ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ގެ ޝިކާރައަކަށްވެ، ގިނަ އަދަދެއްގެ މީހުން މަރުވެ ދާދިޔުން މިވަނީ ދުނިޔޭގެ ގައުމުތަކުގެ ސަމާލުކަން އެކަމަށް ހުއްޓުވާ، ރައްކާތެރިވުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުކުރުވާފައެވެ. މިހާތަނަށް ގާތްގަނޑަކަށް ލައްކައަކަށްވުރެ ގިނަ މީހުންނަށް މި ވައިރަހުގެ އަސަރުކޮށްފައިވާއިރު، މިއީ ހަމަ ގައިމުވެސް ފަހުގެ ތާރީޚެއްގައި ދުނިޔޭގެ ނިސްބަތުން މިހާ ހަލުވިކަމާއެކު ފެތުރުނު އެންމެ ބޮޑު އެއް ބަލިމަޑުކަމުގައި ވާނެ ކަމީ ޝައްކެއްވެސް އޮތްކަމެއްނޫނެވެ.

ނަމަވެސް، މި ލިޔުމުގައި އަޅުގަނޑު ނަޒަރު މި ހިންގާލަނީ، 1300 ގެ އަހަރުތަކުގެ ތެރޭގައި ޔޫރަޕު އަދި އޭޝިޔާ ގައި ފެތުރުނު ނުރައްކާތެރި ބަލިމަޑުކަން، މަޝްހޫރު ނަމުން ނަމަ “ބްލެކް ޑެތު” އަށެވެ.

“ދި ބްލެކް ޑެތު” ނުވަތަ “ދި ގްރޭޓް ޕްލޭގް” އަކީ “ޔިރްސިނިޔާ ޕެސްޓިސް” ނަމަކަށް ކިޔާ ވައިރަހެއްގެ ސަބަބުން ޖެހޭ ބަަައްޔެކެވެ. މި ވައިރަސް ފެތުރެނީ މީދަލުގެ ކެހެރިގަނޑުގައި ދިރިއުޅޭ ސެއްޅިއެއްގެ ޒަރިއްޔާއިންނެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޭރަށް ހިންގުން، މޭނުބައިކޮށް ގަދައަށް ހޮޑުލުން، ހަށިގަނޑުގެ އެކި ތަން ތަނުން މަނާނުވެ ލޭއައުން އަދި ހަންގަނޑު ކަޅުވުން ހިމެނެއެވެ. ބަލި ޖެހުމަށްފަހު ހުންގަދަވެ، މީހާ ބަލިކަށިވެ ހުޅުތަކުގައި ރިއްސުމުގެ އިތުރުން ނުނިދޭގޮތް ވެއެވެ. މީގެ އިތުރުން މި ބަލި ޖެހިފައިވާ މީހުންނަށް އަލީގެ ތެރެއަށް ނުކުމެ އުޅުން ވަނީ ދަތި ކަމަކަށެވެ.

ދިރާސާތަކުން ދައްކާގޮތުން މި ބަލިމަޑުކަމުގެ ފެށުން ވަނީ ޗައިނާ އިންނެވެ. ވިޔަފާރި ދަތުރުތަކުގައި ޗައިނާ ދޯނިފަހަރު ޔޫރަޕަށް ދިޔަ  ދިޔުމުގެ ތެރޭން ވައިރަސް ޔޫރަޕަށް ފެތުރި، އެ ސަރަޙައްދުގެ ގައުމުތަކުގެ ތެރޭގައި ހަލުވިކަމާ އެކު އެ ބަލި ފެތުރެން ފެށިއެވެ. އެ ދުވަސްވަރު ޒަމާނީ ވަސީލަތްތައް ނެތުމުގެ ސަބަބުން ބައްޔަށް ފަރުވާ އެއް ހޯދަން ސައިންސްވެރިންނާއި، ސިއްޙީ މާހިރުންނަށް ވީ ދަތިކަމަކަށެވެ. އެހެންކަމުން ގިނަ އަދަދެއްގެ ބަޔަކު ބަލީގެ ސަބަބުން މަރުވެ، މުޅި ޔޫރަޕް އަނދިރިކަމެއްގެ ތެރެއަށް ވެއްޓުނެވެ. އެއްބައި މީހުން ބުނަމުން ދިޔައީ އެއީ ޖިންނި ޝައިޠާނުންގެ ކަމެއް ކަމަށެވެ. އަނެއްބަޔަކު ބުނަމުން ދިޔައީ ދުނިޔެ ނިމެނީ ކަމަށެވެ. އިިއްޔެ ސިއްޙަތު ރަނގަޅަށް ހުރި މީހަކު، މިިއަދު ބަލި އެނދުގައި އޮންނަން ޖެހިދާނެކަމުގެ ބިރުވެރި ކަމެއްގެ ތެރޭގައި މީސްތަކުން އުޅެން މަޖުބޫރުވިއެވެ.

ބްލެކް ޑެތުގައި މަރުވި ގިނަ އަދަދެއްގެ މީހުން ދައްކުވައިދޭ މަންޒަރެއް

14 ވަނަ ގަރުނާއި ހަމައަށް މި ބަލިމަޑުކަން ހުއްޓުމެއް ނެތި ފެތުރި، އެ ގަރުނުގެ މެދެއްހާ ހިސާބުން “ދި ގްރޭޓް ޕްލޭގް” ކޮންޓްރޯލް ވިއެވެ. އެބަލީގައި މުޅި ދުނިޔެއިން ގާތްގަނޑަކަށް 50 މިލިއަން މީހުން މަރުވިއިރު، މުޅި ޔޫރަޕުގެ އާބާދީ ގެ 60 އިންސައްތަ ބަލީގެ ޝިކާރަ އަކަށްވެ ނެތިދިޔަކަން ފާހަގަކުރެވެއެވެ.

“ދި ބްލެކް ޑެތު” ބާރުމިނުގައި ފެތުރެމުން ދިޔަ ދިޔުން ނިމުމަކަށް އައި ނަމަވެސް، އެ ބަލިމަޑުކަމުގެ ދުވަސް ވަރަކީ އިންސާނީ ތާރީޚުގެ ފަތްފުއްތަކުގެ ތެރެއިން ކަޅު ސަފްޙާތަކެއްގެ ގޮތުގައި އޮންނާނެ ދުވަސްވަރެކެވެ. މާތް ﷲ އަޅަމެން މި ފަދަ ބޮޑެތި މުސީބާތްތަކާއި، ޢާފާތްތަކުން ރައްކާތެރިކުރަށްވާށެވެ. އާމީން.

ލިޔުންތެރިޔާގެ ފުރަމަލަ

ޒިޔާން އަމްޖަދު
ޒިޔާން އަކީ ޤައުމީ ޔުނިވާސިޓީގައި ނޫސްވެރިކަން ކިޔަވަމުން އަންނަ ދަރިވަރެކެވެ. އިޖުތިމާޢީ ދާއިރާ ޚާއްޞަވާއިރު، ހުރިހައި ދާއިރާއެއްގައި ލިޔެ ނޫސްވެރިކަމުގައި ފައިތިލަ ސާބިތުކުރުމަށް ކަމަރު ބަނދެލާފައިވާ ޒުވާނެކެވެ.