ޚަބަރެއް ލިޔެލަން ރަނގަޅު މައްސަލައެއް ފެނުމާއެކު މުނިއަވަސްގެ ގުރޫޕުގައި މުނިއަވަސް ޑެޕިއުޓީ އެޑިޓަރު އަލީ ނިހާސް އަޅުގަނޑުމެންގެ ނަމުންނަމަ “މިރޯ” ޖަހާލިއެވެ. އެޔާއެކު ދެތިން ލިޔުންތެރިން އެއަށް ރައްދު ދެމުން ދިޔައެވެ. އަސްލު މަޢުޟޫ ފެށެނީ މިހާހިސާބުންނެވެ. ވަގުތަކީ ރޭގަނޑުގެ ލަސް ގަޑިއެކެވެ. ނުނިދާ އުޅޭމީހުންގެ މަސައްކަތް އޮޅުން ފިލުވުމަށް އަހަރެން ސުވާލު ކޮށްލިތަނާ އަޅުގަނޑުމެންގެ ލިޔުންތެރިޔާ ސަޒްރާ ނިކަންބާރުލާފައި ލިޔެލިއެވެ. “އަޅުގަނޑު ފޮތް ތަކުގައި ގަނޑުލައްވަނީއެވެ.” އަސްތާއެވެ. އަޅުގަނޑުގެ ހިތަށް ކުއްލިއަކަށް ސިފަވީ ގޮނޑިމަތީ ބަރި އަކަށް ޖަހާފައި ސެލޯފިން ލައްވަން ހުރި ފޮތްތަކެވެ. އަދި އަތް ނުލެވެއެވެ. ދެން އައީ މުނިއަވަސްގެ ފައުންޑަރ ގެ މެސެޖެކެވެ. ދެ ފޮޓޯއާއެކު އަޅުގަނޑުވެސް މިއުޅެނީ މިކަމުގައޭ ބުނެފައެވެ.

‏‎ދިވެހިން ވާނީ ހަަމަ ދިވެހިންނަށެވެ. އައު އަހަރުގެ ކިޔެވުން ފެށުމަށް ‎ދެތިން ދުވަހަށް ވީއެވެ. ދިމާވާ ކޮންމެ އެކުވެރިޔަކު އެބަ އަހައެވެ. ކޮބާ ނަން ކާޑު ހަދައިފިންތަ؟ ކޮބާ ފޮތްބައިގައި ސެލޯފިން ލައްވައިފިންތަ؟ ވަގުތު ކުޑަތަންވެ ކަން ނުވެ އޮތުމުން ބައެއް ފަހަރު މި ސުވާލުތަކަށް ޖަވާބު ދޭން އުނދަގޫވެއެވެ. ސަބަބަކީ އެކަން އަދިވެސް ނިންމައިނުލެވި އޮތުމެވެ. އެކަމާއި ނޫޅެވި އޮތުމެވެ. ‎

ގިނަ މަދަރުސާތަކަށް މި އަހަރަށް ބޭނުންވާ ޓެކްސްޓު ފޮތްތައް ވަރަށް ކުރިން ލިބި އެ ތަކެތި ބެލެނިވެރިންނާއި ހަވާލުކޮށްފައި ވީ ނަމަވެސް މި އަހަރަށް ތައްޔާރުވުމުގެ ގޮތުން ފޮތްތަކުގައި ގަނޑުލެއްވުމާއި ސެލޯފިން ލެއްވުން ފަދަ ތައްޔާރީތައް އަދި ވެސް ގިނަބަޔަކަށް ނިންމައި ނުލެވެއެވެ. 

‏‎ކޮންމެ ބެލެނިވެރިޔަކު ވެސް ތިމާ ދަރިފުޅުގެ ނަންކާޑާއި އަދި ތިމާ ދަރިފުޅުގެ ފޮތަށް ލައްވާ ރަބަރާއި ކަރުދާހަކީ އެންމެ ފުރިހަމަ އަދި އެންމެ ރީތި ތަކެއްޗަށް ވާން ބޭނުންވެއެވެ. ނަމަވެސް ވަގުތު ކުޑަތަންވުމުން ބޭނުންވާ ފުރިހަމަކަން މަތީ އެކަން ނިންމައިލުމަށް ވެސް ހުރަސްތަކެއް ގިނަ ފަހަރު އޮންނަނީ ކުރިމަތި ވެފައެވެ. ކަންކަން ކުރުމަށް މޯޓިވޭޓްވުމަށް ޑެޑްލައިން، އާއްމު ބަހުން ނަމަ “ފޫކޮޅުގައި ރޯވުން” ބުނެވުމުގެ ބައި ދިވެހިން ރަނގަޅު ކުރަން އެބަ ޖެހެއެވެ.

‏‎ހުރިހައި ތައްޔާރީއެއް ފަހު ވަގުތަށް ބެހެއްޓުމުގެ ސަބަބުން ނަންކާޑު ހަދަން ކިއުގައި ޖެހުމާއި މަދަރުސާގެ ކިޔެވުން ފެށުމުގެ ކުރިން ވާންޖެހޭ އެހެނިހެން ތައްޔާރީ ތަކަށް ވެސް ހުރަސްއެޅިގެން ދިޔުމުގެ އިތުރުން، ކިޔެވުން ފެށުމަށް އޮންނަ ދުވަހުގެ ކުރީރޭ އެއްކޮށް ހޭލައި އިނދެ ފޮތްތަކަށް ގަނޑުލައްވައި ނިންމަން ޖެހުމުގެ ސަބަބުން އޮފީހަށް ސަލާމް ބުނަންޖެހުން ފަދަ ހާލަތްތައް ކުރިމަތިވަނީ މަދެއްކޮށެއް ނޫނެވެ. ‎

ކިތަންމެ ވަރަށް ކިޔައި ހަނދާންކޮށްދިން ނަމަވެސް ވަގުތު އޮއްވައި ‎ދުރާލައި ކަންކަން ނިންމުމުގެ އުސޫލު ދިވެހިންގެ ތެރޭގައި އަދިވެސް ކުޑަކަން ފާހަގަ ކުރެވެއެވެ. ކޮންމެ ކަމެއްކުރި ކަމުގައި ވީ ނަމަވެސް އެކަމެއް ވަގުތުއޮވެ ދުރާލައި ނިންމައިލުމަކީ ދިވެހިންގެ އާދައަކަށް ހަދަން އެބަޖެހޭނޫންތޯ އެވެ. ފޫކޮޅުގައި ރޯވީމާ ކުރާ އުސޫލު ދޫކޮށްލަން އެބަޖެހެއެވެ. އެކަމެއް ފުރިހަމަކަމާއި އެކު ނިންމައިލެވޭނީ އޭރުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.