އެންމެ ދެ އަހަރުވެސް ނުވާ ތުއްތު ފުރާނަ އެ މައުސޫމު ކުއްޖާގެ ބައްޕަ އަދި ބައްޕަ ފަރާތުގެ ކާފަގެ އިތުރުން މުނިކާފަގެ މުޑުދާރު އަތްތަކުގެ ޝިކާރައަކަށް ހަދާލި ވާހަކަ ވެގެން ދިޔައީ މުޅި ދިވެހިރާއްޖެ ރޮއްވައިލި ވާހައަކަށެވެ.

މި މައްސަލައިގެ ކުރިތައް އެންމެ ފުރަތަމަ ފެޅީ، ކުއްޖާގެ މަންމަ މަސްތުވާތަކެއްޗަށް އޯވަޑޯޒްވެގެން މާލެއަށް ގެނައި ހިސާބުން ކުއްޖާގެ ދެފަރާތުގެ އާއިލާގެ މެދުގައި ހިނގި ދެބަސްވުމެއްގަ އެވެ.

މިި ވާހަަކަ ތަކާއެކު އިންސާފަށް އެދި މުޅި ރާއްޖެ ސަލާންޖަހަމުން ދިޔަ ދަޑިވަޅެއްގައި ރައްޔިތުންގެ ކަންބޮޑުވުން ފިލުވައިދިނުމަށް އިސްކުރެވިފައިވާ ކަމަނާ ވިދާޅުވީ ތިމަން ކަމަނާ އިސްތިއުފާ ދިނުމުން ރޭޕް ކުރުން ހުއްޓުވޭނެ ކަމުގެ ޔަގީންކަން ދީފިނަމަ އިސްތިއުފާ ދެއްވާނެކަމަށެވެ. މި ހިސާބުން ހަމަ ރަގަޅަށްވެސް ކަމަނާގެ ގާބިލް ކަމާމެދު ސުވާލު އުފެދިއްޖެއެވެ.

އިއްޔެގައި ޖެންޑާ މިނިސްޓްރީއިން ބޭއްވި ޕުރެސްގައި އެކަމަނާ ވިދާޅުވި ގޮތުގައި، އެ ކުއްޖާއަށް އަނިޔާލިބުމުގެ މައްސަލަ ހުށަހެޅުމުގެ ކުރިން އެ ކުއްޖާގެ މަންމަ އޯވަޑޯޒްވެގެން ހޮސްޕިޓަލްގައި އެޑްމިޓްކުރި ހިސާބުން ޖެންޑާގެ އޮފިޝަލުން އެ ރަށަށް ގޮސް އެ މައްސަލަ ބެލި އެވެ. އެކަމަކު، ތުއްތު ކުއްޖާގެ މައިންބަފައިން އުޅެނީ އެކުގައި ކަމަށް ވުމުން، ތުއްތު ކުއްޖާ ބައްޕަގެ ބެލުމުގެ ދަށުގައި ބެހެއްޓުން ރަނގަޅު ކަމަށް ނިންމީ އެވެ.

ކަމަނާގެ މި ވާހަކަތަކާއެކު އެތަކެއް ސުވާލުތަކެ އުފެދިއްޖެއެވެ. ތުއްތު ކުއްޖާގެ މަންމަ އެ ހާލަތަށް ދިޔުމުން، ކުއްޖާއަށް ނުރައްކާ އޮތް މިންވަރާ މެދު ޖެންޑާއިން ރިސްކް އެސެސްމަންޓެއް ނުހެދީ ކީއްވެ ހެއްޔެވެ؟ އެ ކުއްޖާގެ ބައްޕަވެސް މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ތުހުމަތުތައް އޮތް އިރު އެ ކުއްޖާ ބައްޕަގެ ބެލުމުގައި ދަށުގައި ކުއްޖާ ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޖެންޑާއިން ނިންމީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްގެން ހެއްޔެވެ؟ އަދި އެ ކުއްޖާ ދިރިއުޅެމުން ދާ ގޭގައި، ޖިންސީ ފުރައްސާރައިގެ ތުހުމަތު އޮތް މީހަކު ހުރިއިރު އެކަމަށް އެ ދުވަހު ރިއާޔަތް ނުކުރީ ކީއްވެ ހެއްޔެވެ؟

މަސްތުވާތަކެތީގެ މައްސަލަތައް އޮތް ގެއެއްގައި ދެ އަހަރުނުވާ ކުއްޖާގެ މަންމަ މަސްތުވާތަކެއްޗަށް އޯވަޑޯޒް ވާ ހިސާބަށް ދާނީ ލައްކަ ބައިވަރު މައްސަލަތަކެއް ކުއްޖާ ދިރިއުޅޭ މާހައުލުގައި ހުރުމުން ކަމަށް ޖެންޑާގެ އޮފިޝަލުންނާއި ކަމަނާފުޅުގެ ސިކުނޑި އަށް ނައުމުން ކަމަނާފުޅާ މިނިސްޓްރީ އަށް އައްޔަނުކުރެވިފައިވާ މުވައްޒަފުންގެ ގާބިލްކަމާމެދު ހަމަ ރަގަޅަށްވެސް ސުވާލު އުފެދިއްޖެއެވެ.

އޯވަޑޯޒްވެގެން މަންމަ މާލެއަށް ގެނައިއިރު، ކުއްޖާ ދިރިއުޅެމުން ދިޔައީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ހުރި އެކުއްޖާގެ ބައްޕައާއި ޖިންސީ ގޯނާ ކުރާ ކަމަށް ރަށު ތެރޭގައި އަޑުފެތުރިފައިވާ އެކުއްޖާ ކާފައާއި އެފަދަ މައްސަލައެއްގެ ދައުވާ މިހާރު ވެސް އެމީހެއްގެ މައްޗަށް އުފުލައި ޝަރުއީ މަރުހަލާގައި މައްސަލަ ކުރިއަށްދާ މުނިކާފައާ އެއް ފުރާޅެއްގެ ދަށުގަ އެވެ. ހުސް ފިރިހެނުންނާއެކުގަ އެވެ. ކުއްޖާ ބައްޕައާއި ކުއްޖާ ހަވާލުކުރުމަކީ އެންމެ ރަގަޅުގޮތް ކަމަށް އެދުވަހު ޖެންޑާ މިނިސްޓްރީން ނިންމީ ކޮން އަސާސަކަށް ބިނާކޮށް ކަމެއް ހަމަ އެއްގޮތަކަށް ވެސް ނޭނގުނެވެ.

ސިޔާސީ ވަކި މަންފާތަކެއް ހޯދުމަށް މަސްސަލަ ސިޔާސީކޮށް ސިޔަސީ ނަޒަރަކުން މިވާހަކަ ދައްކާކަށް ބޭނުމެއްނޫނެވެ. ނަމަވެސް ކިތައްމެ އަޑަށް ބާރުލާފައި ކަމަނާފުޅު މައްސަލައިން ރެކެން އުޅުނަސް ކަމަނާފުޅާއި މިނިސްޓްރީގެ އިހުމާލު ނެތްކަމަކަަށް ނުވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ރިފާޒް
ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.