އުމުރުން އެންމެ ދެ އަހަރުވެސް ނުވާ ތުއްތު ކުއްޖެއްގެ ކަރާމާތާއި އިއްޒަތް، އޭނާގެ މުނިކާފަ، ކާފަ އަދި ބައްޕަގެ އިހުމާލުން ވެއްޔާއި މޮޑެލުން ވެގެންދިޔައީ މުޅި ޤައުމު އެކުއެކީގައި ކެކި އުތުރިއެރި ކަމަކަށެވެ. އެކަމާއި ދެކޮޅަށް އަޑު ނުއުފުލާ އެކަކުވެސް ހުރެދާނެ ކަމަކަށް ނުބެލެވެއެވެ. ރާއްޖޭގެ ހުރިހައި ދާއިރާއެއްގެ، ހުރިހައި ގިންތިއަކާއި މިންތިއެއްގެ ބައިވެރިވުން މިކަމުގައި އަންނަނީ ލިބެމުންނެވެ.

ގެވެށި އަނިޔާ އާއި ޖިންސީ ގޯނާއާއި ދެކޮޅަށް އަބަދުވެސް އަންނަނީ އަޑު އުފުލަމުންނެވެ. ފަރުދީ ފެންވަރުގައެވެ. އިޖްތިމާޢީ އަދި ޤައުމީ ފެންވަރުގައެވެ. ޓީވީއާއި ރޭޑިއޯއިންނެވެ. ފިލްމާއި ޑްރާމާތަކުންނެވެ.

މަޝްހޫރު ޑައިރެކްޓަރ، ޕްރޮޑިއުސަރ އަދި ވާހަކަލިޔުންތެރިޔާ ފާތިމަތު ނަހުލާގެ ފިލްމުތަކުގެ ތެރެއިން ހަމަ ކޮންމެ ފިލްމަކީވެސް އަސަރުން ފުރިފައިވާ ފިލްމެކެވެ. މުޖުތަމަޢަށް ވަރުގަދަ މެސެޖްތަކެއް ދޭ ފިލްމުތަކެކެވެ. އެގޮތުން ނަހުލާގެ “ވީރާނާ” ފިލްމަކީ ފާހަގަކޮށްލެވޭ ފިލްމެކެވެ. ވަކިން ޚާއްޞަކޮށް އެ ފިލްމުގައި ހިމެނޭ ލަވަތަކުގެ ތެރެއިން “ވީރާނާ” ލަވައަކީ ޗައިލްޑް އެބިއުސް ޝިކާރައަކަށް ވެފައިވާ ކުދިންނަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ޓްރިބިއުޓެކެވެ. ދިވެހި ގިނަ ފަންނާނުން އެ ލަވައިން ފެނިގެންދާއިރު، ލަވައިގެ ޅެމުން ކިޔައިދެނީ މުހިންމު ވާހަކަތަކެކެވެ. މުޖުތަމަޢަށް ދެނީ އެހާމެ މުހިންމު މެސެޖްތަކެކެވެ.

އިންސާނުނޭ ޅަކުދިން ޝިކާރަކުރުން މުޅިން ހުއްޓާލަމާ

ޖިންސީ ނުބައި ގޯނާތަކުން އެކުދިން ސަލާމަތްކޮށްދެމާ!” މި މުހިންމު މެސެޖާއެކު ގެނެސްދީީފައިވާ މި ލަވައަކީ އިންސާނެއްގެ ވެއްޖެއްޔާ ހިތަށް އަސަރުކުރާނެ ލަވައެކެވެ. ނަމަވެސް މިއަދު މި ލަވައިގެ ވާހަކަ އަޅުގަނޑުމެންނާ ހިއްސާކުރަމުން ނަހޫ ބުނީ ތެދު ވާހަކައެކެވެ.

އަހަރުމެން އުޅުނީ އިންސާނުންނަށް މެސެޖެއް ދެވޭތޯ. އެކަމަކު ޖަނަވާރުންނަށް އަޑެއް ނީވޭނެދޯ!” މިއަދު މުޖުތަމަޢުން ފެންނަމުންދާ ކަންތަތަކަށް އިޝާރާތްކުރަމުން ނަހޫ ވަރަށް އަސަރާއެކު ބުންޏެވެ.

“ވީރާނާ”ގެ ތީމް ލަވައަކީ ދިވެހި މިއުޒިކީ އަދި ފިލްމީ ފަންނާނުން ގުޅިގެން ކޮށްފައިވާ ބޮޑު މަސައްކަތެކެވެ. ލަވައިގެ މިއުޒިކް އަދި ރާގު ހެދީ އިބްރާހިމް ޢަލީ (ކުޑަ އިއްބެ) އެވެ. އަސަރުން ފުރިގެންވާ ޢިބްރަތްތެރި ވާހަކަތަކެއް ހިމެނޭ ޅެން ހެދީ އާދަމް ޙަލީމް އަދުނާން އެވެ. ކޮކޯ ހަސަން ކެމެރާކޮށްފައިވާއިރު، ލަވައިގެ ޑައިރެކްޝަން ހެދީ ނަހޫއެވެ. ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރީ ‘ދެކެދެކެވެސް ޕްރޮޑަކްޝަން’ އިންނެވެ.

ލަވަ ކިޔުމުގައި ބައިވެރިވެފައިވަނީ މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަވާ)، ކުޑަ އިއްބެ، އަޝްފާ، ޒޫނާ، ލަހުފާ ފާއިޒް، ރާފިޔާތު ރަމީޒާ، ޝާނީ، ފަލާހް، އައްމަޑޭ، އުނޫޝާ، މެޒޯ މޯޑްގެ އިތުރުންވެސް ފާހަގަކޮށްލެވޭ ގިނަ ލަވަކިޔުންތެރިންތަކެއް ހިމެނެއެވެ.

ލަވަ ނިންމާލަމުން، ކުޑަކުދިންނަށް ލިބޭ އަނިޔާތައް ރިޕޯޓްކުރުމަށް ހިލޭ ގުޅޭ ނަންބަރު 1412 ވެސް ލަވައިގައި ހައިލައިޓްކޮށްލާފައި ވެއެވެ.

ފިލްމު “ވީރާނާ” އަކީ މުޙައްމަދު ޢަބްދުﷲ (މުހައްމާ) އާއި ނަހުލާ ޕްރޮޑިއުސްކޮށް ޔޫސުފު ޝަފީޢު (ޔޫއްޕެ) ޑައިރެކްޓްކުރި ފިލްމެކެވެ. ފިލްމު ރިލީޒްކުރީ 2010 ގައެވެ. ފިލްމުގެ ކޮންސެޕްޓަކީ މުހައްމާގެ ކޮންސެޕްޓެކެވެ. ވާހަކަ އަދި ސްކްރީންޕްލޭ ލިޔުނީ ނަހުލާއެވެ.

“ވީރާނާ” ގައި ނިޢުމާ މުޙައްމަދު، އާމިރާ އަދި ޔޫއްޕެ މުހިންމު ރޯލުތަކުން ފެނިގެންދެއެވެ.

ނަހުލާ ބުނީ މިފަދަ މެސެޖްތައް މީޑިއާ މެދުވެރިކޮށް ގިނަގިނައިން އާއްމުކުރަން ޖެހޭ ކަމަށާއި މިފަދަ އަގުހުރި މެސެޖްތައް މީޑިއާތަކުން ޕްރޮމޯޓްކުރަން ޖެހޭ ކަމަށެވެ. “މީހުން ހޭލުންތެރިކުރުވުމަށް އެންމެ އިސް ރޯލެއްް އަދާކުރެވޭނީ މީޑިއާއަށް.”

އެކަމަކު މައްސަލައަކީ މައިންބަފައިންނާ މުޖުތަމަޢު ހޭލުންތެރިނުވަނީ އަދިވެސް.” ނަހުލާ ފާހަގަކުރިއެވެ.

މީޑިއާތައް މެދުވެރިކޮށް މެސެޖް ފޯރުކޮށްދިނުން އެއީ މުޖުތަމައަށް މުހިންމު އެއްޗެއް ކަމަށް ވާނީ. ޑްރަގް ފަދަ ކަންކަމަށް ވަންނަ މީހުންވެސް މަދުވާނެ އޭރުން. ގެވެށިއަނިޔާ އާއި އެހެނިހެން ކަންތައްތައްވެސް.”

އަހަރުމެން ‘ކައްތިރި’ (ސިލްސިލާ ޑްރާމާ) ހެދި އިރު، ކޮންޑަމް އަދި ހުރަސް ކިޔުން މަނާ. އޭތި ހެދީ ‘އަންވޯންޓެޑް ޗިލްޑްރަން’ (ބޭނުންނުވެ، ނުވަތަ ޕްލޭން ނުކޮށް ދަރިން ހޯދާ ހޯދުން ގިނަވެގެން). އެކަމަކު އޭގެ ފަހުން މުޅި މުޖުތަމަޢުގެ ވިސްނުން ބަދަލުވެގެން ދިޔައީ. އެހާ އެފެކްޓިވް އެއްޗެއް އެއީ. ޚުދު އަހަރެން މިއީ އޭގެ މިސާލެއް.” ނަހުލާގެ އަމިއްލަ ހަޔާތުގެ ސަފުހާތަކެއް ހުޅުވައިލަމުން މިސާލު ދެއްކިއެވެ.

މަށަށް އަހަރު ދެކޮޅު ދެކުދިން ލިބުނު ވާނުވާވެސް ނޭނގި ހުއްޓާ. އޭރު ދޭތެރެ ދުރުކުރާ ވާހަކަ ދެއްކުމާ އެކަން ކުރާގޮތެއް ނޭނގޭ. ޔޫއެންއެފްޕީއޭ ޕްރޮގްރާމުގެ ދަށުން އަހަރުމެން ދަސްކޮށް، މީޑިއާ މެދުވެރިކޮށް އެހެން މީހުނަށް އަންގައިދިނިން. އެކަމުން އައި ބަދަލަކީ ވަރުގަދަ ހެޔޮ ބަދަލެއް. އޭގެ20 އަހަރު ފަހުން މަވެސް ކުއްޖަކު ހޯދީ ކުރިއަށް (ދުރާލައި) ކާން ޖެހޭ ބޭސްތައް ކައިގެން ތައްޔާރުވެގެން، ބޭނުންވެގެން.” ޖިންސީ ގޯނާގެ މައްސަލައާމެދު ނުހަނު ކަންބޮޑުވެފައިހުރެ ނަހޫ އޭނާގެ ހަޔާތުގެ ސަފުހާއެއް ހިއްސާކުރިއެވެ.

ނަހުލާ ބުނީ މުޖުތަމަޢުގެ ވިސްނުން ބަދަލުކޮށްލަން ފިލްމުހަދާ މީހުންނަކީ ބާރުގަދަ ބައެއް ކަމަށާއި ބޭނުންވަނީ ކޮންމެވެސް ވަރެއްގެ އެހީތެރިކަމެއް ކަމަށެވެ.

މިކަމަށް އިސްނަގަން ޖެހޭނީ ސަރުކާރުން. ވަރަށް ގިނަފަހަރު، ތަންތަނާ (މުއައްސަސާތަކާ) ބޮޑެތި ބޭފުޅުން ވިދާޅުވާނެ މިވެނި ކަމަކަށް އެއްޗެއް ހަދާނީ މިވެނި މެސެޖެއް ދީ. އެކަމަކު އެމީހުން އަތުގަ ބަޖެޓެއް ނޯވޭ.

ތަންކޮޅެއް ފަހުން ޖުވެނައިލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) އަށް އަޅުގަނޑު ލިޔެދިން ވާހަކައެއް، ބޮޑެތިވަމުން އަންނަ ކުދިން ޑްރަގްސްއާ ދެކޮލަށް ހޭލުންތެރިކުރުވުމަށް. އަޅުގަނޑު އެ ވާހަކަ ގެނެސްދީފަ އިންގޮތް އެފެކްޓިވްވެގެން އެ ބޭފުޅުންނަށް ކަމުގޮސްގެން އެއަށް ފިލްމެއް ހަދަންވެސް ވާހަކަ ދެކެވުނު، ހޭލުންތެރިކުރުވުމަށް. އޭރުގެ މިނިސްޓަރ ބަޖެޓް ހޯއްދެވިހެން ހީވަނީ. އެކަމަކު ސިޔާސީ ބަދަލާއެކީ އެކަންވެސް ނިމުނީ. ފިލްމު ނޫނަސް ކުދިކުދި ޓީވީ ސްޕޮޓްސް އާއި ޑްރާމާއިން ދެވޭ ނުސީދާ މެސެޖުންވެސް މީހުންގެ ދިރިއުޅުމަށް އަސަރު ފޯރުވާ. ނުބައި ޖަނަވާރުގެ ޚިޔާލުގެ މީހުން ރަނގަޅު ނުވިޔަސް ބެލެނެވެރިންނާއި ބޮޑެތިވަމުން އަންނަ ކުދިން ސަމާލުކުރެވޭނެ ދޯ.” މިކަމުގައި ނަހުލާގެ ކަންބޮޑުވުން ހުރި މިންވަރާއި ކޮށްފައިވާ ބައެއް މަސައްކަތްތަކަށް އިޝާރާތްކުރަމުން ބުންނެވެ.

މުޖުތަމަޢު ހޭލުންތެރިކުރުވުމަށް ނަހުލާ ލިޔެފައިވާ ވާހަކައެއްގެ ކަވަރ – ފޮޓޯ: ނަހުލާ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.