ރާއްޖޭގައި މިހައިތަނަށް އުފެއްދި އެންމެ ތަފާތު، އަދި އެހާމެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ވެބް ސީރީޒް “އެހެނަސް” ސީޒަން 2ގެ 95 ޕަސެންޓް ޝޫޓިން ނިމިއްޖެ ކަމަށް އަޙްމަދު އިޤްބާލް (އައިކިޔު) ބުނެފިއެވެ.

ރަނޑު އަދި ގެވެށިއަނިޔާގެ ޝިކާރައަކަށް ވެފައިވާ ފިރިހެން ކުއްޖެއްގެ ހަޔާތް ދައްކުވައިދޭ މި ސީރީޒް އަކީ ވާހަކަ ލިޔުންތެރިޔާ އަހުމަދު އިގްބާލް (އައިކިޔު) ލިޔެ، ހުނަރުވެރި ޑައިރެކްޓަރު ރަވީ ފާރޫޤް ޑައިރެކްޓްކޮށް ގެނެސްދޭ ސީރީޒެކެވެ.

ދެވަނަ ސީޒަންގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، މި ސީޒަން ދައްކަން ފަށާނެ ތާރީޚެއް ވަރަށް އަވަހަށް ހާމަކުރާނެކަމަށް މުނިއަވަސް އަށް މިއަދު އައިކިޔު ބުންޏެވެ.

“އެހެނަސް” ގެ ލީޑް ނިޔާޒްގެ އާއިލާ – ފޮޓޯ: އެހެނަސް ޓީމް

“އެހެނަސް” ގެ ފުރަތަމަ ސީޒަންއިން ފެނިގެންދިޔަ ތަރިންގެ އިތުރުން އައު މޫނުތަކެއް ފެނިގެންދާނެ ކަމަށްވެސް އައިކިޔު މަޢުލޫމާތު ދެއެވެ.

“އެހެނަސް”ގެ ފުރަތަމަ ސީޒަންގެ ދިހަ އެޕިސޯޑަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ އިރު، އެ ސީޒަން ނިމިގެން ދިޔައީ ލީޑް ރޯލް ނިޔާ (މުޙައްމަދު ވިޝާލް) ގެެ ހަޔާތަށް ބައިވެރިއެއް ގެނެސްފައިވާކަން އަންގަމުންނެވެ. ނިޔާ ގެ އަންހެނުން ޝާއިރާ (ޢާއިޝަތު ރިޝްމީ) އެންމެންނަށް ތަޢާރަފުވެގެން ދިއުންވީ އެތައް ހާސް ސުވާލުތަކެއް އުފެދުނު ކަމަކަށެވެ. އުފެދުނު ހުރިހައި ސުވާލެއްގެ ޖަވާބު ކުރިޔަށް ހުރި އެޕިސޯޑްތަކުން ލިބިގެންދާނެއެވެ. އިންތިޒާރުކޮށްލަމާ ހިނގާށެވެ.

“އެހެނަސް” ގެ ލީޑް ނިޔާޒް އަދި މަންމަބައި ކުޅޭ ޝީލާ – ފޮޓޯ: އެހެނަސް ޓީމް

ވީޑިއޯ ސްޓްރީމިން އެޕް ބައިސްކޯފުން ކާމިޔާބުކަމާއެކު “އެހެނަސް”ގެ ފުރަތަމަ ސީޒަން ދައްކާފައި ވާއިރު މިއީ އާދަޔާޚިލާފު ބޮޑު ތަރުހީބެއް ލިބިފައިވާ ސީރީޒްއެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.