ސްޓާ ޕްލަސްއިން ދައްކަމުން އަންނަ މަގްބޫލު ޑްރާމާ ކަސޯޓީ ޒިންދަގީކީ ސީޒަން ދެއަކަަށް ބެލުންތެރިންގެ ލޯތައް ވަނީ ހުއްޓިފައެވެ. ޝޯގެ ލީޑް ކާސްޓް ކަމުގައިވާ ޕްރޭނާ (އެރިކާ ފެނާންޑޭޒް) މަރާލުމަށް ކޮމޮލިކާ (އާމްނާ ޝަރީފް) ހުއްޓާނުލައި ކުރަމުން އަންނަ މަސައްކަތް މި ހަފުތާ ކާމިޔާބު ވާނެކަމުގެ ޓީޒާތައް މިދިޔަ ދެތިން ހަފުތާ ދިޔައީ ދައްކަމުންނެވެ.

ކޮންމެއަކަސް މިހަފުތާ ފެށުނީސުރެ ޕްރޭނާ ކިޑްނެޕް ކޮށްގެން އެގޮތް މިގޮތަށް ތަޅުވަނީއެވެ. ކޮންމެ ރެއެއްގެ ވެސް ނެކްސްޓް އެޕިސޯޑްގެ ބައިގައި ފަރުބަދަ މަތިން ޕްރޭނާ ވައްޓާލާ މަންޒަރު ދައްކައެވެ. އެހެންނަމަވެސް ހަފުތާ ނިމުމަކަށް އައި އިރުވެސް އަދިވެސް އެބައި ނާދެއެވެ. 

ކޮންމެއަކަށް ކުރިއަށް ހުރި އެޕިސޯޑްތަކުގެ އުސްއަލިތަކަށް ބަލާލާއިރު ޕްރޭނާ ވައްޓާލި ފަރުބަދައިގެ ތިރިން ކާކުކަން ނޭނގޭ މީހެއްގެ ހަށިގަނޑު ޕޮލިހުން ހޯދައެވެ. އެހެންކަމުން ޕްރޭނާ މަރުވަނީ ކަމަށްވެސް ވެދާނެއެވެ. އެހެންނަމަވެސް ޕްރޭނާ މަރުވުމަކީ ވުމަށް ވުރެ ނުވުން ގާތްކަމެކެވެ. ސަބަބަކީ ޝޯގެ ލީޑް ކެރެކްޓާ އަކީ އެއީ ކަމުގައިވުމެވެ. އަދި ހަމައެހެންމެ ޝޯގެ ފުރަތަމަ ސީޒަންގައިވެސް ޕުރޭނާ ވަނީ ހައެއްކަ ފަހަރު މަރުވެފައެވެ. ދެން ކުރިއަށް ދާގޮތް ބަލަން ތިބެމާދޯއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.