ބެލުންތެރިންނާ ހަމައަށް ފިލްމެއް ގެނައުމަކީ ބުރަ މަސައްކަތެކެވެ. އެފިލްމަކީ ކާމިޔާބު، ބެލުންތެރިންނަށް ކަމުދާ، ބެލުންތެރިން ބަލައިގަންނަ ފިލްމަކަށް ހެދުމަށްޓަކައި ފަންނާނުން ކުރާ ބުރަ މަސައްކަތަށް ތައުރީފު ހައްގެވެ. ފަންނާނުންނަށް އައްސަރިބަހާ ސާބަހެވެ.
އެހެންނަމަވެސް ހިތާމައަކީ ފަންނާނުން ނުނިދާ، ނުކައިނުބޮއި ކުރާ މަސައްކަތް ހިނދުކޮޅެއްގެ ތެރޭގައި ބޭކާރުކޮށްލުމަކީ ބައެއް މީހުންނަށް ނުވަތަ ބަޔަކަށް ފަސޭހަ ކަމަކަށް ވުމެވެ. މިފަހަކަށް އައިސް ސިނަމާގައި އެޅުވި ގިނަ ފިލްމް ތަކެއް ވަނީ ލީކްކޮށްލާފައެވެ. މިގޮތުން ބަލާލާއިރު މުއާގެ “ލީނާ”، ނަހޫގެ “4426” އަދި “ބޮސް”، ނިއުމާގެ “ނިވައިރޯޅި”، އިއްލެގެ “ބަވަތި” މިވަނީ ލީކް ކޮށްލައިފައެވެ. މީގެތެރެއިންވެސް ނަހޫގެ “4426” އަދި “ބަވަތި” ލީކްކޮށްލުމުން ބޮޑު ގެއްލުމެއް ޕްރޮޑިއުސަރުންނަށް ވަނީ ލިބިފައެވެ.
އެތައް ދުވަހެއްގެ އެތައް ވަގުތެއް ގުރުބާން ކޮށްލައިގެން ނުހަނު އުއްމީދާއެކު ކުރާ މަސައްކަތް ފެނަށް ދިޔުމުން ހަމަ ކޮންމެ މީހަކުވެސް ދެރަވާނެއެވެ. ގޮތް ހުސްވެ، މާޔޫސްވެސް ވާނެއެވެ. އެހެންނަމަވެސް ފިލްމް ލީކް ކޮށްލުމުންވެސް ދެންވެސް އެކަމުން އަރައިގަތުމަށް ނުވަތަ މާޔޫސް ނުވެ އިތުރު ހިތްވަރަކާއެކު މަސައްކަތް ކުރުމަކީ ގައިމުވެސް އަޅުގަނޑުމެންގެ ފިލްމް އިންޑަސްޓްރީގެ ފަންނާނުންގެ ކިބައިން ފެންނަމުންދާ އުފާވެރި، ހިތްވަރުގަދަ މަންޒަރެކެވެ. އަނެއްކާވެސް ފަންނާނުންނަށް އައްސަރިބަހާ ސާބަހެވެ.
ކަމާ ބެހޭ ފަރާތްތަކަށް ކުރެވޭނެ ކަމެއް ނެތް ކަމުގެ ތުހުމަތު!
ފަހުގެ ފިލްމެއް ލީކް ކޮށްލި ކަމުގެ މައުލޫމާތު ލިބުމާއެކު ގައިމުވެސް ކޮންމެ މީހަކުވެސް އެންމެ އަވަހަށް ބޭނުންވާނީ އެފިލްމެއް ބަލާލާށެވެ. އެއީ އަޅުގަނޑު ކަމުގައިވިޔަސް، އެކަން އޮތީ ހަމަ އެހެންނެވެ. އެހެންނަމަވެސް މިކުރެވެނީ ބައެއްގެ ބުރަ މަސައްކަތުން ހޯދައިފައިވާ އެއްޗަކުން ކޮށްފައިވާ ވައްކަމެއްގައި ބައިވެރިވުން ފަދަ ކަމެއް ނޫންތޯއެވެ. ފިލްމް ލީކްވުމާއެކު ޕްރޮޑިއުސަރުން ބަލަނީ އެންމެ އަވަކަށް އެ ފިލްމް ރައްކާތެރިކޮށް އެލީކް ކޮށްލުމުގެ ކުށުގައި ބައިވެރި މީހުން ހޯދުމަށެވެ. އެހެންނަމަވެސް އެލީކް ވާ ފަރާތްތަކަކީ އެފިލްމް ރައްކާތެރިކޮށްދޭން ތިބި ފަރާތް ކަމުގައިވުމުން ގައުމުގެ ރައްޔިތުން ފިލްމް ބެލިއަސް، ކުރެވޭނެ އިތުރު ކަމެއްނެތި ފިލްމް އިތުރަށް އާއްމު ނުކުރުމަށް ނުވަތަ ސޯޝަލް މީޑިޔާގައި ޝެއަރ ނުކުރުމަށް އާދޭސް ކޮށްކޮށް ތިބުން ނޫން ގޮތެއް ޕްރޮޑިއުސަރުންނަށް ނުވަތަ ފިލްމް އުފެއްދި ޓީމަށް ނެތުމަކީ ހިތާމަ ހުރި ކަމެކެވެ.
“އަޅުގަނޑުގެ “ޔޫސުފް” ލީކް ކޮއްލި މީހާ އެއީ އާއްމުންގެ މީހަކަށް ވުމުން ނިކަން އަވަހަށް މައްސަލަ ބަލާ އެމީހާއަށް ހުކުމް ކޮށް ޖަލައްވެސް ލެވުނު. އެހެންނަމަވެސް އަޅުގަނޑުގެ “4462” އެއީ އެންސީއޭއަށް ދިން ކޮޕީ. އެތަނުން ލީކްކޮށްލީ. ވިޔަފާރި ކޮށްކޮށް އިންދާ. ފުލުހުންނަށް މައްސަލަ ހުށައެޅީމަ ބުނީ އެމައްސަލަ ބަލައިފީމޭ. އެތަނުން (އެންސީއޭ) އެ ލީކް ކޮށްލި ކަމަކަށް ނުފެނެއޭ. ސަރުކާރުގެ މުއައްސަސާއެއްވީމަ ދެން އަޅުގަނޑުމެން އަންގާފައޭވީ އެތަނުން އިންޓާނަލް އިސްވެޓިގޭޝަނެއް ކުރަން. އަޅުގަނޑު ދެންނެވިން. ދެން ތިއީ ވަގުން ކައިރީ އަމިއްލައަށް ވައްކަން ކުރި މީހާކައިރީ މައްސަލަ ބަލަން ބުނުން ނޫންތޯއޭ؟” ކާމިޔާބު ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ ނަހުލާ ބުންޏެވެ.
“އަޅުގަނޑުމެންގެ ފިލްމް “ހޭލާ” އަދި “އެންމެ ފަހު ވިންދާ ޖެހެންދެން” ލީކްވީ އޮލިމްޕަހުން.” ކާމިޔާބު ފިލްމްތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ބުންޏެވެ.
“އަޅުގަނޑުގެ ފިލްމު “މީ ލޯތްބަކީ” އޮންލައިންކޮށް ވިއްކި ކުއްޖާގެ މައްސަލަ އެކަނި ފުލުހުންނަށް ހުށައެޅީ. އެހެން އެއްވެސް ބައެއްގެ މައްސަލައެއް ހުށައެއް ނާޅަން. ލީކްކޮށްލި ގޮތަކީ އައިސް ޓީވީން “މީ ލޯތްބަކީ” ދެއްކިއިރު، ރެކޯޑްކޮށްފަ އޮންނައިންކޮށް 20 ރުފިޔާއަށްކަން ނޭނގެ 50ރުފިޔާއަށް އޭނަ އޮންލައިންކޮށް ވިއްކީ. އެހެންވީމަ މައްސަލަ ހުށައެޅީ. އެކުއްޖާގެ މައްސަލަ ވަރަށް ގިނަދުވަސް ވަންދެން ޕޮލިހުގަ ބަލާފަ ދެން އަޅުގަނޑަށް އެއްދުވަހަކު ފޯނުކޯލަކުން ބުނީ އޭނަގެ ފުރަތަމަ ކުށޭ އެހެންވީމަ އޭނައަށް މާފުކުރަންވީ ނޫންހޭ. ދެން އޭރު އެ ފިލްމު އޮތީ މީޑިއާ ނެޓުން ގަންފައޭ އެހެންވީމަ ދެން އެމީހުންވެސް އެކަންތަކަށް އޯކޭއޭ އެހެންވީމަ ތިކޮޅުން (ޑާކްރެއިން އިން) ކީކޭހޭ ބުނާނީ. ދެން އަޅުގަނޑު ކީކޭތޯ ބުނާނީ؟” މޮގާ އިތުރަށް ބުންޏެވެ.
“ޑާކްރެއިން އިން ނެރުނު ގާތްގަނޑަކަށް ހަމަ ހުރިހާ ފިލްމެއް، އަޅުގަނޑަށް އެނގިގެން މާމުއި އާ ވަކިން ލޯބިންނާ ގޮށްރާޅާ ނޫނިއްޔާ އަޅުގަނޑަށް ހީވަނީ މިހާރު ހުރިހައި އެއްޗެއްސެއްވެސް އެބަހުރިކަން ނޭނގޭ ލީކްކޮށްލާފަ.” ފިލްމު ލީކްކުރާ މިންވަރު މޮގާގެ މި ވާހަކަކޮޅުން އެނގުމުން ހައިރާންވާވަރު ނުވޭތޯއެވެ.
“ބަވަތި ލީކް ކޮށްލުމުން އަޅުގަނޑުމެން މައްސަލަ ފުލުހުންނަށް ހުށައެޅިން، އެކަމަކު ފުލުހުން ބުނީ ރާއްޖޭގަ ނެތޭ ޑާޓާ ޕްރޮޓެކްޝަން ގާނޫނެއް. އެހެންވީމަ ނެތޭ އެޅޭނެ ފިޔަވަޅެއް.” ދާދި ފަހުން ލީކް ކޮށްލި ކާމިޔާބު ފިލްމް “ބަވަތި”ގެ ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ އިއްލެ ބުންޏެވެ. ފިލްމް ލީކް ވުމާއެކު ނުހަނު ބޮޑު ގެއްލުމެއް ލިބި އިތުރަށް އެފިލްމް ސޯޝަލް މީޑިޔާގައި ޝެއަރ ނުކުރުމަށް މާޔޫސް ކަމަށާއެކު އިއްލެ އާއި “ބަވަތި” ޓީމް އާދޭސް ކުރިއެވެ. އަދި އިއްލެއާއި ޓީމް ކުރި ބުރަ މަސައްކަތުން ފިލްމް މިހާރުވަނީ ސޯޝަލް މީޑިޔާ އިން ނަގާފައެވެ.
ކޮޕީރައިޓްސް ގާނޫނުން ފަންނާނުންނަށް ރައްކާތެރިކަން ލިބޭތަ؟
ރާއްޖޭގައި ކޮޕީ ރައިޓްގެ ގާނޫނެއްވަނީ 2011 ވަނަ އަހަރު އެކުލަވާލެވި އެއަށް އަމަލު ކުރަންފަށާފައެވެ. އެހެންނަމަވެސް އެގާނޫނުން ދިވެހި އުފެއްދުންތަކަށް އެއްވެސް ހިމާޔަތެއް ނުލިބޭކަމަށް މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އަދި ހަމައެހެންމެ މިފަހުން ލީކްވި ފިލްމްތަކުގެ މައްސަލަތައް ބެލިފައި ނުވާކަމަށް ފަންނާނުން ތުހުމަތުކުރެއެވެ. ސަބަބަކީ ފަހުން ހުށައެޅުނު މައްސަލަތަކަށް އެއްވެސް ހައްލެއް ލިބި ފިލްމް ލީކްކުރި ފަރާތްތަކަށް އަދަބެއް ދެވިފައި ނުވުމެވެ. އެހެންކަމުން ކޮޕީ ރައިޓްސްގެ ގާނޫނުން އެދެވޭ ނަތީޖާއެއް ނުލިބޭ ކަމީ ފަންނާނުންގެ ކަންބޮޑުވުމެކެވެ.
ޑޭޓާ ޕްރޮޓެކްޝަން ގާނޫނަކުން މައްސަލަ ހައްލުވެދާނެތަ؟
“މައްސަލަ ހައްލުވާނީ އެންމެން އެއްބާރު ލައިގެން.. ދާއިރާގެ މީހުންވެސް އެބައުޅޭ މިކަން ކަމުގައި. ކޮޕީ ރާގުވެސް ބޭނުން ކުރަނީ. އެކަން ކަން އަމިއްލައަށްވެސް ހުއްޓީމަ ދެއްތޯ ކަންކަން ހައްލުވާނީ.. މިއީ ވަރަށް ދެރަ ކަންކަން” މޮގާ ބުންޏެވެ.
ބަވަނަ ވެފައިވާ މިޒަމާނުގައި ޓެކްނޮލޮޖީގެ ރޮގުން އަޅުގަނޑުމެން މިވަނީ ކުރިއަރައި ގޮސް އަތުފަތު ނުޖެހޭ ހިސާބުގައެވެ. އެހެންކަމުން މިފަދަ ގާނޫނެއް އަޅުގަނޑުމެންނަށް ޙާއްސަކޮށް ފަންނާނުންނަށް އެބޭފުޅުންގެ މަސައްކަތް ރައްކާތެރިކުރުމަށް މުހިންމެވެ.
ފިލްމެއް ލީކްވުމުން އެފިލްމެއް ލީކް ކޮށްލި ފަރާތެއް ހޯދުމަށް އަވަސްވެ ގަނެވެއެވެ. އެހެންނަމަވެސް ލީކް ކޮށްލާފައި އިން ކޮޕީ ރިޕޯޓް ކޮށްލާ ފިލްމް އުފެއްދި ފަރާތުގެ މަސައްކަތަށް އިހްތިރާމް ކޮށްލުން ވާނީ ކިހިނެއްތޯ؟ އެފިލްމް ޝެއަރކޮށް، ލީކް ކޮށްލި މީހުންނަށް ނުވަތަ ބަޔަކަށް ހިތްވަރު ނުދެމާތޯއެވެ. ފިލްމެއް ލީކްކޮށްލެވިދާނެއެވެ. ދުނިޔޭގެ ބޮޑެތި ވެބްތަކުން ވެސް ރިކޯޑް ކޮށްގެން ލީކް ކޮށްލާފައިވާ ފިލްމްތައް ބައިވަރެވެ. އަޅުގަނޑުމެން އެންމެން ދަންނަ ނެޓް ފްލިކްސްއިން ރިކޯޑް ކޮށްލައިގެން ކޮންމެ ދުވަހަކުވެސް ފިލްމްތަކާ ސީރީޒްތައް ދަނީ ލީކް ކުރަމުންނެވެ. އަދި އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖޭގައި ކުރިއަރަމުން އަންނަ މިފަދަ ޕްލެޓް ފޯމުތަކުން ރިކޯޑް ކޮށްލައިގެން ލީކް ކޮށްލުމަކީ ދާދި ފަސޭހަކަމަކަށް މިވަނީ ވެފައެވެ. އެހެންނަމަވެސް ފަންނާނުންގެ އަގުވަޒަންކޮށް މިފަދަ ނޭއްގާނީ ކަންކަމަށް ހިތްވަރު ދޭބަޔަކަށް އަޅުގަނޑުމެން ނުވަމާތޯއެވެ. ނިންމާލަމުންވެސް އަދިވެސް އެއްފަހަރު ބުނެލަމެވެ. ފަންނާނުންނަށް އައްސަރި ބަހާ ސާބަހެވެ. ތިޔަކުރާ މަސައްކަތަށް ތައުރީފު ހައްގެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 4 މާރޗް 2021ޚަބަރުލަވަކިޔުންތެރިޔާ ޝްރެޔާ ބަނޑުބޮޑު!
- 28 ޖެނުއަރީ 2021ޚަބަރުއިންޑިއަން އައިޑަލް އަބީޖީތު ރާއްޖޭގައި
- 10 ޑިސެމްބަރ 2020ޚަބަރުދެކުނު އިންޑިޔާ ސިނަމާއިން އެންމެ “ހޭންޑްސަމް” ފަސް ތަރިން
- 9 ޑިސެމްބަރ 2020ރިޕޯޓްލޯބިވާ ބައްޕާއެވެ. ޝުކުރިއްޔާއެވެ.
bala beyruge filmuthakun copy kurumakee bs vakkan dhw
Furathama hisaa dhaarun producer ah vagah film vikaa leak kolun huhtaalanvee dhen vahakan huhtteynee1
ބައެއް ފަހަރު ފިލްމް ލީކު ކޮށްލަނީ ފިލްމް ހަދާ މީހުން. އެއީ ފިލްމުގައި އެކި ގޮތްގޮތުން މަސައްކަތް ކުރި މީހުންނަށް ދޭންޖެހޭ ފައިސާ ނުދީ ދައްކާނެ ބަހަނާއެއް ގޮތުން. މިސާލަކަށް ލީނާގެ ލީކު ވީ ސީދާ ޕްރޮޑިއުސަރުގެ ވޯޓަރމާކް އިން ކޮޕީއެއް. ދެން އަނެއް ޕްރޮޑިއުސަރ ނޫސްތަކަށް އިންޓަވިއު މިދެނީ ފިލްމް ލީކުވިތާ ދެދުވަސްތެރޭ މިތަށް ހާސް ބަޔަކު ބަލައިފިއޭ. ފިލްމްގެ އެއް ޕްރޮޑިއުސަރ މަހަކު ގައުމަކަށް ލޯބިވެރިޔާ ގޮވައިގެން ދަތުރު ކުރުމުގަ. ފިލްމްގަ މަސައްކަތް ކުރި މީހުން ކައިރީ މި ބުނަނީ ލީކުވީމަ ލާރިއެއް ނުލިބުނޭ.