ވަރަށް އިހު ޒަމާނެއްގައި ކޮންމެވެސް ޝަހަރެއްގައި ތަންމަކުނެއް އުޅުނެވެ. މި ތަންމަކުނުގެ އާއިލާއަކީ ނިކަން ބޮޑު އާއިލާއެެކެވެ. ތަންމަކުނުގެ ދަރިންނާއި، މާމަ ދަރިންނާއި، މުނިމާމަ ދަރިން އެ އާއިލާގައި ހިމެނެއެވެ. މިސޮރުމެން ދިރިއުޅެމުން ގެންދިޔައީ އެ ޝަހަރުގެ ރަސްގެފާނުގެ އެނދުދާންކޮޅުގައެވެ. އެއީ ވަރަށް ރީތި އެނދެކެވެ. ތަންމަކުނުތައް ދިރިއުޅެމުން ގެންދިޔައީ އެނދުގެ ކަންކަނުގައާއި ހިންމި ތަކުގެ ދޭތެރޭގައެވެ. އެނދުގެ މަޅުތަކުގެ ދޭތެރެތަކުގައެވެ. އެނދު ކޮޅުގައި ޖަހާފައިވާ އެއްތެލުން ވިޔެފައިވާ ސަޓާގެ ތެރޭގައެވެ.

ރަސްގެފާނު އަވަހާރަފުޅު ލެއްޕެވުމުން މިސޮރުމެންނަށް ޢީދުއައީ އެވެ. ތަންމަކުނުގެ މުޅި ޢާއިލާ އެކުގައި ނުކުމެ މުޅި އެނދަށް ފެތުރެއެވެ. އެސޮރުމެން މަޑުކޮށްގެން ތިބެނީ ކޮންމެ ރެޔަކުވެސް ރަސްގެފާނު އަވަހާރަފުޅު ލައްޕަވަންދެނެވެ. ރަސްގެފާނަށް ނިދިކުރެއްވުމުން މިސޮރުމެން ރަސްގެފާނުގެ ހަށިކޮޅުން ލޭ ބޯންފަށައެވެ. ރަސްގެފާނުގެ ލޭފޮދަކީ މާ މީރު ފޮނި ލެޔަކީ ޔޯލައެވެ. އެހެންކަމުން ހުރިހައި ތަންމަކުނެއްވެސް ރަސްގެފާނުގެ ގައިކޮޅުން ލޭބޮނީ ނިކަން ކަމާވެގެން، ގަޔާވެގެން ތިބެއެވެ.

އެއްދުވަހަކު ރަސްގެފާނުގެ ކޮޓަރިކޮޅަށް މަދިރިއެއް އައިސް ޖެއްސިއެވެ. އެސޮރަށް ރަސްގެފާނުގެ ރީތި އެނދުދާންކޮޅު ފެނިފައި ހައިރާންވެ އަންތަރީސް ވެއްޖެއެވެ. އެނދުގައި އަޅާފައިވާ ފަލަނގުފޭލި އެހާމެ ރީއްޗެވެ. ގޮދަޑި އެހާމެ މަޑުވެފައި އަރާމެވެ. ރަސްގެފާނުގެ އެނދުދާންކޮޅުގައި މި މަދިރި އިށީންނުމާއިއެކު އަޑުގެ ކޮޅަށް ބުނެލެވުނީ މިހެންނެވެ. “އަސްތާއެވެ. މިއީ ހާދަހާވާ ހިތްގައިމު، އަރާމު އެނދެކެވެ.”

މަދިރި މިހެން ބުނިއަޑު އިވުނީ އެއްކަލަ ތަންމަކުނުތަކުގެ މަންމަ އަށެވެ. އެއީ ކާކުގެ އަޑެއްތޯ ބަލައިލުމަށް ތަންމަކު އޮތް ހޮރުން ނުކުމެއްޖެއެވެ.

“ތީ ކާކު؟ ކޮންތާކުން އައި އެއްޗެއް؟” ވަރަށް ހަރުކަށި ރާގެއްގައި ތަންމަކުނު ސުވާލުކުރިއެވެ. “މިއީ ރަސްގެފާނުގެ އެނދުދާންކޮޅު. މިތާނގައި ދިރިއުޅެނީ މަށާ މަގޭ އާއިލާ. ތިގޮތަށް މިތަނަށް އައިސް ވެރިވެގަތުމުގެ ޙައްޤެއް ކަލެއަކަށް ނޯންނާނެ!” ތަންމަކުނު މަދިރިއަށް އިންޒާރު ދިނެވެ.

“ތިޔައީތަ ކަލޭ މެހެމާނުންނާމެދު އަމަލުކުރާ ގޮތަކީ؟” މަދިރި ސުވާލު ކުރިއެވެ. “އަހަންނަކީ ދަތުރުވެރިއެއް. އަހަރެން މި އައީ ވަރަށް ދުރުން ދަތުރުކޮށްފައި. އަހަރެންގެ ދަތުރުމަތީގައި އެތައް ބައިވަރު މީހުންގެ ގައިން ލޭ ބޮއެ ރަހަ ބަލައިފިން. އެކަމަކުވެސް ރަސްކަލެއްގެ ލޭގެ ރަހަބެލުމުގެ ނަސީބު އަހަނަށް އަދި ލިބިފައެއް ނެތް. އަހަންނަށް އިވިފައި ވާގޮތުން ރަސްރަސްކަލުންގެ ގައިކޮޅުގެ ލެއިން ލަނީ މާމުއި ރަހަ. އެހެންވީމާ އަހަންނަށް މެހެމާންދަރީ އަދާކުރުމުގެ ގޮތުން މި ރަސްގެފާނުގެ ގައިކޮޅުން އެއްމެ ލޭ ތިއްކެއް ނަމަވެސް ރަހަ ބަލައިލުމުގެ ފުރުޞަތު މަށަށް ދޭންވީނު!’ މަދިރި އާދޭސް ކުރިއެވެ.

“ނޫން ނޫން ނޫން. އެއްގޮތަކަށްވެސް ތިޔަ ފުރުޞަތެއް ނުދެވޭނެ.” ތަންމަކުނު ހަޅޭއް ލަވައިގަތެވެ.

“އެކަމަކު ކީއްވެ ނުދޭންވީ؟” މަދިރިވެސް ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ.

ތަންމަކުނު ބުންޏެވެ. “ކަލޭ ރަސްގެފާނުގެ ގައިގަ ހަފައިފިއްޔާ ރަސްގެފާނަށް ތަދުފުޅުވާނެ. ނަތީޖާއެއްގެ ގޮތުން ރަސްގެފާނުގެ އަވހާރަފުޅުން ހޭފުޅުލެއްވޭނެ. ހަމަ އެއާއި އެކު ރަސްގެފާނުގެ ގައިކޮޅުގައި ހެފީ ކޮންއެއްޗެއްތޯ ބެއްލެވުމަށްފަހު އަހަރުމެން އެއްމެން މަރައި ހުސްކުރައްވާނެ.”

އެހައިވަރަށް ތަންމަކުނު، މަދިރިއަށް ވިސްނައިދިންނަމަވެސް މަދިރި ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ. މަދިރި ކުރަން ބޭނުންވި ކަންތައް ކޮށްފަ ނޫނީ ނުދިއުމަށް ނިންމި އެވެ. އެއްމެފަހުން ތަންމަކުނުގެ ހަތަރެއްފައިގައި ހިފައި އާދޭސްކުރަން ފެށިއެވެ.

“އަހަންނަށް ކުޑަކޮށް ނަމަވެސް ހަމްދަރުދީވެފަ، އަހަރެން މި ކޮޓަރީގަ ހަމަ އެކަނި މިރޭ މަޑުކޮށްލުމަށް ފުރުޞަތު ދީ. ހުވާކޮށްފަ ބުނަން މާދަން ހެނދުނު އަހަރެން މިތަން ދޫކޮށްފަ ދާނަން. އަހަރެން ހަމަ އެކަނި ބޭނުންވަނީ އެއްމެ ފަހަރަކު ނަމަވެސް ރަސްގެފާނުގެ ގައިން ލޭފޮދެއް ބޯން.”

އެއްމެ ފަހުން ތަންމަކުނަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އަމާންދީ ގޮތް ދޫކުރާށެވެ.

“މީހުން އެބުނަނީ ދެތެއް. ރަސްރަސްކަލުންގެ ލެޔަކީ ވަރަށް މީރު އެއްޗެއް،” ތަންމަކުނު ބުނެލިއެވެ. ‘އެކަމަކު ކަލޭ ހަމައެކަނި މިރޭ މަޑުކޮށްލުމަށް ފުރުޞަތު ދެވޭނީ އިނގޭ.”

މަދިރި އުފަލުން ފޮޅުނެވެ.

ނަމަވެސް ތަންމަކުނު މަދިރިއަށް އިންޒާރުދީ ކަމެއް ހަނދާން ކޮށްދިނެވެ. “ޕްލީޒް، ވަރަށް ބަލައިގެން އުޅޭތި. ނުބައި ދަނޑިވަޅެއްގައި ނިކުމެ ރަސްގެފާނުގެ ގައިކޮޅުގައި ނުހަފާތި. އަދި ނުބައި ތަނެއްގައިވެސް ނުހަފާތި.”

“އަހަންނަށް ރަނގަޅުގޮތް ވުމަށް ދުޢާކޮށްދީފަ ނިކަން ބުނެދީބަލަ ތިޔަބުނާ ރަނގަޅު ދަނޑިވަޅާއި ރަނގަޅު ތަންތަން.” އަނެއްކާވެސް މަދިރި އާދޭހުގެ ރާގުގައި ބުންޏެވެ.

ތަންމަކުނު ވަރަށް މަޑުމަޑުން ކިޔައިދޭން ފެށިއެވެ. “ރަސްގެފާނު ގަހުވަ ހިއްޕެވުމަށްފަހު، ދެން ރޭގަނޑުގެ ފަރިއްކޮޅު ނަންގަވާނެ. ފަރިއްކޮޅަށްފަހު ރަސްގެފާނު އަވަހާރަފުޅު ލައްޕަވަން ވަޑައިގަންނަވާނެ. އެހެންވީމަ ރަސްގެފާނުގެ ގައިކޮޅުގަ ހަފަން އެއްމެ ރަނގަޅު ވަގުތަކީ ރަސްގެފާނަށް ނިދިކުރެއްވެވޭ ވަގުތު. އެވަގުތު އޮންނަވާނީ ވަރަށް ގަދަ ނިދިފުޅެއްގައި.”

“ދެން އެހެއްވެއްޖެއްޔާ ހަފަން އެއްމެ ރަނގަޅު ތަނަކީ ކޮބަޔޯ؟” މަދިރި ސުވާލުކުރި އެވެ.

“ދެ ފައިގަ،” ތަންމަކުނު ބުންޏެވެ. “ރަސްގެފާނު ގަދައަށް އަވަހާރަފުޅުގައި އޮންނަވާއިރު ހެފިޔަސް ތަދުފުޅެއް އިޙްސާސެއް ނުކުރެއްވޭނެ.”

ތަންމަކުނުގެ ވާހަކަތަކަށް ބޯލަނބައި ކިޔަމަންވާނެކަމަށް ބުނެ މަދިރި އެއްބަސްވި އެވެ.

އެވަގުތު ތަންމަކުނު އޭތި އޮންނަ ހޮރަށް ވަދެއްޖެއެވެ.

މަދިރި ފާރަލަމުން ދިޔައީ ރަސްގެފާނަށެވެ. މަދިރި އޮތީ ކެތްމަދުވެފައެވެ. އެއްމެ ފަހުން ރަސްގެފާނު ކޮޓަރިކޮޅަށް ވަދެވަޑައިގެން އެނދުދާންކޮޅުގައި އޮށޯވެވަޑައިގެންފި އެވެ. މަދިރިއަށް އޮވެވެނިކީ ނޫނެވެ. މަދިރި ވިސްނަމުން ދިޔައީ މާމުއި ހައި މީރުވާނެ، ރަސްގެފާނުގެ ލޭފޮދާއި މެދުގައެވެ. މިހެން ކެތްމަދުވެފައި ވިސްނަން އޮއްވާ ތަންމަކުނު ދެއްކި ވާހަކަތައް މަތިން މަދިރި ހަނދާން ނެތިއްޖެއެވެ. ތަންމަކުނު ދިން އިންޒާރު މަތިން ކުޑަކޮށްވެސް ހަނދާނެއް ނެތެވެ.

އެއްމެފަހުން މަދިރިއަށް ހިމޭނުން ނޯވެވިގެން އޮތްތަނުން ތެދުވެގެން ގޮސް ރަސްގެފާނުގެ ކަނދުރާފުޅުގައި ޖެއްސި އެވެ. އޭރު އަދި ރަސްގެފާނަށް އަވަހާރަފުޅު ނުލެއްޕެވެ އެވެ. މަދިރި ރަސްގެފާނުގެ ކަނދުރަފުޅުގައި ހަފާލިވަގުތު ރަސްގެފާނަށް ތަދުފުޅުވެގެން ހަތަރެސްފައި އެއްކޮށް ކޮޅަށް ޖައްސަވައި އެނދުން ފުންމާލެއްވި އެވެ. ރަސްގެފާނުގެ އަވަހާރަފުޅަށް ހުރަސް އެޅިގެން ދިއުމުން ވަރަށް ބޮޑަށް ކޯފާ އިސްކުރެއްވިއެވެ. ވަގުތުން ގަނޑުވަރުތެރޭގައި ގެންގުޅޭ ޚާދިމުންނާއި ޚާދިމާއިންނަށް ގޮވައި އެތަނަށް ގެންނެވިއެވެ.

“ކޮންމެވެސް އެއްޗެއް އަހަރެންގެ ގައިގައި ހަފައިފި. އެ އެއްޗެއް ހަމަ މިހާރުން މިހާރަށް ހޯދާފަ މަރާލާ. އެނދު އެފުށްމިފުށަށް ޖަހައިގެން ނަމަވެސް އެ އެއްޗެއް ހޯދަންވާނެ.!” ރަސްގެފާނުގެ އަމުރުފުޅު ވަރަށް ހަރުކައްޓެވެ.

އޭރު ރަސްގެފާނުގެ ގައިކޮޅުން ލޭފޮދެއް ގެ ރަހަ ލިބުމުން މަދިރި އުދުހިފައިގޮސް ފިލާ ރައްކާވެއްޖެއެވެ. ޚާދިމުންނާއި ޚާދިމާއިން ރަސްގެފާނުގެ އެނދުރާންކޮޅުގައި އޮތް ފަލަނގުފޭލި ނެގިއެވެ. ގޮދަޑި ނަގައި އަނެއް ފުށަށް ޖެހިއެވެ. އެމީހުންނަށް ފެނުނީ ބޮޑު ތަންމަކުނު ހާއްޔެކެވެ. އެއްކަލަ ތަންމަކުނާއި އޭގެ ދަރިންނާއި މާމަ ދަރިންތަކެވެ. ޚާދިމުން އެ ހުރިހައި ތަންމަކުނެއް މަރައި ހުސްކުރިއެވެ. އެއްމެ މަކުނަކަށްވެސް ފިލައިގެން ދެވޭގޮތެއް ނުވި އެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.