މީގެ އަހަރުތަކެއް ކުރިން ނިކުތް ބޮލީވުޑްގެ ސުޕަރހިޓް ފިލްމް ‘ތާރޭ ޒަމީން ޕަރް’ ބެއްލެވީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުން ހެއްޔެވެ؟ މި ފިލްމަކީ ކޮންމެ ބެލެނެވެރިޔަކު، ކޮންމެ މުދައްރިސަކު، ކޮންމެ ދަރިވަރަކު ބަލާލަން ވަރަށް އެކަށީގެންވާ ޢިބްރަތްތެރި މޮޅު ފިލްމެކެވެ. އަޅުގަނޑުގެ ޤަލަމުގެ މިޞްރާބު ހުރީ މިފިލްމް އިޝްތިހާރުކުރުމަށް ކަމުގައި ހީވެލެއްވިޔަސް، އަޅުގަނޑު މަޤްޞަދު މުޅިން ތަފާތެވެ. އަޅުގަނޑު މި މަޒްމޫނުގައި ބަލާލާނީ މި ފިލްގެ ސިންޕްސިސް ނުވަތަ ޚްލާޞާއަށާއި ފިލްމްގެ ކޮންސެޕްޓް ނުވަތަ މަޢްޟޫޢް ގައިވާ ޚާއްޞަ މައްސަލައަށެވެ.

ސިނަޕްސިސް

އިޝާން އަވަސްތީ (ދަރްޝީލް ސަފަރީ) އަކީ ސްކޫލްދެކެ ފޫހިވާ، އަށް އަހަރުގެ ކުއްޖެކެވެ. ކޮންމެ މާއްދާއަކީވެސް އޭނާއަށް އުނދުގޫ މާއްދާއެކެވެ. ކޮންމެ އިމްތިޙާނެއްގައިވެސް ހުރިހާ މާއްދާއަކުން އޭނާ ފެއިލްވެއެވެ. އަދި ޙަރަކާތްތެރިވުމާއި ސީދަލަށް ބޯޅައުކުންފަދަ ކަންކަންވެސް އޭނާއަށް ނުުކުރެވެއެވެ. އިޝާންއަށް އެހީތެރިކަމާއި އަޅާލުން ދިނުމުގެ ބަދަލުގައި އޭނާގެ މުދައްރިސުންނާއި ކުލާސްކުދިންވެސް ގެންދަނީ އޭނާއާއި ދިމާކޮށް ހަޖޫޖަހަމުންނެވެ. މިހުރިހާކަމެއް މިހެންހުރިނަމަވެސް، އިޝާންގެ ޚިޔާލީ ދުނިޔެ ވަރަށް މުއްސަންޖެވެ. އެހެންމީހަކަށް ތަސައްވްރު ނުކުރެވުނުނަމަވެސް އޭނާއަށް ތަފާތު ކުލަކުލައިން ޖަރީވެފައިވާ ޖާދޫގެ ބިންތަކާއި ޖަނަވާރުތައް ފެންނަމުންދެއެވެ.

ގޭތެރެއިންވެސް އޭނާ ތަހައްމަލް ކުރަމުންގެންދަން ޖެހިފައިވަނީ އުނދަގޫ މާހައުލެކެވެ. އޭނާގެ ބައްޕަ(ވިޕިން ޝަރްމާ) އަކީ ބުރަކޮށް މަސައްކަތު އުޅެންޖެހިފައިވާ، އޭނާގެ ދެ ފިރިހެންދަރިންގެ ފަރާތުން ފޮނި އުއްމީދުތަކެއް ކުރަމުންގެންދާ ބައްޕައެކެވެ. އޭނާގެ މަންމަ (ޓިސްކާ ޗޯޕްރާ) ހުންނަނީ އިޝާންއަށް އެހީތެރިވުމުގައި ފެއިލްވަމުންދާތީ ހިތްނުތަނަވަސް ވެފައެވެ. އިޝާންގެ ބޭބެ ޔޮހާންއަކީ ކިޔެވުމާއި ކުޅިވަރުގައި ކާމިޔާބު ކުއްޖެކެވެ. މިކަމަކީ އިޝާން މާޔޫސްވެ ނުތަނަވަސް ވުމުގެ މައިގަނޑު އެއްސަބަބުވެސް މެއެވެ.

އެއްދުވަހަކު އިޝާން ސްކޫލް ކަޓްވާލައި ވަގުތުތަކެއް ބޭރުގައި އެކަނިމާއެކަނި ހޭދަކުރުމާއި ރިޕޯރޓްފޮތް ލިބުނުއިރު ވަރަށް ދަށުން މާރކްސް ލިބިފައިވާކަން އެނގުމުން، އޭނާގެ މައިންބަފައިން ނިންމީ ބޯރޑިންގ ސްކޫލަކަށް ވެއްދުމަށެވެ.

ބޯރޑިންގ ސްކޫލްގެ ދިރިއުޅުމަކީ އޭނާއަށް ދިރިއުޅެން އުނދަގޫ މާހައުލަކަށް ވިއެވެ. މައިންބަފައިންނާއި ވަކިން އުޅެންޖެހުމުގެ ހިތާމަ ކުރަންޖެހިގެން ދިޔައެވެ. ދަނާލްއަށް ދާންފެށުމަކުން ކިޔެވުމަކަށް އެއްވެސް ބަދަލެއް ނައެވެ. ދަނާލުން އޭނާއަށް ރާޖަން ކިޔާކުއްޖަކާ ރަޙްމަތްތެރިކަން އުފެދެއެވެ. ކަން މިހެން އޮއްވާ އިޝާންގެ ކްލާހަށް އަލަށް އަންނަންފަށާ ވަގުތީ އާރޓް ޓީޗަރ ނިކުމްބް (އާމިރް ޚާން) ގެ ސަބަބުން އިޝާންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭން ފެށިއެވެ. ނިކްމްބް އަކީ ތަފާތު ސްޓައިލަކަށް ކިޔަވައިދޭ މުދައްރިސަކަށްވުމުން ކުރިން އެކުލާހަށް އައި މުދައްރިސާއި ޚިލާފަށް ކުދިންނާއި ގުޅޭ މުދައްރިސަކަށްވެ، ކުދިންގެ އެއްމެ މަޤްބޫލު މުދައްރިސަކަށް ވެއްޖެއެވެ. ނިކުމްބަކީ ކިޔަވައިދިނުމުގައި ތަފާތު ސްޓައިލެއް ގެންގުޅޭ މީހެއްކަމުން އިސާހިތަކު ހުރިހާ ކުދިންނަށް ސަމާލުކަންދީ ކުދިން ދެނެގަންނަން ފެށިއެވެ. މިގޮތުން އިޝާންގެ ތަފާތު މިޒާޖާއި އޭނާގެ މޫނުމަތިންފެންނަމުންދާ މާޔޫސްވުމުގެ އަސަރުތައް ދެނެގަތެވެ. ކުލާސްތެރޭގައި މަޖާ މާހައުލެއްއުފެދި އެކަމުގައި އެހެންކުދިން މަސްޢޫލުވެ އުޅުނަސް އިޝާންގެ ބައިވެރިވުން ނުފެންނަކަން ފާހަގަކުރެވުނެވެ. މިކަމާ ނިކްމްބް މާޔޫސްވެ، އިޝާން ރަގަޅަށް ދަސްކުރުމަށްޓަކައި އިޝާންކުރިންކޮށްފައިހުރި މަސައްކަތްތައް ރަގަޅަށްބަލާ ތަޙްލީލް ކުރަންފެށިއެވެ. އަދި އޭނާގެ ނާކަމިޔާބީގެ ސިއްރަކީ ސިކުނޑީގެ ބައްޔެއްކަމުގައިވާ dyslexia ‘ޑިސްލެކްޒިއާ’ ކަމުގައި ޔަޤީންކުރިއެވެ.

ހަފްތާ ބަންދުގައި ނިކްމްބް އިޝާންގެ ގެއަށްދެއެވެ. އަދި އިޝާން ކުރިންކޮށްފައިހުރި މަސައްކަތްތައް ބަލާލުމަށް އެދި އިޝާންގެ މަންމަކުރެން އެކަމަށް އެދެއެވެ. މިގޮތުން އިޝާންގެ ފޮތްތައްބަލައެވެ. އަދި އިޝާންގެ ކުރެހުމުގެ ހުނަރު ހުރިމިންވަރު ފެނިފައި ހައިރާންވެއެވެ. އިޝާންއަކީ ތޫނުފިލިކުއްޖެއްކަމާއި އޭނާއަކީ އެހެންކުދިންނާއި ތަފާތުގޮތަކަށް ކަންކަމާއިމެދު ވިސްނާ ފިކުރުކުރާ ކުއްޖެއްކަމުގައި އިޝާންގެ މައިންބަފައިން ކައިރީގައި ނިކުމްބް ބުނެއެވެ. އަދި dyslexia ‘ޑިސްލެކްޒިއާ’ އަކީ ކޮބައިކަމާއި އެއީ ތޫނުފިލިކަންނެތުން ނޫންކަމުގައި ކިޔާދިނެވެ. އަދި އޭނާ އިޝާންއަށް އިތުރަށް ޓިއުޝަންދީގެން އެހީތެރިވާން ބޭނުންކަމަށްވެސް ބުނެއެވެ. ނިކުމްބްގެ މިވާހަކަތަކުގެ ތެދުކަން އަންގައިދިނުމަށްޓަކައި އިޝާންގެ ކުރެހުމުގެ ހުނަރުވެރިކަން ހުރިމިންވަރު އިތުރަށްބުނެދީ އަންގައިދިނެވެ. އަދި ނިކުމްބްގެ ވާހަކަތަކުގެ މަޤްޞަދު އިޝާންގެ ބައްޕައަށް ފަހުމްކޮށްދިނުމަށްޓަކައި ފޮށްޓެއްގެ ބޭރުގައި ޖަޕާންބަހުން ލިޔެފައިވާ ލިޔުންކޮޅެއް ކިޔުމަށް އެދުނެވެ. އެހެންނަމަވެސް އިޝާންގެ ބައްޕައަށް އެލިޔުންކޮޅު ކިޔަންނޭގޭކަމަށް ބުނެއެވެ. މިހިސާބުން އިޝާންއަށް ކިޔަންނޭގޭ ސަބަބު ބުނެދޭންފަށައެވެ.

ޖެހިގެންއައި ހަފްތާގައި ނިކްމްބް ސޫކޫލަށްނުކުމެ، އެދުވަހުގެ ފިލާވަޅެއްގެ ގޮތުން dyslexia ‘ޑިސްލެކްޒިއާ’ ސުރުޚީއަކަށް ނެގިއެވެ. އަދި ޢުމުރުން ކޮންމެވެސް ދުވަސްވަރެއްގައި dyslexia ‘ޑިސްލެކްޒިއާ’ ގެ އުނދަގޫތައް ކުރިމަތިވެފައިވާ ދުނިޔޭގައި ނަން މަޝްހޫރު ޞަޚްޞިއްޔަތުތައް ލިސްޓްކުރިއެވެ. މި ލިސްޓްގައި އަލްބަރޓް އެއިންސްޓަން، ލިއޮނާރޑޯ ޑާ ވިންސީ، ވޯލްޓް ޑިޒްނީ، އަގާތާ ކްރިސްޓީ، ތޯމަސް އެޑިސަން، ޕެބްލޯ ޕިކާސޯއާއި ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އަބީޝެކް ބައްޗަންގެ ނަން ފަހަގަ ކުރިއެވެ. އަދި މި ލިސްޓްގައި ވަރަށް ޚާއްޞަ އެހެން ފަންނުވެރިއަކު ވާކަމަށްބުނެ އެނަން ހާމަނުކޮށް ފިލާވަޅު ނިންމާލައެވެ. ހުރިހާކުދިން ގަޑިނިމިގެން ކުލާހުން ނުކުންނަން ފެށުމުން އިޝާން މަޑުކޮށްލުމަށް ނިކްމްބް (އާމިރު ޚާން) އެދެއެވެ. ނުހަނު އޯގާތެރިކަމާއި އެކު އިޝާންއަކީވެސް dyslexia ‘ޑިސްލެކްޒިއާ’ ގެ އަލާމާތްތައް ފެންނަމުންދާ ކުއްޖެއްކަމުގައިބުނެ އެކަމުގެ ތަފްޞީލްތައް ކިޔާދެއެވެ. އަދި ހަމަ މިވާހަކަތައް ސްކޫލްގެ ޕްރިންސިޕަލަށް ދަންނަވައި އިޝާންއަށް އެހީތެރިކަމާއި ޓިއުޝަން ދިނުމުގެ ހުއްދައަށް އެދެއެވެ.

ޕްރިންސިޕަލްގެ ހުއްދަލިބުމާއި އެކު ނިކްމްބް، އިޝާންއަށް ޓިއުޝަންދޭންފަށައެވެ. އަދި މިކަމުގައި dyslexia ‘ޑިސްލެކްޒިއާ’ ޖެހިފައިވާ ކުދިންނަށް އުނގަންނައިދިނުމަށް ބޭނުންކުރާ ތަފާތު އުކުޅުތައް ބޭނުންކުރަން ފަށައެވެ. އިސާހިތަކު އިޝާން ބަސް އުނގެނުމާއި ހިސާބުގެ ޢިލްމާއިމެދު ޝަވްޤްވެރިވެ އޭނާގެ ހުނަރުއިތުރުވެ މަތީ މާރކްސް ހޯދަންފަށައެވެ. އަހަރު ނިމެން ކައިރިވެފައިވަނިކޮށް ކުރެހުމުގެ މުބާރާތެއް ނިކުމްބް އިންތިޒާމު ކުރެއެވެ. މި މުބާރާތް ހުޅުވާލީ ސްކޫލުގެ ދަރިވަރުންނާއި މުއައްޒަފުންނަށް ހަމަހަމަކޮށް ހިއްސާ ވެވޭގޮތަށެވެ. މުބާރާތުގެ ފަނޑިޔާރަކަށް ހަމަޖެއްސީ އިންޑިއާގެ މަޝްޙޫރު ކުރެހުންތެރިޔާ ލަލީތާ ލަޖްމީ އެވެ. ފިލްމްގައިވެސް ފެނިގެންދަނީ ޚްދު އޭނާއެވެ. އިޝާންއަށް ލިބިފައިވާ ކުރެހުމުގެ އާދަޔާޚިލާފު ހުނަރުބޭނުންކޮށްގެން ކުރެހި ކުރެހުން މުބާރާތުން އެއްވަނައަށް ދިޔައިރު އިޝާންގެ އާރޓްމުދައްރިސް، ނިކުމްބް ކުރެހި އިޝާންގެ ތަޞްވީރަށް ލިބުނީ ދެވަނައެވެ.

މަދަރުސާގެ ކިޔެވުންއޮތް އެއްމެފަހު ދުވަހު އިޝާންގެ މައިންބަފައިން އާރޓް މުދައްރިސާއި ބައްދަލުކުރިއިރު ތިބީ ބަސްހުސްވެފައެވެ. އެހާވެސް ބޮޑު ކުރިއެރުމެއް އިޝާންގެ ހުރިހާ މާއްދާތަކުންވެސް ފެންނަން ހުއްޓެވެ. ޗުއްޓީއަށް ސަހަރަށް ދިއުމުގެ ކުރިން އިޝާން ދުވެފައިގޮސް އާރޓް މުދައްރިސްގެ ގައިގާ ބައްދާލައެވެ. ފިލްމު ނިމިގެންދަނީ ނިކުމްބް، އިޝާން މައްޗަށް އުފުލާލާ ވައިގެތެރެއަށް އެއްލިވަގުތު ފްރޭމް (މަންޒަރު) ހުއްޓުވާލައިގެނެވެ. އިޝާން އުދުހެމުންދާ މަންޒަރު ސިފަކޮށްދެމުންނެވެ.

‘ޑިސްލެކްޒިއާ’dyslexia އަކީ ކޮބާ؟

މިއީ ސިކުނޑީގެ ނުވަތަ ނިއުރޮލޮޖިކަލް ސަބަކާއިހުރެ ކުރިމަތިވާ މައްސަލައެކެވެ. މިއީ އުނގެނުމުގެ ނުކުޅެދުންތެރިކަމެއް ކުރިމަތިކުރުވާ ކަމެކެވެ. މިކަމުގެ ސަބަބުން ބަސްއުގެނުމުގައި ދަތިތަކަކާއި ކުރިމަތިލާންޖެހެއެވެ. މިއީ ދުނިޔޭގެ 10 އިންސައްތަ މީހުނަށް ކުރިމަތިވާ ކަމެއްކަމުގައި ދިރާސާތަކުން ދައްކައެވެ. މި މައްސަލަކުރިމަތިވާ މީހުނަށް ކިޔުމާއި ލިޔުން އަދި ސްޕެލިން ދަސްކުރުމުގައި ދަތިތަކާއި ކުރިމަތިލައެވެ. ޑިސްލެކްޒިއާ ގެ ސަބަބުން ކަންކަމަށްދޭ ޝަވްޤުވެރިކަން ނުބެހެއްޓޭގޮތް ވުމާއި، އަވަހަށް ހަނދާންނެތުން، ހިސާބު ފަހުމްވުމުގެ މައްސަލަ، ބެލެންސްކުރުމާއި އަމާޒުކުރުމުގެ ހުނަރުދަށްވުމާއި ވާހަކަދެއްކުމުގެ ހުނަރުވެރިކަން ދަށްވެއެވެ.

‘ޑިސްލެކްޒިއާ’dyslexia ގެ ސަބަބުން މީހާގެ ތޫނުފިލިކަމަކަށް އަސަރެއް ނުފޯރާނެއެވެ. އަސަރުފޯރުވަނީ އެހެނިހެން ކަންކަމުގައެވެ.
‘ޑިސްލެކްޒިއާ’dyslexia ގެ ސަބަބުން ލިޔަންކިޔަން ނޭގިއެއްނުދެއެވެ. އަދި ވިސްނުމަށް ކޮށިބަޔަކަށްވެސް އެފަދަމީހުން ނުވެއެވެ. އެހެންނަމަވެސް ދަސްވުމުގައި ދަތިގޮތެއްހުރުން އެކަށީގެން ވެއެވެ. މިކަންކަން އެފަދަ ފަރާތްތަކަށް ނޭގޭނަމަ އަމިއްލަ ނަފުސަށް އިތުބާރު ނުކުރެވުމާއި ހިތްވަރު ދެރަވުން ކަހަލަ ކަންކަމާއި ކުރިމަތިލާން ޖެހިދާނެއެވެ.

އަޅުގަނޑުގެ މި މަޒުމޫނުގައި ޑިސްލެކްޒިއާ އަކީ ކޮބައިކަމާއި މިކަމުގެ އަލާމާތް ތަކާއި އަދި މިކަން ތަހައްމަލް ކުރަންޖެހުނު ކުއްޖެއްގެ ވާހަކަތައް ހުށައަޅާ ލެވިއްޖެއެވެ. މިކަމުގެ މަޤްޞަދަކީ މުދައްރިސުންނާއި ބެލެނެވެރިން މިކަމަށް ހޭލުންތެރި ކުރުވުމެވެ. މާތްﷲގެ އިރާދަފުޅުން އަޅުގަނޑުމެންނަށް މިފަދަ ކަމެއް މެދުވެރި ނުކުރައްވާށިއެވެ. އަދި މުދައްރިސުންނާއި ބެލެނެވެރިންނަކީ ދަރިވަރުން ރަގަޅަށް ދަސްކޮށްގެން ތިބޭ، އެކުދިންނަށް އަޅާލުމާއި އޯގާތެރިކަން ދޭ ބަޔަކު ކަމުގައި ލައްވާށިއެވެ. އަޅުގަނޑުމެންގެ ދަރިންނަކީ ތޫނުފިލި، ޚުލްޤްހެޔޮ ކުދިބަޔަކު ކަމުގައި ލައްވާށިއެވެ.

އާމީން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.