‘ނޮވެލް ސްޓޫޑިއޯ’ އިން މިއަހަރު ރިލީޒްކޮށްފައިވާ “އިހްސާސް” ލަވަ ދެކެފިންހެއްޔެވެ؟ މިއީ ހަމަ ގައިމުވެސް ލޯބީގެ އިހްސާސެއް ކޮށްލުމަށްޓަކައި އަޑުއަހައިލަން، ބަލައިލަން ހިތްގައިމު “އިހްސާސް” އެކެވެ.

‘ނޮވެލް ސްޓޫޑިއޯ’ގެ ޕްރޮޑިއުސަރ ބަދުރު ޢަލީ (ޓޯނޭ) ކިޔާފައިވާ މި ލަވައިގެ ވީޑިއޯ މިހާރު ޔޫޓިއުބަށް ދޫކޮށްލާފައި ވާއިރު، ލަވައިގެ ވީޑިއޯ ހަދާފައިވާގޮތް ތަފާތުވެފައި ހިތްގައިމެވެ.

“އިހްސާސް” ލަވައިގައި ހިއްސާވާ އާޓިސްޓުންނަށް ބަލައިލާއިރު، ލިރިކްސް ހަދާފައިވަނީ ‘ނޮވެލް ސްޓޫޑިއޯ’ގެ ސީއީއޯ ޢަޒްމީ ޢަބްދުﷲ (ފޮގޭ) އެވެ. މި ހިތްގައިމު އަމިއްލަ ރާގު ހަދައި ކޮމްޕޯސްކުރީ ބަދުރު ޢަލީ (ޓޯނޭ) އެވެ.

ވީޑިއޯ ލަވައިގައި އެކްޓަރުންގެ ގޮތުގައި ފެނިގެންދަނީ ‘ދަންމާނު ހަމްޕު’ގެ ނަމުން ގިނަބަޔަކު ދަންނަ، އެ ގްރޫޕްގެ މެންބަރެއް ކަމަށްވާ މުޙައްމަދު ހަމްދާން (ސްޕައި) އާއި ޓޯނޭ އެވެ. ލަވައިގެ ވީޑިއޯ މަސައްކަތްކުރީ ސިނަމޮޓޯގްރާފަރ ފަރޭ އާއި ފޮގޭ އެވެ.

‘ނޮވެލް ސްޓޫޑިއޯ’ އަކީ ކޮއްކޮއަކާއި ބޭބެއެއް މަޝްވަރާކޮށްގެން ޓީމެއް އެކުލަވައިލާ އުފެއްދި ސްޓޫޑިއޯއެއް ކަމަށް އެ ސްޓޫޑިއޯގެ ސީއީއޯ ޢަޒްމީ ޢަބްދުﷲ މުނިއަވަސް އަށް ބުންޏެވެ.

“ކޮއްކޮއަކީ ލަވަކިޔަން ޝައުޤުވެރިކަން ހުންނަމީހަކަށް ވެފަ، ބޭބެއަކީ ވީއެފްއެކްސް، ސިނަމޮޓޯގްރަފީ، ކެމެރާ އަދި އެޑިޓިންފަދަ ކަންކަން ކޮންމެވެސް ވަރަކަށް ދަންނަ މީހަކަށް ވާތީ ރައްޓެހިންކޮޅަކާ މަޝްވަރާކޮށްގެން ކުރިއަށްގެންދަން ނިންމި ޓީމެއް.” ސްޓޫޑިއޯ އުފެދުނު ގޮތް ކިޔައިދެމުން އަޒްމީ ހާމަކުރިއެވެ.

‘ނޮވެލް ސްޓޫޑިއޯ’ އިން ތަފާތު ލަވަތަކެއް ހަދާފައިވީނަމަވެސް، އޯޑިއަންސަށް ދޫކޮށްލާފައިވަނީ މަދު ލަވަތަކެއްކަންވެސް އަޒްމީ ފާހަގަކުރިއެވެ.

“އިހްސާސް” ލައިވައިގެ އެކްޓިން މަސައްކަތްތައް ފިޔަވައި ހުރިހާ މަސައްކަތެއް ކޮށްފައިވަނީ ‘ނޮވެލް ސްޓޫޑިއޯ’ އިންނެވެ. އެ ސްޓޫޑިއޯ އިން މީގެ ކުރިން ވަނީ ‘ވޭނުގާ’، ‘ގާތުގާވި ލޯބިވާ’ ގެ އިތުރުން ‘އިންތިޒާރު’ގެ ނަމުގައި ވެސް ލަވަތަކެއް ނެރެފައެވެ.

ސްޓޫޑިއޯއެއް ހެދުމަށްޓަކައި އެއްވެސް ބައެއްގެ އެހީތެރިކަމަކާ ނުލައި އަޒްމީ އިސްނަގައިގެން އަމިއްލަ ޖީބުން ޚަރަދުކޮށްގެން ވަނީ ސްޓޫޑިއޯއެއް ފުރިހަމަވުމަށްޓަކައި ބޭނުންވާ ވަޞީލަތްތަކުގެ ތެރެއިން ކޮންމެވެސް މިންވަރެއް ހޯދާފައެވެ.

“އިހްސާސް، މި ލަވައަކީ އަޅުގަނޑުމެން އޯޑިއަންސެއް ކްރިއޭޓްކުރުމަށްޓަކައި ހެދި ނޯމަލް ވީޑިއޯ ލަވައެއް. ކުރިޔަށް އޮތް ތަނުގައި ނޮވެލްގެ ފަރާތުން ތަފާތު ވީޑިއޯ ލަވަތަކެއް ނެރުމަށްވަނީ ނިންމާފަ.” ސްޓޫޑިއޯ އިން “އިހްސާސް” ލަވަ އުފެއްދި ސަބަބު ބުނެދެމުން އަޒްމީ ހާމަކުރިއެވެ.

ނޮވެލް ސްޓޫޑިއޯއަކީ ޒުވާން ހުނަރުވެރިންތަކެއް ހިމެނޭ ޓީމެއް

‘ނޮވެލް ސްޓޫޑިއޯ’ އަކީ ހަމައެކަނި މިއުޒިކް އުފައްދާ ސްޓޫޑިއޯއެއް ނޫނެވެ. އެގޮތުން ބައެއް ފަރާތްތަކުން ލިބޭ އެހީތެރިކަމާއެކު ކުރު ފިލްމު ހެދުމަށްވެސް އެ ސްޓޫޑިއޯއިން ވަނީ ނިންމާފައެވެ.

“މިކަހަލަ އާޓިސްޓިކް މަސައްކަތްތަކަށް ދޭ ފުރުޞަތުތަކަށް ނޮވެލްގެ ހުރިހައި މެންބަރުންގެ ނަމުގަ ޝުކުރު ދަންނަވަން. މި ދާއިރާގަ އަޅުގަނޑުމެންނަށް އެކި ގޮތްގޮތުން ލިބޭ އެހީތެރިކަމާ، ލިބެން އޮތް އެހީތެރިކަމަށްޓަކައި ޝުކުރު ދަންނަވަން.” ގާތްގަނޑަކަށް 16 ވަރަކަށް މެންބަރުން ހިމެނޭ ސްޓޫޑިއޯ އިސް ފަރާތުގެ ހައިސިއްޔަތުން އަޒްމީ ޝުކުރުއަދާކުރިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.