ދިވެހިރާއްޖެއިން ހިމަބިހި (މީސްލްސް) ފެނުމާއިގުޅިގެން މިބަލި އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ކުރަމުންއަންނަ މަސައްކަތްތަކުގެތެރެއިން، މިހާރު ފަށާފައިވާ ސަޕްލިމެންޓަރީ ވެކްސިން ދިނުމުގެ ޕްރޮގްރާމަށް ބޭނުންވާ ވެކްސިންއާއި ކޮންސިއުމަބަލްސް ހޯދުމުގައި ޔުނިސެފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ. 

ހެލްތު މިނިސްޓްރީގައި މިކަން ފާހަގަކުރުމުގެ ގޮތުން  މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ، ޔުނިސެފްއިން ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި  ފޯރުކޮށްދިން އެހީތެރިކަށް ފާހަނގަ ކުރައްވައި އެފަރާތަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ޔުނިސެފްގެ ފަރާތުން ރާއްޖޭގެ ވެކްސިން ޕްރޮގްރާމަށް ލިބެމުންދާ ފަންނީ އެހީތެރިކަން ފާހަގަކޮށް އެކަމަށްވެސް ޝުކުރުއަދާކުރެއްވިއެވެ. 

ޔުނިސެފްގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަން ފާހަގަކުރައްވައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ޔުނިސެފް އަށް ހާއްސަ ހަނދާނީ ލިޔުމެއްވެސް ވަނީ މި ރަސްމިއްޔާތުގައި އަރުވާފައެވެ. 

ޔުނިސެފްގެ އެހީގައި ހޯދާފައިވާ ވެކްސިން، އެފަރާތުގެ ފަންނީ ލަފާގެ މަތިން އިސްކަންދެވޭ ފަރާތްތަކަށް ދަތިކަމެއް ނެތި ވެކްސިން ދިނުމާއި މިހާރު ކުރިއަށް ގެންދާ ސަޕްލިމެންޓަރީ ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްގެންދެވޭނެކަމަށް ހެލްތު މިނިސްޓްރީގެ ފަރާތުން މަޢުލޫމާތު ދެއްވައެވެ.

ދިވެހިރާއްޖެއިން ހިމަބިހި ފެނުމާއިގުޅިގެން މިހާރު ކުރިއަށްގެންދެވޭ މަސައްކަތްތަކުގެތެރޭގައި، ހިމަބިއްސަށް ޕޮޒިޓިވް ވި ފަރާތްތަކުގެ ފަރާތުން ބަލި އަރާފާނެ ފަރާތްތައް ދެނެގަނެ، މަޢުލޫމާތު ދިނުމާއި، ވެކްސިން ފުރިހަމަ ނުވާ ފަރާތްތަކަށް ވެކްސިން ދިނުމާއި 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން މާލެއާއި އަތޮޅުތެރޭގައި މީސްލްސް ވެކްސިން ޑޯޒްތައް ހަމަނުވާކުދިންނަށް ވެކްސިން ދީ ހަމަކުރުމާއި، ޢުމުރުން 6 މަހާއި 18 މަހާއި ދެމެދުގެ ތުއްތުކުދިންނަށް އެމް.އާރު ވެކްސިންގެ އިތުރު ޑޯޒްއެއް ދިނުން ހިމެނެއެވެ. ހަަމައެހެންމެ ވެކްސިންދިނުމުގެ މުހިންމުކަމާގުޅޭ މަޢުލޫމާތުދިނުމުގެ ކޮމިއުނިކޭޝަން ކެމްޕޭނެއް މި މަސްތެރޭގައި ފެށުމާއި އަދި މުޅި އާބާދީއަށް އަމާޒްކޮށް (ބިދޭސީން ހިމެނޭގޮތަށް) އެމް.އާރު ވެކްސިން ދިނުމުގެ ކެމްޕޭނެއް ހިންގުންވެސް ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.