ތިޔަ ކޮޓަރީގައި ހަރުކުރެވިފައި ހުރި ކުޑަދޮރުތަކުގެ ދޮރުފަތްތައް އެންމެ ފަހުން ހުޅުވި ދުވަސް ހަނދާން އެބަހުރި ހެއްޔެވެ. ހުޅުވިއްޔާ، ހުޅުވި ސަބަބަކީ ކޮބައި ހެއްޔެވެ.  މި ދެ ސުވާލު، ކައިިރީގައި ތިބި ރަހުމަތްތެރިންނާއި ކޮށްލައިފިނަމަ ލިބޭނެ ޖަވާބު އަޅުގަނޑު ދީފާނަމަވެ. އަޅުގަނޑާއި އެކު ކުރިޔަށް ދަމާ ހިނގާށެވެ.

ގެތައް ރާނާ އިރު ހުރިހައި ގެއެއްގައި ވެސް ކުދިދޮރުތައް ހުރެއެވެ. މިކަމުގެ އަސްލު މަޤުޞަދު ކުރީގައި އެއްވެސް އޮޅުމެއްނެތި އެނގެއެވެ. ބޭނުމަކީ އެ ދޮރުފަތްތައް ހުޅުވާލައި ކޮޓަރީގެތެރެއަށް އަލިކުރުމާއި ވައިޖައްސައި އެތެރޭގައި ހިފާފައި ހުންނަ ވަހާއި އާވި ފިލުވައިލުމެވެ. އެ ދުވަސްވަރަކީ އޭސީ (އެއާރކަންޑިޝަނަރ) ހަރުކުރެވިފައި ހުންނަ ދުވަސްވަރަކަށް ނުވާތީވެ ދިވެހިންގެ ތެރޭގައި ކަން ކުރެވެމުން އައިސްފައިވާ ގޮތަކީ މިއީއެވެ.

ހާލަތު މިވަނީ ބަދަލުވެފައެވެ. ހުރިހާ ކޮޓަރިތައް މި ވަނީ އޭސީ ހަރުކުރެވިފައެވެ. ގިނަ އަދަދެއްގެ ބޮކިތައް ވެސް މި ވަނީ ހަރުކުރެވިފައެވެ. ދުވާލެއް، ރޭގަނޑެއް ނެތި ކޮޓަރީގައި އުޅެނީ ބޮކިތައް ދިއްލައިގެނެވެ. އޭސީ ހަރުކޮށްފައި ހުރުމުގެ ސަބަބުން ކޮޓަރީގެ އެއްވެސް ކުޑަދޮރެއް މިހާރަކު ހުޅުވާކަށް ނުޖެހެއެވެ. ވައި ބޭރުވާފަދަ ކުޑަކުޑަ ލޯވަޅެއްވެސް ނުހުންނާނޭހެން މިހާރު މިވަނީ ބަންދު ކުރެވިފެވެ.  

ގެ އިމާރާތް ކުރެވޭއިރު ގޭގެ ކުޑަދޮރުތައް ހަރުކުރަނީ ފަޅުފިލުވައި ގެ ރީތިކޮށްލަން  ކަމަށް ވަނީނަމަ، އިމާރާތް ކުރެވޭއިރު އެ މީހަކަށް ރީތި ޑިޒައިނެއްގެ ރީތި ކުލައެއްގެ ކުޑަދޮރުތަކެއް ހަރުކުރަންވީއެވެ. އެއިރުން އެ މަޤުޞަދު އެބަ ހާސިލުވެއެވެ. ސުވާލަކީ އެ ދޮރުތަކުގެ މަޤުސަދަކީ ހަމަ މިއީބާއެވެ. 

އިސްވެ ދެންނެވުނު ދެ ސުވާލަށް އެކި މީހުން އެކި ޖަވާބުދީ އެކި ބަހަނާ ދައްކަފާނެއެވެ. ނަމަވެސް މިއަދު އެ ދޮރުތައް ހުޅަވަނީ ހަމައެކަނި ކޮޓަރި ފޮޅައިސާފުކުރާ ދުވަހު އެ ދޮރުފަތްތައް ފޮޅައި ސާފުކޮށްލުމަށެވެ. އެނޫން ކަމަކުނޫނެވެ. 

މިހެން މިކަން އޮތްއިރު އެ ޖާގަތަކުގައި ދޮރު ހަރުނުކޮށް ހަަމަ ރާނައި ބަންދުކޮށްފައި ބެހެއްޓުމުން ވެސް ފުދޭ ނޫންތޯއެވެ. ބޮޑުއަގު ދީފައި އެ ޖާގަތަކުގައި ކުލަކުލައިގެ ކުދި ދޮރުފަތްތަކެއް ހަރުކުރުމުގެ މާބޮޑު މަޤުޞަދެއް ނެތެއްނޫންތޯއެވެ. ހަމައެކަނި އެމަޖެންސީ ހާލަތުގައި ނުކުންނާނެ ޖާގައެއް ބޭންދުމުން ފުދުނީ ނޫންތޯއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.