ނުހާ އޭނާގެ އެންމެ ފަހުގެ ނިންމުން ނިންމައި އަމިއްލަ އަތުން ކަރަށް މަޅި މަހައިލިއެވެ. އޭނާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަތައް ފައިބަމުންދެއެވެ. ވާނީވެސް އެހެންތާއެވެ. ނުހާ މި ރީތި ދުނިޔެއާއި ވަކިވާ ވަގުތު ކުޑަތަން ވަނީއެވެ. އޭނާ ވެސް މި ރީތި ދުނިޔޭގައި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ހުވަފެންތަކެއް ދެކުނެވެ. ނަމަވެސް މިހާރު އެ ހުވަފެންތަކުގައި ކުލަ ޖައްސާކަށް އޭނާ ބޭނުމެއް ނޫނެވެ. މަޑުމަޑުން އޭނާގެ ހަނދާނަށް އަންނަން ފެށީ މީގެ ހަތަރު މަސް ކުރީގެ ހަނދާންތަކެވެ. އެއީ އޭނާގެ ހަޔާތަށް އައި ބިރުވެރި، ނާމާން އަދި އެންމެ ހިތްދަތި ހަނދާންތަކެވެ.

ނުހާ އަކީ ބުރުސޫރަ ރީތި ހިމަތޮޅި، އެމީހަކަށްޓަކައި ރަށުގެ އެތަކެއް ޒުވާނުންނެއް މަރުފަލި ޖަހަމުންދާ މީހެކެވެ. ރަށު މަދަރުސާއިން އޯލެވެލް ހަދައި ނުހަނު ރަނގަޅު ނަތީޖާ އެއްވެސް ވަނީ ލިބިފައެވެ. ނުހާގެ ޝައުގުވެރިކަން ހުރީ ހަމަ އެކަނި ކިޔަވައިގެން މޮޅު މީހަކަށް ވެގެން ރަށަށް ޚިދުމަތްކޮށްދިނުމެވެ. ވުމާއެކު ޓީޗިން ކޯހަކަށް އެޕްލައިކޮށް ކޯސް ވަނީ ހަމަޖެހިފައެވެ. ނުހަނު އުފަލާއިއެކު ނުހާ ކިޔަވަން މާލެ ދާން ތައްޔާރުވަމުން ދިޔައީ ކުރިމަތިވަމުން އަންނަ ކޮޅިގަނޑުގެ ހިލަމެއް ވެސް ނުވާ ހާލުގައެވެ.

ދޮޅުގަޑިއިރުގެ ދިގު ދަތުރަކަށްފަހު މާލޭގެ ކޮންކިރިޓު ޖަންގައްޔެއް ކަހަލަ މަލަމައްޗަށް އާދެވުނެވެ. ނުހާ މާލެ އައީ އަލަށް ކަމުން މާލޭގެ ކާރޫބާރު މަގުތައް ފެނުމުން ހުރީ ވަރަށް އުނދަގޫ ވެފައެވެ. ނުހާ ހުންނަން ހަމަޖެހިފައި ވަނީ އޭނާގެ ބައްޕަގެ ރައްޓެއްސެއްގެ ގޭގައެވެ. ގެއަށް ދެވުމާއެކު އެގޭ މީހުން ވަރަށް ހިތްހެޔޮ ރީތި ހިނިތުން ވުމަކާއެކު މަރުހަބާ ކިއެވެ. ފަރުދާގެ ފުރަގަހުގައި އެމީހުންގެ ހިތުގައި ހަސަދައާއި ރުޅިވެރިކަމުގެ އަލިފާން އަނދަމުން ދާކަން އޭނާ، އެ ގޭގައި އުޅޭތާ މަހެއް ވީއިރުވެސް ނޭނގެއެވެ. ރަށުގައިވާ ހުރިިހާ ކަމަކާއި ކިޔެވުމުގެ ހުރިހާ ވާހަކަތަކެއް އެގޭ މީހުންނަށް ކިޔައިދެމުންދިޔައީ މި ކިޔައިދެވެނީ ދުޝްމަނުންނަށް ކަން ނޭނގޭ ހާލުގައެވެ. ވާނީވެސް އެހެންތާއެވެ. އަލިފާނެއް ފެނެއް ވަކިނުވާވަރަށް އެ މީހުން ވަނީ ނުހާގެ ލޮލުގައި އަނދުން އަޅުވާފައެވެ.

އެގޭގައި ދެވަނަ މަސް ފެށިގެން ދިޔައީ ނުހާއަށް އެތަކެއް ގޯނާތަކަކާއި އެތަކެއް މައްސަލަތަކެއް ފެންމަތި ކުރަމުންނެވެ. އެގޭ އަހުމަދު އަކީ ނުހާ ބޭބެއެއްގެ ނަޒަަރުން ދެކެމުން އައި މީހެކެވެ. އަދި އެގޭ މާނީ އަކީ ދައްތައެއްގެ ނަޒަރުން ދެކެމުން އައި މީހެކެވެ. މަޑުމަޑުން އެމީހުންގެ އަމަލުތައް ތަފާތުވާން ފެށިއެވެ. ވޭތުވެ ދިޔަ މަސްދުވަހު ނުހާއަށް ގޭތެރޭގެ އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހެއެވެ. ނަމަވެސް މިހާރު ކޮންމެ ދުވަހަކު ހެނދުނު ސައި ތައްޔާރުކުރަން ވެސް ޖެހެނީ ނުހާ އަށެވެ. ކުލާހަށް ދެވެނީ ގަޑި ޖެހިގެންނެވެ. ފަހުންފަހުން އައިސް މެންދުރުގެ ކެއުމަށް ގެއަށް ދާއިރު ހުންނަނީ ނުކައްކައެވެ. އެހެން ކަމުން އެގަޑީގައި ގެއަށް އައިސް އެގޭ މީހުންނަށް ކައްކައި ކާންދީހަދަން ޖެހެއެވެ. މި ހުރިހާ ކަމަކާ ނުހާ ހުންނަނީ ނުހަނު ކަންބޮނޑުވެ ދެރަވެފައެވެ. އެހެން އެގޮތަށް ވާންވީ ސަބަބެއް އެނގެން ބޭނުންވެފައެވެ. މިހުރިހާ ކަމަކާ ހުރެ އޭނާގެ ކިޔެވުމަށް ބުރޫއަރަން ފެށި އެވެ. މި ހުރިހާ ކަމެއް ނުހާ ދިޔައީ އޭނާގެ މައިންބަފައިންނަށް ސިއްރުކުރަމުންނެވެ.

އެއްދުވަހަކު ކުލާސް ނިންމާލާފައި ނުހާ ގެއަށް އައި އިރު މާނީ އާއި އަހުމަދު ގޭ ސިޓިންރޫމުގައި ހުއްޓެވެ. ނުހާ މަޑުނުކޮށް ކޮޓަރި އަށް ދާން ފެށުމުން ވާހަކައެއް ބުނަން ބޭނުންވާ ވާހަކަ ބުންޏެވެ. އަހުމަދުގެ ފިހާރައިގައި މަސައްކަތް ކުރާ ބިދޭސީ މީހާ ފިހާރައިން ކެނޑުނީއެވެ. އެހެންކަމުުން ނުހާ ފިހާރައިގައި މަސައްކަތްކުރަން ދާން ޖެހޭނޭ ކަމަށް ވެސް ބުންޏެވެ. ނޫނެކޭ ބުނަން ބޭނުން ވިނަމަވެސް ނުހާގެ ދޫ ހަރަކާތެއް ނުކުރިއެވެ. އެގޮތަށް ހުއްޓުން އަރާފައި ނުހާއަށް ހުރެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގުނެވެ. ނުހާ ސިއްސައިގެން ދިޔައީ ދެންވެސް މާނީ އައިސް ފިހާރައަށް ދާން ތައްޔާރު ވާން ބުނުމުންނެވެ.

ނުހާ ދެ ޚިޔާލެއްގައި ހުރެ ދާން ތައްޔާރުވިއެވެ. ފިހާރައިގައި އޭނާއަށް ކުރިމަތިވީ ހީވެސް ނުކުރާ ކަހަލަ ކަމަކާ އެވެ. އަހުމަދުގެ އެތަކެއް ފުރައްސާރައަކާ އެތަކެއް ގޯނާއަކާ ކުރިމަތިލާން ޖެހުނެވެ. ނުހާގެ ފަން، ދިގު އިސްތަށިގަޑު ގެ ރީތި ވާހަކަ އާއި ހަށިގަނޑުގެ ބައްޓަމުގެ ރީތި ވާހަކަ ދެއްކިއެވެ. ގޯހެއް ހިނގަން އުޅޭ ކަމަށް ނުހާއަށް އޭނާގެ ހަވަނަ ހިއްސު ދިޔައީ ސިގްނަލް ދެމުންނެވެ. ނުހާގެ ހިތުގެ ތެރޭގައި ދިޔައީ ބިރުވެރިކަން އުފެދެމުންނެވެ. އެ ދުވަސް ހޭދަވީ އެ ބިރުވެރި ކަމުގެ ތެރޭގައެވެ.

ގެއަށް ދެވުމުންވެސް ނުހާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އެ ގޭތެރެ ނުހާ އަށް ސިފަވީ ނާމާން ކިއްލާއެއް ފަދައިންނެވެ. އަތުގައި އޮތް ފޯނު ނަގައި ނުހާ ބައްޕައަށް ގުޅައި ހުރިހާ ވާހަކަ އެއް ކިޔާދިނެވެ. ނަމަވެސް ނުހާ އިތުރަށް މާޔޫސްވީ ނުހާގެ ބައްޕަ ނުހާ ދެއްކި ވާހަކަ ގަބޫލު ނުކުރުމުންނެވެ. އިސާހިތަކު ކަރުނަތައް އޭގެ މަގާމުދޫކޮށް ފައިބަންފެށިއެވެ. އެރޭގައި ނުހާއަށް ނިދުނީ އެގޮތަށް ރޮއިރޮއި އޮއްވައެވެ. އެ ގޮތުގައި ހަފުތާއެއް ފާއިތު ވެގެން ހިގައްޖެއެވެ.

އެއްރެއެއްގެ ދަންވަރުގެ ވަގުތެވެ. ނުހާއަށް ހޭލެވުނީ އޭނާގެ ހަށިގަނޑުގައި މީހަކު ބީހޭ ކަހަލަ އިހުސާސެއް ކުރެވިގެންނެވެ. ފެނުނު މަންޒަރަކުން ނުހާއަށް ނޭވާލާން ވެސް ހަނދާން ނެތުނުކަހަލަ އެވެ. އެ ބޮޑު ފިރިހެން މީހާ ދިޔައީ ނުހާގެ ހަށިގަނޑުގައި ބީހެމުންނެވެ. ނުހާ އޭނާގެ ކިބައިން ސަލާމަތްވުމަށްޓަކައި ތެޅިފޮޅެމުން ދިޔައެވެ. ކޮޓަރީގައިވާ ފަނޑު އަލީގެ ސަބަބުންނާއި މޫނުގައި އަޅާފައިވާ މާސްކުގެ ސަބަބުން އެއީ ކާކު ކަމެއް ވެސް ނޭނގެއެވެ. ނުހާއަށް މަންޒަރު ނުސާފުވާން ފެށިއެވެ. އޭގެ ފަހުން ވީ އެއްވެސްް ކަމެއް ނުހާ އަކަށް ނޭނގުނެވެ.

އޭގެ އަނެއްދުވަހު ނުހާއަށް ހޭލެވުނީ ހެނދުނުގެ ސައި ތައްޔާރުނުކޮށް ހުރެގެން މާނީ އެއްޗެހި ކިޔައި ގަތުމުންނެވެ. އެހެންދުވަސްތަކާއި ޚިލާފަށް ނުހާގެ ހަށިގަނޑުގެ އެތަންމިތާނގައި ރިއްސަމުން ދެއެވެެ. ރޭގެ ބިރުވެރި ހަނދާން އާވުމާއެކު އޭނާގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ. އަވަސް ހަރަކާތާއިއެކު ސައި ތައްޔާރުކުރުމަށްފަހު ކުލާހަށް ދާން ނުކުތީ އެހެން ދުވަސް ދުވަހަށް ވުރެ ކުރިއަށެވެ. ނުހާގެ ހިތުގައި އުފެދިފައިވާ ހައިޖާނުގަނޑަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބޭނީ ކުލާހަށް ގޮސްގެން ކަމަށް ވާތީއެވެ. އޭރުވެސް އޭނާގެ ހިތުގައި ވަނީ އެންމެ ކަމެކެވެ. އެމީހަކީ ކާކު ބާއެވެ.

ދުވަސްތަށް ފާއިތުވަމުން ގޮސް ދުވަސްކޮޅެއްފަހެވެ. ނުހާއަށް އާދަޔާޚިލާފު އުދަނގޫތަކެއްވަނީއެވެ. އަބަދު މޭނުބައިކޮށް ހޮޑު ލެވެނީއެވެ. ކުރިން އެންމެ މީރުވަސް ދުވި ސެންޓުން ނުބައި ވަސް ދުވަނީއެވެ. އެކިއެކި އެއްޗެހި ކާހިތް ވެސް ވަނީއެވެ.

އެންމެ ފަހުން ނުހާ ޑޮކްޓަރަށް ދެއްކިއެވެ. ލޭގެ ޓެސްޓުގެ ނަތީޖާ ބަލާފައި ޑޮކްޓަރު ދިން ޖަވާބުން ނުހާ އަށް އޭނާގެ ފައިދޮށުން ބިންގަނޑު ދެމިގަނެގެން ދިޔަހެން ހީވިއެވެ. ވާނީވެސް އެހެންތާއެވެ. ޑޮކުޓަރު އެ ދިނީ ނުހާގެ ހަށިގަނޑުގައި އެހެން ހިތެއްގެ ވިންދެއް ޖަހާ ޚަބަރެވެ. ނުހާއަށް އޭނާގެ މުޅި ދުނިޔެ ބަނަވެ ކަޅުވެއްޖެ ކަމުގެ އިހުސާސް ކުރެވެމުންދިޔައެވެ.

ހަދާނެ ގޮތެއް ނޭނގި ހުއްޓާ އެކުވެރި ރައުހާ ގުޅިއެވެ. ވެގެން އުޅޭ ގޮތް އެއްވެސް އިޚްތިޔާރަކާ ނުލައި ކިޔައިދެވުނެވެ. ރައުހާ އޭނާގެ އެކުވެރިޔާއަށް ޓަަކައި ހިތާމަކުރިއެވެ. އެއްވެސް ކަމަކާ ހާސްވެ ކަންބޮޑު ނުވުމަށް ބުންޏެވެ. އަދި ނުހާގެ މައިން ބަފައިން ގާތު ބުނުމަށް ލަފާ ދިނެވެ.

އޭގެ ކުޑަދުވަސްކޮޅެއް ފަހެވެ. މުޅި ކޮލެޖުގައި އޮތީ ނުހާ ރަށްމެދަށް ބަލިވެއިން ވާހަކަ އެވެ. އެންމެ ފަހުން ކޮލެޖުންވެސް ކަނޑާލީއެވެ. ނުހާގެ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނީއެވެ. ރަށަށް އެނބުރި ދިޔައީ ރަށުގައި އޭނާއަށްޓަކައި އޮތީ ކޮންކަހަލަ ހަދިޔާ އެއްކަން ނޭނގޭ ހާލުގައެވެ. ރަށަށް ދިޔަ އިރު މުޅި ރަށުގައި އޮތީ އެވާހަކައެވެ. ރަށު މީހުުންގެ ވިހަގަދަ ބަސްތަކަށް އޭނާ ކެތްކުރީ އޭނާގެ މައިން ބަފައިންގެ އަޅާލުން ލިބޭނެކަމުގެ އުންމީދުގައެވެ. ނަމަވެސް ކަންތައް ވެގެންދިޔައީ އޭގެ ދިމާ އިދި ކޮޅަށެވެ. މައިންބަފައިން ގެ ވިހަގަދަ ބަސްތަކުން ދުނިޔޭގައި އުޅުމުގެ އުންމީދު ކެނޑުނެވެ. މުސްތަގުބަލަށް ކުރެވުނު އުންމީދުގެ ހުޅުކޮޅު ވެސް ނިވުނެވެ.

ރަށުގައި އެވާހަކަ ފެތުރެންވީ ކީއްވެ ކަމާއި މެދު އޭނާ ދިޔައީ ވިސްނަމުންނެވެ. ރަށަށް އައުމުގެ ކުރިން މާނީ ބުނެގެން އެކޮޓަރި ސާފު ކުރަން ނުހާ އުޅުނު ވަގުތު ފެނުނު އެއްޗަކުން އޭނާގެ ހިތުގެ ވިންދު އަވަސްވެ ނޭވާ ކުރުވެ ދާހިއްލަން ފެށިއެވެ. ނުހާގެ އިތްފަތް ފޭރިގަތް މީހާ ބޭނުންކުރި މާސްކު އެކޮޓަރިން ފެންނަންވީ ކީއްވެ ބާވައެވެ. ނުހާ ކިތައްމެ ގަބޫލު ކުރަން ބޭނުން ނުވިއަސް ނުހާ ގެ އިއްފަތް ފޭރިގަތީ އަހުމަދު ކަމަށް ޔަގީންކުރެވުނެވެ. އެއާއެކު ނުހާ އޭނާގެ މަންމައަށް ގުޅައި ވީ ހުރިހާ ކަމެއް ކިޔާ ދިނެވެ.

އެތަށްއިރަކު ރުއިމަށްފަހު އޭނާ އަމިއްލައަށް މަރުވަމަށް ނިންމީ އެއީ ކުފުރުގެ އަމަލެއްކަން އެނގިހުރެއެވެ. ކަން ހިނގިގޮތުގެ ތަފްސީލު ގަނޑެއްގައި ލިޔެލުމަށްފަހު ފަންކާއާއި ދިމާގައި ގޮނޑިއެއް ބޭނދިއެވެ. ވަލެއް ހިފައިގެން ގޮޑިމައްޗަށް އަރައި ފަންކާގައި އެއްސިއެވެ. ވަލުގެ އަނެއްކޮޅުގެ ކޮޅުގައި ގޮށެއް ޖަހައިލިއެވެ. މި ޚިޔާލުތަކުން ބޭރުވެވުނީ ކަރަށް ވާންވުމުންނެވެ. ހިނދެއް ހިނދަކަށް ނޭވާ ކުރުވަމުން ގޮސް ނުހާ އޭނާގެ އެންމެ ފަހު ނޭވާ ދުކުރިއެވެ.

ނިމުނީ

ނޯޓު: އަމިއްލައަށް މަރު ވުމަކީ އެއްވެސް ކަމެއްގެ ހައްލެއް ނޫނެވެ.

އަމިއްލައަށް މަރުވުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ.

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: ޝައްކެއް ނެތް ގޮތުގައި އަމިއްލައަށް މަރުވުމާއި އަމިއްލަ ނަފްސަށް އެއްވެސް ކަހަލަ އަނިޔާއެއް ކުރުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. {{ وَلا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ …}} البقرة 195. ”އަދި ތިޔަބައިމީހުންގެ އަތުން ތިޔަބައިމީހުންގެ ނަފްސުތައް ހަލާކުގެ ތެރެއަށް ނުލާށެވެ!“ އިތުރުއެކަލޭގެފާނުން ހަދީޘް ކުރައްވާފައި ވެއެވެ. ((مَنْ قَتَلَ نَفْسَهُ بِحَدِيدَةٍ فَحَدِيدَتُهُ فِي يَدِهِ يَتَوَجَّأُ بِهَا فِي بَطْنِهِ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَمَنْ شَرِبَ سَمًّا فَقَتَلَ نَفْسَهُ فَهُوَ يَتَحَسَّاهُ فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا وَمَنْ تَرَدَّى مِنْ جَبَلٍ فَقَتَلَ نَفْسَهُ فَهُوَ يَتَرَدَّى فِي نَارِ جَهَنَّمَ خَالِدًا مُخَلَّدًا فِيهَا أَبَدًا)) صحيح مسلم، (1 / 282) މާނައަކީ: ”ތިބާގެ ނަފްސު ދަގަނޑު އެއްޗަކުން (ވަޅިއެއް ފަދަ އެއްޗަކުން) ގަތުލު ކޮށްފި މީހާ ޖަހަންނަމައިގެ އަލިފާނުގައި އަބަދުގެ އަބަދަށް އެފަދަ އެއްޗަކުން އޭނާގެ ބަނޑަށް ހަރައިހަރައި (އޭނާ އޭނާގެ ނަފްސު ގަތުލު ކުރި ގޮތަކަށް) ހުންނާނެއެވެ. އަދި ވިހައެއް ބޮއެގެން ތިބާގެ ނަފްސު ގަތުލު ކުރި މީހަކު ނަމަ އަބަދުގެ އަބަދަށް ޖަހަންނަމައިގެ އަލިފާނުގައި ވިހަ ބޮއެބޮއެ ހުންނާނެއެވެ. އަދި ފަރުބަދައަކުން ފުންމާލައިގެން ތިބާގެ ނަފްސު ގަތުލު ކޮށްފި މީހާ ޖަހަންނަމައިގެ އަލިފާނުގައި އަބަދުގެ އަބަދަށް ތިބާގެ ނަފްސު މަތިން ވައްޓާލައިގެން ގަތުލު ކޮށްކޮށް ހުންނާނެއެވެ.“ ތިބާގެ ނަފްސު ގަތުލު ކުރުމަށްވުރެ ބޮޑަށް މާތް ﷲ ގެ ނިޢުމަތަށް ކާފަރުވުމަކީ ކޮބައި ހެއްޔެވެ!؟ ވީމާ އެފަދަ އެއްޗެއް ހިތަށް އަރައިފި ނަމަ އަޢޫޛު ކިޔައި ޝައިޠާނީ އެނުބައި ޚިޔާލުން ދުރުހެލިވާން ޖެހޭނެއެވެ. އަދި ދުލުން ބުނެވިއްޖެ ނަމަ ތައުބާވެ، އިސްތިޣްފާރު ކުރަން ޖެހޭނެއެވެ.  والله أعلم

– މަސްދަރު: އިސްލާމް ކިޔު އެންޑް އޭ –

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ޖަނާ ސަމީރު
ޖަނާ އަކީ ވާހަކަ ލިޔުމަށް ޝައުޤުހުންނަ ލިޔުންތެރިއެކެވެ. އެހެން ދާއިރާތަކުގައިވެސް ޖަނާ ހަރަކާތްތެރިވާނެއެވެ.