މިމަހު 27ގައި ބައިސްކޯފުން ޕްރިމިއަރކުރަން ނިންމާފައިވާ ވެބް ސީރީޒް “ހަނާ“ގެ ފަސްޓްލުކް މިއަދު ދައްކާލައިފިއެވެ. “ހަނާ“ގެ ފަސްޓްލުކް އާއްމުކޮށްފައިވާއިރު މި ވެބް ސީރީޒް އަސަރުގަދަ ވާނެ މިންވަރު މި ކުރުކުރު ޓީޒާއިން ވެސް އެނގިގެންދެއެވެ.

ކިޑް ޕްރޮޑަކްޝަނުން އުފައްދާފައިވާ ވެބް ސީރީޒް “ހަނާ” އަކީ 13 އެޕިސޯޑްގެ ވެބް ސީރީޒްއެކެވެ. “ހަނާ“ގެ ލީޑް ކުޅެނީ ނުވަ ވަނަ ފިލްމު އެވޯޑްސްގައި އެންމެ މޮޅު ފިރިހެން ސަޕޯޓިން އެކްޓަރުގެ ރޯލާއި ސްޕެޝަލް ޖޫރީ ޕްރައިޒް، އައުޓްސްޓޭންޑިންގ އޯލްރައުންޑް ޕާރފޯމަރގެ އެވޯޑް ހޯދާފައިވާ އަލީ އާޒިމް (ދޮން އައްޔަ)ގެ އިތުރުން ‘ޖާދޫގައި ޖެހިއްޖޭ’ ލަވައިން މަޝްހޫރުވި ނޫރާ އެވެ. މީގެ އިތުރުން އިބްރާހިމް ޖިހާދު (ޖިމީ)، ޝަމީލް، ޤަމަރިއްޔާ ޤާސިމް، ފާތުމަތު ލަޠީފް، ގުލިސްތާނު އަދި ނިޝާ (ނިޝްކޮ) އެވެ.

މިއަދު އާއްމުކޮށްފައިވާ ޓީޒާއިން، މި ސީރީޒްގެ މައިގަނޑު ބައިތައް ކުޅޭ ހުރިހައި ތަރިން ދައްކާލާފައިވާއިރު، ހުރިހައި ތަރިންގެ އެކްޓިންވެސް ވަރަށް މޮޅުކަން ފާހަގަކޮށްލެވެއެވެ.

މި ސީރީޒްއަކީ މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓްކުރީ ސީރީޒްއެކެވެ. ބެކް މިއުޒިކްގެ ތައްޔާރުކުރީ މަޝްހޫރު މިއުޒީޝަން އައްޔުމަން ޝަރީފް އެވެ. ވާހަކަ ލިޔުނީ ރިނާޒާއެވެ. ސީރީޒްގެ ޕޯސްޓްޕްރޮޑަކްޝަން މަސައްކަތްކުރީ ޢަލީ ރަޝީދު (ގޮޅާ) އެވެ. ޕްރޮޑިއުސްކޮށް ކެމެރާކުރީ ހުސެން މުނައްވަރު (ކުޑަފޫޅު) އެވެ.

ހަނާ“ގެ ޕްރޮޑަކްޝަން ޓީމުން މިއަދު ބުނީ، ސީރީޒްގެ ހުރިހައި މަސައްކަތެއް އެއްކޮށް ނިންމައި، 13އެޕިސޯޑް ބައިސްކޯފާ ހަވާލުކޮށްފައިވާކަމަށެވެ.

ވެބް ސީރީޒް “ހަނާ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.