގެން ފައިދާ ގޯލުގެ ތަފާތުން ތިންވަނަ ޓީމުގެ ގޮތުގައެވެ.
ދެެެެވަަަަނަ ސެމީފައިނަލް:
ހިރިލަންދޫ އަދި ވޭމަންޑޫ
ލީގު ބުރުގައި ހިރިލަންދޫ ދެ މެޗުން މޮޅުވިއިރު، ދެ މެޗުން ވަނީ ބަލިވެފައެވެ. ހިރިލަންދޫ ލީގު ބުރުގައި ތިމަރަފުއްޓާއި، ވޭމަންޑޫ އަތުން ބަލިވިއިރު، ވަންދޫ އަދި ކަނޑޫދޫ އަތުން ވަނީ މޮޅުވެފައެވެ. ހިރިލަންދޫ ސެމީފައިނަލަށް ދަތުރުކުރީ ކުޅުނު ހަތަރު މެޗުން ހަ ޕޮއިންޓު ހޯދައިގެން ލީގު ބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ލީގު ބުރުގައި ވޭމަންޑޫ އެއް މެޗުން މޮޅުވިއިރު، ދެ މެޗުން އެއްވަރުވެ، އެއް މެޗުން ވަނީ ބަލިވެފައެވެ. ވޭމަންޑޫ ލީގު ބުރުގައި ހަމައެކަނި މޮޅުވެފައިވަނީ ހިރިލަންދޫ އަތުން ކަން ފާހަގަކޮށްލަންޖެހެއެވެ. ތިމަރަފުށި އަތުން ބަލިވިއިރު، ވަންދޫ އަދި ކަނޑޫދޫ އަތުން ވޭމަންޑޫ ވަނީ އެއްވަރުވެފައެވެ. ވޭމަންޑޫ ސެމީފައިނަލަށް ދަތުރުކުރީ ކުޅުނު ހަތަރު މެޗުން ފަސް ޕޮއިންޓު ހޯދައިގެން ފައިދާ ގޯލުގެ ތަފާތުން ލީގު ބުރުގެ ހަތަރުވަނަ ޓީމުގެ ގޮތުގައެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމާފައިވާއިރު، ރަނަރަޕް ޓީމަށް ބައިލައްކަ ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
ސެމީފައިނަލުގެ ފުރަތަަމަ މެޗު އޮންނާނީ މާދަމާ ހަވީރު 16:00 ގައެވެ. އަދި ދެވަނަ މެޗު އޮންނާނީ 8 ޖެނުއަރީ 2020 ވާ ބުދަ ދުވަހުގެ ހަވީރު 16:00 ގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި