ދުވަސްވަރަކީ ޤައުމުގެ ރަށްތަކާއި ސިޓީތައް ކުރިއަށް އޮތް ފަސް އަހަރު ދުވަހު ހިންގާނެ ބަޔަކު ހޮވުމަށް ވަރަށް ފޯރީގައި ހުރިހާފަރާތްތަކުން ވެސް މަސައްކަތްތަކެއް ކުރަމުންދާ ދުވަސްވަރެކެވެ. މިކަމާއި ގުޅިގެން ވެސް ޖިންސުގެ ހަމަހަމަ ކުރުމާއި ބާރުވެރި ކުރުމުގެ ވާހަކަ ދައްކާލަން ޖެހެނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއި އެކު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވާފައިވަނީ 15 ޑިސެމްބަރު 2019 ވީ އާދީއްތަ ދުވަހުއެވެ.

އިސްވެ ދެންނެވުނު ޤާނޫނުގެ 24 ވަނަ މާއްދާގެ (ހ) ގައި ވެއެވެ. ޤާނޫނު އަސާސީގައިވާ އިދާރީ ދާއިރާތަކުގެ ރަށްރަށުގެ ރަށު ކައުންސިލު އެކުލެވިގެންވަނީ އެ ރަށަކުން އިންތިހާބުކުރެވޭ މެމްބަރުންގެ މައްޗަށެވެ. 3000 (ތިންހާސް) މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރާނީ 5 (ފަހެއް) މެމްބަރުންނެވެ. 3000 (ތިންހާސް) އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބުކުރާނީ 7 (ހަތެއް) މެމްބަރުންނެވެ. މި މާއްދާގެ (ށ) ގައިވަނީ 5 ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތަކުގައި 2 އަންހެން ކައުންސިލަރުން ހިމެނެން ޖެހޭނެކަމުގައެވެ. އަދި 7 ކައުންސިލަރުންގެ މައްޗަށް އެކުލެވޭ ކައުންސިލްތަކުގައި 3 އަންހެން ކައުންސިލަރުން ހިމެނެން ޖެހޭނެކަމުގައެވެ.

ރައްޔިތުންނަށް އެކަށީގެންވާ ހިދުމަތެއް ފޯރުކޮށްދިނުމަށް ބާރުތަކަކާއި ޒިންމާތަކެއް ހަވާލުކުރެވޭ ފަރާތްތަކެއް ނިސްބަތްވާ ކުލަކުލައަށާއި ޖިންސަށް ބަލައިގެން ޤާބިލުކަން ކަނޑައަޅަނީނަމަ އެ ބައެއްގެ ހަމަ ވިސްނުމާއިމެދު ސުވާލު އުފެއްދުމުގެ ފުރުޞަތު އެބައޮތެވެ. ސަބަބަކީ ޒިންމާތަކެއް ހަވާލުކުރާއިރު އެންމެ މުހިންމު ކަމަކީ އެ ޒިންމާއެއް ފުރިހަމަ ގޮތުގައި އުފުލޭނެ ޤާބިލު ބަޔަކު ޚިޔާރުކުރުމެވެ. އެންމެ ފުރިހަމަ އަށް އެކަމުގެ މަޤުޞަދު ހާސިލުވެގެންދާނީ އޭރުންނޫން ތޯއެވެ.

މި މަޢުޟޫގައި ފާހަގަކޮށްލަންޖެހޭ އަނެއްކަމަކީ ޤައުމުގެ ކަމުވޮށިގެންވާ މަޤާމުތަކުގައި ތިއްބެވި ބޭބޭފުޅުން ވެސް ޖިންސުގެ ހަމަހަމަ ކުރުމުގެ ނަމުގައި މިކަމުގައި ފައިދާބޮޑުގޮތް ދޫކޮށްލުމަށްފަހު ވަކިގޮތަކަށް އަމަލު ކުރުމަށް ޤާނޫނީ ގޮތުން އެހެން މީހުންގެ މައްޗަށް މަޖުބޫރުކުރުމެވެ. މިސާލެއް ދަންނަވަނީނަމަ ރަށެއްގެ ރަށު ކައުންސިލުގެ މަޤާމަށް ވަރަށް ޤާބިލު ފިރިހެން ފަސް ބޭފުޅުން ކުރިމަތިލައިފައި އޮއްވައި، ކަމަށް އެއްވެސް ވަރަކަށް ޤާބިލުނޫން ކަނބަލުން ތަކެއް ކުރިމަތިލައިފި ހިނދެއްގައި ވެސް އޭގެ ތެރެއިން ކަމަށް ވަރަށް ޤާބިލު ފިރިހެން ދެ ބޭފުޅުން ބޭރުކުރުމަށް ފަހު އެއްކަލަ ދެ ޖާގަ އެއްވެސް ޤާބިލިކަމެއް ނެތްބަޔަކު ގެންނަން ޖެހުމަކީ ކޮން ގޮތަކުން ފައިދާބޮޑު އުސޫލެއްބާއެވެ.

ހިތާމައަކީ ފައިދާބޮޑު ގޮތް ވިސްނޭބަޔަކަށް ވެސް އެ ގޮތަށް އަމަލު ކުރުމަށް އޮތް ދޮރު ޤާނޫނީ ގޮތުން ބަންދުވެފައި އޮތް އޮތުމެވެ. މުހިންމު ވެގެން މި އުޅެނީ ވަކި ޖިންސެއް ހެއްޔެވެ. ނޫނެކެވެ. ބޭނުންވަނީ ކަމަށް ޤާބިލު ކަމަށް ކަމޭހިތާ، އިހުލާސްތެރި، ހީވާގި، ތަޢުލީމީ، ހިންގުންތެރި މީހުންނެވެ. މި ޝަރުތުތައް ފުރިހަމަވާނަމަ ފަސް އަންހެން ބޭފުޅުންނަށް ވުމަކުން އެކަމުގައި އޮތީ ކޮން މައްސަލައެއްބާއެވެ. ހަމަ މި ޝަރުތުހަމަވާ ފަސް ފިރިހެން ބޭފުޅުން ތިބިޔަސް އެކަމުގައި އޮތީ ކޮން ގެއްލުމެއްތޯއެވެ.​

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.