ކެންސަރު ފަދަ ބަލިތަކުން ރައްކާތެރިވެވޭނެ މާއްދާތަކެއް މަދީނާގެ އަޖުވާ ކަދުރުން ފެނިއްޖެކަމަށް ދާދިފަހުން ކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ.

މިކަން ހޯދުނީ ސަޢޫދީ ޢަރަބިއްޔާގެ ރިޔާޒްގެ ޔުނިވަރސިޓީއެއް ކަމަށްވާ ކިންގް ސަޢުދު ޔުނިވަރސިޓީ (ކޭ އެސް ޔޫ) އިން، އަޖުވާ ކަދުރުގެ ފައިދާތަކަކީ ކޮބައިތޯ ބަލަން ކުރި ދިރާސާއެއްގެ ތެރެއިންނެވެ. މި ދިރާސާއިން ދެއްކި ގޮތުގައި ދުޅައިން ރައްކާތެރިކޮށްދޭ މާއްދާތަކެއް މި ކަދުރުން ފެނުނެވެ. އެއީ ބޭސްފިހާރަތަކުން ލިބެންހުންނަ އިއިބުރޯފެން އާއި އެސްޕިރިންއިން ލިބޭ ފަރުވާއާ އެއްފަދަ މާއްދާއެކެވެ.

އަޖުވާ ކަދުރު

މި ދިރާސާއިން ހާމަވިގޮތުގައި އާންމުކޮށް ލިބެންހުންނަ، ވިހަ ނައްތާލަދޭ މާއްދާ ހިމެނޭ ބޭސްތަކުން ފަރުވާލިބޭ މިންވަރަށް އަޖުވާ ކަދުރުން ފަރުވާ ލިބެއެވެ. “މިރިޕޯޓް ޝާއިއު ކޮށްފައިވަނީ، ޔުނިވަރސިޓީގެ ދަނޑުވެރިކަމާއި ކާނާއާބެހޭ ޖާނަލްގެ 61 ވަނަ އަދަދުގައި.” ކޭއެސްޔޫގެ އޮފިޝަލަކު ބުންޏެވެ.

އޮފިޝަލް އަދިވެސް ބުނިގޮތުގައި ޔުނިވަރސިޓީ އޮފް މިޗިގަންގެ ޕްރޮފެސަރު މުރަލީދަރަން ނަޔަރް މި ދިރާސާ ކުރިޔަށް ގެންދިޔައީ ކިންގް ސަޢުދު ޔުނިވަރސިޓީގެ ކަދުރާބެހޭ ރިސަރޗް ހަދާ ޗެއަރ އާ ގުޅިގެންނެވެ. މި ދެ ޔުނިވަރސިޓީގެ ގިނަ ޕްރޮފެސަރުންތަކެއް މި ދިރާސާގައި ބައިވެރިވިއެވެ.

ޗެއަރގެ ސުޕަވައިޒަރ ޞާލިޙް އަލްދޮރާސީ ބުނާގޮތުގައި މި ދިރާސާއަކީ ސަޢުދީ ޢަރަބިއްޔާގައި ހައްދާ ތަފާތު ބާވަތްތަކުގެ ކަދުރުގެ ސިއްހީ ފައިދާތައް ހޯދަން ހަދާ ސިލްސިލާ ދިރާސާތަކެއްގެ ފުރަތަމަ ބައެވެ. މި ދިރާސާތައް ހިންގަނީ ކޭއެސްޔޫގެ އިތުރުން ކިންގް ޢަބްދުލްޢަޒީޒް ސިޓީ ފޯރ ސައިންސް އެންޑް ޓެކްނޮލޮޖީ އާއި ސަޢޫދީގެ ގައުމީ ރިސަރޗް މަޝްރޫޢު ތަކާ ގުޅިގެންނެވެ.

މަދީނާގައި ހެދޭ، ގަދަމުށި ކުލައިގެ މި ކަދުރަކީ އޭގެ މަޑުކަމަށާއި ހިކިކަމަށާއި އޭގެ އަގުމަތި ކަދުރެއްގެ ގޮތުގައި ސަޢޫދީގެ މާރުކޭޓު ތަކުގައި މަޝްހޫރު ވެފައިވާ ކަދުރެކެވެ.

އަޖްވާ ކަދުރުގެ ފައިދާ ތަކާބެހޭގޮތުންނާއި އެއިން ވަކި ބަލިތަކަކަށް ޝިފާ ލިބޭނެކަމަށް މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ (ޞޢވ) ހަދީސް ކުރައްވާފައިވެއެވެ.

މިކަދުރުގައި ހިމެނޭ ހަކުރަކީ ޓައިޕް2 ޑައިބެޓީސްގެ ބަލިމީހުންނަށް އެއްވެސް ގެއްލުމެއް ހުރި ހަކުރެއް ނޫނެވެ.

މަސްދަރު: އަރަބްނިއުސް

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.