ދިވެހިރާއްޖޭގެ ފަރުތަކަކީ ތަފާތު ގިނަ ވައްތަރުތަކުގެ ބޮލި ފެންނަ ފަރުތަކެކެވެ. ނަމަވެސް ރާއްޖޭގެ ފަރުތަކުން ކެއުމަށް ނަގަމުންދިޔަ ބައެއް ބޮލިތަކަކީ މިހާރު ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ދެމެހެއްޓުމާއި ބެހޭ ޤާނޫނުގެ ހަތަރުވަނަ މާއްދާގެ (ހ) ގެ ދަށުން ހިމާޔަތް ކޮށްފައިވާ ދިރޭ ތަކެތީގެ ލިސްޓުގައި ހިމެނޭ ތަކެއްޗެވެ. އޭގެ ތެރޭގައި ސަންގު އަދި ގާހަކަފަދަ ބޮލިތައް ހިމެނެއެވެ.

މި ލިޔުމުގެ ފުރަތަމަ ބައިގައި ފާހަގަކޮށްފައިވާ ފަދައިން މި ބޮލިތަކުގެ ނަންތައް ލިޔުމުގައި އިސްކަން ދެވިފައިވާނީ އަޅުގަނޑުގެ ރަށް ކަމުގައިވާ ހދ. ހަނިމާދޫގައި މި ބޮލިތަކަށް ކިޔައިއުޅޭ ނަންތަކެވެ. އެއީ ފަހަރެއްގައި ކިޔުންތެރިންނަށް އައު ނަންތަކަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

ސަންގު

ސަންގު – ފޮޓޯ: މުނިއަވަސް

ސަންގަކީ ފޫއެނބުރި އާއިލާއަށް ނިސްބަތްވާ ބޮއްޔެކެވެ. މި ވައްތަރުގެ ސަންގަކީ ރާއްޖޭގެ ފަރުތަކުން ފެންނަ ބޮޑެތި ބޮލިތަކުގެ ތެރެއިން އެއް ބޮއްޔެވެ. ފޮޓޮއިން ތިޔަފެންނަ ވައްތަރުގެ ސަންގަކީ ފޫޓެއްގެ މިންވަރަށް ބޮޑުވާ އެއްޗެއްކަން ފާހަގަކުރެވެއެވެ. މި ބޮލި ރާއްޖޭގެ ތިލަ ފަޅުތަކުން ވެސް ގިނަ އަދަދަކަށް ފެނެއެވެ. ހަރު ތޮށިގަނޑެއް އޮންނަ މި ވައްތަރުގެ ސަންގުގެ ބުރަކަށިމަތީގައި އުފުލިފައި ހުންނަ ބައިތަކެއް ހުރެއެވެ. ބުރަކަށިމަތީ ގަދަ މުށިކުލަ ހުންނައިރު ބޮލީގެ އަނގަމަތި ހުންނަނީ ހުުދު ކުލައަކަށެވެ. މިއީވެސް އެއްޒަމާނެއްގައި ދިވެހިންގެ ތެރޭގައި ކެއުމަށް ބޭނުންކުރި ބޮއްޔެކެވެ. ނަމަވެސް މިހާރު ރާއްޖޭގެ ފަރުތަކުން މި ބޮލި ނެގުންވަނީ މަނާކޮށްފައެވެ.

ހަކޮށި

ހަކޮށި ނުވަތަ ގާހަކަ – ފޮޓޯ: މުނިއަވަސް

ހަކޮށްޓަކީ ހަނިމާދޫގައި މި ބޮއްޔަށް ކިޔައި އުޅޭ އެންމެ އާންމު ނަމެވެެ. ގާހަކަ ވެސް ކިޔައި އުޅެއެވެ. ރާއްޖޭގައި ކިޔައިއުޅޭ އެންމެ އާންމު ނަމަކީ ގާހަކައެވެ. ގާހަކަ އަކީ ރާއްޖޭގެ ތިލަ ފަރުތަކުގެ އިތުރުން ފުން ހިސާބުތަކުން ވެސް ފެންނަ ގާތަކުގެ ތެރޭގައި ހުންނަ ބިޔަ ބޮޑު ރިނދައްޔެކެވެ. ގަލުގައި ހަރުވެފައި އަދި ގަލުގައި އެ ޖާގައިގަ އިނދެ ބޮޑުވަމުން އަަންނަ މި ބޮއްޔަކީ އެއްތަނުން އަނެއްތަނަށް އެއްވެސް ވަރަކަށް ދުވެހަދާ އެއްޗެއް ނޫނެވެ. މުޅިއުމުރުގައި ވެސް މި ބޮލި އިންނާނީ ގަލުގައި އެ އިންނަ ތަނެއްގައި ހަރުލައެވެ. މި ވައްތަރުގެ ބޮޑެތި ބޮލި ފުން ހިސާބުތަކުގެ ވެލިގަނޑުމަތީގައި ވެސް ހުންނަ ކަން ފާހަގަކުރެވެއެވެ. މި ބޮއްޔަކީ ދެ ފޫޓުގެ މިންވަރަށް ބޮޑުވާ ބޮއްޔެކެވެ. ދިވެހިން ކެއުމަށް މި ބޮލިނަގައި އުޅުނު ނަމަވެސް މިހާރު މި ބޮލި ފަރުތަކުން ނެގުމަކީ މަނާކަމެކެވެ.

ކުނބޯ

ކުނބޯ – ފޮޓޯ: މުނިއަވަސް

މި ބޮއްޔަކީ ފޫއެނބުރި އާއިލާއަށް ނިސްބަތްވާ ބޮއްޔެކެވެ. ހަނިމާދޫގައި މި ބޮއްޔަށް ކުނބޯ ކިޔައިއުޅެއެވެ. ރާއްޖޭގެ ބައެއް ހިސާބުގައި މިއަށް ފޫއެނބުރި ވެސް ކިޔާއުޅެއެވެ. އެންމެ އާންމު ނަމެއްގެ ގޮތުގައި ފާހަގަކުރެވެނީ މި ނަމެވެ. މި ވައްތަރުގެ ހުދުކުލައިގެ ބޮއްޔަށް ހުދު ފޫއެނބުރި ކިޔައެވެ. ފަސް އިންޗީގެ މިންވަރަށް ބޮޑުވާ ކަމަށް ފާހަގަވާ މި ބޮއްޔަކީ ތިލަ ފަރުތަކުން ގިނަ އަދަދަކަށް ފެންނަ ބޮއްޔެކެވެ. މަސްލައި ވެލިގަނޑާއި ގާތަކުގެ މަތީގައި ވެސް ދުވެއުޅޭ މި ބޮލި ދިވެހިންގެ ތެރޭގައި ކައި އުޅެއެވެ.​

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.