ދިވެހިންގެ ތެރޭގައި އެއްމެ މަޤްބޫލުކަން ހޯދާފައިވާ އެއް ވާހަކަ ކަމަށްވާ ‘ޒަޚަމް’ ވާހަކަ ކިޔި ނުވަތަ ދިވެހިރާއްޖޭގެ އަޑުން ފޮނުވި ހަފުތާގެ ވާހަކަ ސިލްސިލާއިން އެ ވާހަކަ އަޑުއެހި ހަމަ ކޮންމެ މީހަކުވެސް އެދޭނެ އެއްކަމެއް އޮންނާނެ ކަމަށް ގަބޫލު ކުރެވެއެވެ. އެކަމަކީ އެ ހިތްގައިމު، އަސަރުގަދަ، ލޯބީގެ ވާހަކަ ފިލްމެއްގެ ސިފައިގައި ދުށުމެވެ.
ޒަޚަމް ވާހަކަ އަކީ ޕާކިސްތާނުގެ ވަރަށް ފުންނާބު އުސް ލިޔުންތެރިއެއް ކަމަށްވާ ރާޒިޔާ ބަޓް ލިޔެފައިވާ ވާހަކަ އެކެވެ. އަޅުގަނޑު ޒަޚަމް ވާހަކަ އަޑުއަހައި ކިޔައި ހެދުމަށްފަހު މި ވާހަކައިގެ އޮރިޖިނަލް ވާހަކަ ހޯދުމަށް އެކި ގޮތްގޮތަށް ވަރަށް މަސައްކަތް ކުރީމެވެ. ޕާކިސްތާނުގެ ރަސްމީ ބަސް ކަމަށްވާ އުރުދޫ ބަހުން ލިޔެފައިވާ ވާހަކައެއްކަން އެނގޭތީ އިންޓަރނެޓް ލިބެން ފެށިފަހުން، ދޭތެރެ ދޭތެރެއިން އެ ވާހަކަ ފެނޭޭތޯ އެކި ގޮތްގޮތަށް ހޯދައި ބެލީމެވެ. ‘ޒަޚަމް’، ‘އަލް ހަމްރާ’ ‘އާޔާ’ ‘ނާޖީ’ އަދި ‘ތާހިރު’ ފަދަ، އެ ވާހަކައާއި ގުޅުންހުރި ނަންތަން އިނގިރޭސި އަކުރުން ލިޔެގެން ވަރަށް ބޮޑަށް ފެނޭތޯ ބެލީމެވެ. ނަމަވެސް ކާމިޔާބެއް ނުލިބުނެވެ.
އޭގެ އަހަރުތަކެއް ފަހެވެ. ޒަޚަމް ވާހަކަ ކިޔާހިތުން އެވާހަކަ ހޯދުމުގެ މަސައްކަތް ފެށީމެވެ. އެއްވެސް ދަތިކަމަކާއި ނުލައި ވާހަކަ ފޮތް ލިބޭގޮތް ވެއްޖެ އެވެ. 400 ސަފްޙާ ގެ އެ ވާހަކަފޮތް ކޮޅުން ކޮޅަށް ކިޔައި ނިންމާލެވުނީ ހީވެސް ނުކުރާހާ އަވަހަށެވެ. ނަމަވެސް އެވަރަކުން ވެސް ހިތްހަމަ ޖެހޭ ގޮތެއް ނުވިއެވެ. އަނެއްކާވެސް ޒަޚަމް ވާހަކައިގެ އަސްލު ވާހަކަ ލިބޭތޯ އިންޓަރނެޓްގައި ފީނަން ފެށީ ‘ކަނޑެއްގެ ތެރެއަށް މީހަކު ގެއްލިގެން، އެމީހާ ހޯދުމަށް ހިންގާ ވަރުގަދަ ސަރޗް އޮޕަރޭޝަން އެއް’ ފަދައިންނެވެ. ތަފާތު ނަންތައް ޖަހައިގެން ކުރި މަސައްކަތް އަނެއްކާވެސް ވީ ނާކާމިޔާބެވެ.
އެއްމެ ފަހުން ‘އަލްހަމްރާ’ ‘ޞާޢިޤާ’ ‘ނާޖީ’ ‘ޠާހިރު’ މި ނަންތައް އުރުދޫ ބަހުން ލިޔެގެން ފީނަން ފެށީމެވެ. އަސްތާ އެވެ. ލަހެއް ފަހެއް ނެތެވެ. އެ ފެނުނީ ‘ޞާޢިޤާ’ ގެ ނަމުގައި ލިޔެފައިވާ އުރުދޫ ވާހަކަ އެކެވެ. އަވަސް އަވަހަށް ވާހަކައިގެ ޕީޑީއެފް ކޮޕީއެއް ސޭވްކޮށްލައިގެން ކިޔަން ފެށީމެވެ. ބަހުން ބަހަށް ތަރުޖަމާ ކޮށްފައި އެވަނީ ‘ޞާޢިޤާ’ ގެ ނަމުގައި ރާޒިޔާ ބަޓް ލިޔެފައިވާ ވާހަކަ އެކެވެ. ހަމަ އެކަނި ތަފާތީ ނަމެވެ.
އުރުދޫ ބަހުން ލިޔެފައިވާ ވާހަކަ ލިބުމުން އަދިވެސް ހިތް ފުރޭވަރެއް ނުވިއެވެ. ‘ޞާޢިޤާ’ ގެ ނަމުގައި ޕާކިސްތާނު ފިލްމެއް ނުވަތަ ހިންދީ ފިލްމެއް ހަދާފައި ވޭތޯ ބަލަން ފެށީމެވެ. އަނެއްކާވެސް ވަރަށް ފަސޭހައިން ‘ޞާޢިޤާ’ ގެ ނަމުގައި ހަދާފައިވާ ފިލްމެއް ޔޫޓިއުބްކޮށްފައި ވަނިކޮށް ފެނިއްޖެ އެވެ. ވަގުތުން ފިލްމުގެ ބައިތައް ޑައުންލޯޑްކޮށްގެން ބަލަން ފެށީމެވެ. ހަމަ އެ ރީތި ވާހަކައަށް ހަދާފައިވާ ފިލްމެކެވެ. ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީވެސް ރާޒިޔާ ބަޓެވެ.
ފިލްމުގެ ތަޢާރަފަކަށް ޖެހިލާނަމެވެ.
ފިލްމުގެ ނަން: ޞާޢިޤާ
އުފެއްދި ތާރީޚް: 1968
ތަރިން: ޝަމީމް އާރާ، މުޙައްމަދު ޢަލީ، ނަބިލާ، ޒަމުރުދް، ޞާާބިރާ، ދަރްޕަން، ރާގިނީ
ޑައިރެކްޓަރ: ލަޢީޤް އަޚްތަރް
ކުރު ޚުލާާޞާއެއް: މިއީ ޕާކިސްތާނީ ރަހަތައް އެކުލަވާލައިގެން ހަދާފައިވާ ސިންޑްރެއްލާ ވާހަކައަކަށް ހަދާާފައިވާ ވަރަށް ކާމިޔާބު ފިލްމެކެވެ.
އެވޯޑްތައް: 9 ނިގާރް އެވޯޑް 1968 ގައި ލިބިފައިވޭ. އެގޮތުން އެއްމެ މޮޅު ފިލްމު، ސްކްރިޕް ރައިޓަރ، ސްކްރީންޕްލޭ، އެކްޓަރ، އެކްޓްރެސް، މިއުޒިކް، ޅެންވެރިކަން، އަންހެެން އަދި ފިރިހެން ޕްލޭބެކް ލަވަކިޔުންތެރިޔާ އަދި އެއްމެ މޮޅު ކޮމީޑިއަން ގެ ބައިން ވެސް ފިލްމަށް ވަނީ އެވޯޑް ލިބިފައެވެ.
‘ޞާޢިޤާ’ އަކީ ޕާާކިސްތާނީ ލިޔުންތެރިން ލިޔެފައިވާ ވާހަކައަކަށް ލޮލީވުޑް (ޕާކިސްތާނު ގެ ފިލްމު އިންޑަސްޓްރީ) ގައި ތައްޔާރުކޮށްފައިވާ މަދު ފިލްމު ތަކުގެ ތެރެއިން އެއް ފިލްމެވެެ.
ފިލްމުގެ ބައިތައް:
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!
mi vaahaka kiyaalan libi dhaane tha?