ފިލްމު “ނީނާ“ގެ ކުދިކުދި ރޯލުތައް ކުޅުމަށް ލ. އަތޮޅުން ފިލްމުކުޅުމަށް ޝައުގުހުންނަ މީހުން ހޯދަން ފަށައިފިއެވެ.

ނިމިދިޔަ އަހަރު ދިވެހި ސިނަމާއަށް ނެރުނު އެންމެ ތަފާތު އެއް ފިލްމު ކަމަށްވާ “ބަވަތި” ފިލްމު އުފެއްދި ޕްރޮޑަކްޝަން ހައުސް ‘އައި ފިލްމްސް’ އިން އުފައްދާ ދެވަނަ ފިލްމުގެ ޝޫޓްކުރުމަށް ހަމަޖެހިފައިވަނީ ލ. އަތޮޅުގައި ކަމަށް ޑައިރެކްޓަރ އިލްޔާސް ވަހީދު ބުނެެެއެވެ.

ފިލްމު “ނީނާ“ގައި ހަރަކާތްތެރިވުމަށް ބޭނުންވާ ފަރާތްތަކުން ‘އައި ފިލްމްސް’ގެ ފޭސްބްކް ޕޭޖަށް މެސެޖްކުރުމަށް އެދިފައިވެއެވެ. މީގެ އިތުރުން ފިލްމު “ނީނާ“ގެ ރަސްމީ މޮބައިލް ނަންބަރު 7390005 އަށް ގުޅައިގެންވެސް ނަންނޯޓްކުރެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯދުމަށްވެސް އެ ނަންބަރު ބޭނުންކޮށްލެވޭނެއެވެ.

ފިލްމު ”ނީނާ”ގެ ކާސްޓަށް ބަލައިލާއިރު، ލީޑްގައި ހަރަކާތްތެރިވަނީ ނުޒުޙަތު ޝުޢާއިބް، އަލަށް ތަޢާރަފުކުރާ ޝަރަފް ޢަބްދުﷲ، ޖުމައްޔިލް ނިމާލް އެވެ. މީގެ އިތުރުން ހަމްދޫން ފާރޫޤް، ޢަލީ ޔޫޝަޢު އާއި އަލަށް ތަޢާރަފްވާ ނަތާޝާ ޖަލީލް، ނާޖިހާ އަޒޫރް، ޢަލީ އިނާޒް، އަލަށް ތަޢާރަފްވާ އިބްރާހިމް ޝާއިފް، މުޙައްމަދު ޢަލީ (މޯޑެކްސް)، އަލަށް ތަޢާރަފްވާ ޙަސަން ސާމިހް މުޙައްމަދު، ހަސަން ޝިނާން އަދި މަރިޔަމް ޝަކީލާ އާދަމް ހިމެނެއެވެ.

ފިލްމުގެ މިއުޒިކް ހަދަނީ ހުސައިން ތައުފީގް އެވެ. މޭކަޕް ހަދައިދެނީ ”ބަވަތި“ގައި ފެނިގެންދިޔަ ފުރިހަމަ މޭކަޕްތައް ހެދި އާޓިސްޓް ރުޠުބާ އަޙްމަދު އެވެ.

މި ފިލްމުވެސް ކެމެރާ ކުރަނީ ”ބަވަތި“ ކެމެރާކުރި ހުނަރުވެރި ކެމެރާމަން ވިޝާން (ކަނޑި) އެވެ. އެޑިޓިން އާއި ޕޯސްޓް ޕްރޮޑަކްޝަން ހަދަނީ ”ބަވަތި“ ގައި ވެސް އެ މަސައްކަތްތައް ވަރަށް ފުރިހަމައަށް ކޮށްފައިވާ ’އޯކޭޒް އިންކް‘ އިނެވެ. ވިޝުއަލް ހަދަނީ އޯކޭޒް އިންކް ގެ ސާމީ އެވެ.

ފިލްމުގެ ވާހަކަ އާއި ސްކްރިޕްޓް ލިޔުނީ އިލްޔާސް ވަހީދު އެވެ. އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ ޓީވީ ޕްރޮޑަކްޝަން ތަކުން ތަޖުރިބާ ލިބިފައިވާ ”ބަވަތި“ ގެ ލީޑުން ފެނިގެންދިޔަ އަހްމަދު އިފްނާޒް ފިރާގް އެވެ. މި ފިލްމުގެ ވެސް ޕްރޮޑިއުސަރުންނަކީ އާސިމް އަލީ އާއި އަޙްމަދު ވަހީދު އެވެ. މިއީ އިލްޔާސް ވަހީދު ޑައިރެކްޓްކުރާ ދެވަނަ ފީޗާ ފިލްމެވެ.

މުނިއަވަސް އިން އޮންލައިން މީޑިއާ ޕާޓްނަރުކަން ކުރާ ފިލްމު ”ނީނާ“ ރިލީޒްކުރަނީ 2020 ގައެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.