ތިޔައިގެ ތެރެއިން ރަށު ކޮޅަށް ގޮސްއުޅެނީ ކިތައް މީހުން ބާވައެވެ. ޚާއްޞަ ގޮތެއްގައި މުލަ ރޯދަ ދުވަހު ފަތިހު ފިންޏާއި އެކު ރަށު ކޮޅަށް ގޮސް އުޅެމުހެއްޔެވެ. ނުވަތަ ގޮސް އުޅުނިން ހެއްޔެވެ. ހަމަ ގައިމުވެސް އަހަރަމެން ކުޑަ އިރު އެގޮތަށް ރަށު ކޮޅަށް ގޮސް އުޅުނީމުއެވެ. އަދި އެވެސް މާލެދާން – ރަށުކޮޅަށް ދިއުމެވެ.

ބަނދެފައިވާ ކުޑަ ދޯންޏެއް ކޮނޑުގައި ޖަހައިގެން ކުޑަކުއްޖަކު ‘ރަށު ކޮޅަށް ދިޔުން’ މިތާންގައި އަޅުގަނޑު މި މާނަ ކުރަނީ ހަމަ އެކަނި ރަށުގެ ކޮޅަށް ގޮސްލާ ވާހަކައެއް ނޫނެވެ. އަޅުގަނޑުމެން ޅައިރު މުލަ ރޯދަދުވަހު ފަތިހު ފިންޏާ ރަށުކޮޅަށް ގޮސް އުޅުނީ މާލެ ދަތުރު ކުރުމަށެވެ. ޙަޤީޤަތުގައި އޭރު އަޅުގަނޑުމެން ފަތިހު ފިންޏާ ދަނީ މާލެއަށެވެ. ފަތިހު ފިންޏާ މާލެ ގޮސް، ވިއްކަން ގެންދާ ދަރާއި، ފަތްކޭލާއި ކުކުޅު ފަދަ ތަކެތި ވިއްކުމަށްފަހު މާލެއިން ހަނޑޫ، ހަކުރު އަދި ފުށުގެ އިތުރުން ހަވާދުގެ ބާވަތްތައް ގަނެގެން އެނބުރި ރަށަށް ދަނީ ހެނދުނު އަށެއް ނުވައެއް ޖަހާއިރުއެވެ.

މަޢާފު ކުރާށެވެ. އަހަރެން މޮޔަ ގޮވަނީ ކަމަށް ހީވެދާނެއެވެ. އެހެނަސް އަހަރެން މި ދައްކަނީ ހަމަ ރަނގަޅު ވާހަކަ ތަކެކެވެ. އޭރު އަހަރުމެން މި ބުނި ގޮތަށް މާލެ ގޮސް އުޅުނީމު އެވެ. ނަމަވެސް އެއީ އަހަރުމެން ރަށު ބަހުން ބުނާގޮތަށް ނަމަ ‘ކޮޅެންތާ މާލެ ދިއުމެކެވެ.’ ނުވަތަ ބަތް ކައްކާ ކުޅޭގޮތަށް ކުޅެމުން އައި ކުޅިވަރެކެވެ. މިއަދުގެ ޖީލުތައް ނުދަންނަ ބީރައްޓެހި ވެފައިވާ ކަމެކެވެ.

ރަށު ކޮޅަށް ކުރާ މާލެ ދަތުރު

ރަމަޟާން މަސް އަންނަން ކައިރިވާން ފެށުމުން މާހެފުން ހެދުމާއި މާހެފުން އޮޑި އެޅުމުގެ އާދަކާދައިން ޞަފްޙާއެއް މީގެ ކުރިން ވާނީ ހުށައަޅާ ލެވިފައެވެ. މިފަހަރު ކިޔުންތެރިންނާއި ހަމައަށް ގެނެސްދެވޭތޯ މަސައްކަތް މިކުރަނީ އާދަކާދައެއްގެ ގޮތުން ފޮނަދޫގެ ތިން އަވަށް އޮންނަ އިރު ހަމައެކަނި ބަރާސިލު އަވަށުގައި ކުރިޔަށް ދިޔަ ކުޅިވަރެއްގެ ވާހަކަ އެވެ. އަތޮޅުގެ އެހެން ރަށެއްގައި މި ކުޅިވަރު ނުވަތަ މި އާދަކާދަ ކުރިއަށް ދިޔަކަން މިހާތަނަށް އައިއިރު އެނގިފައެއް ނެތެވެ. މިއީ އަހަރުގެ ކޮންމެ ކޮންމެ ދުވަހެއްގައި ކުޅެމުން އައި ކުޅިވަރެއް ނޫނެވެ. މި ކުޅިވަރު ކުޅެވެނީ އަހަރަކު އެއްފަހަރުއެވެ. ކުރިން ފާހަގަ ކުރިހެން މުލަ ރޯދަ ދުވަހުއެވެ.

ރަށުކޮޅަށް މާލެ ދިއުމަށް ތައްޔާރުވުން

ރަށު ކޮޅަށް ދިއުމަށް ނުވަތަ މާލެ ދިއުމަށް ތައްޔާރުވާން ފަށަނީ ރަމަޟާން މަސް އައުމުގެ ހަފުތާއެއް ނުވަތަ ދެ ހަފުތާއެއް ކުރިންނެވެ. މި ކުޅިވަރަކީ ހަމަ އެކަނި ކުޑަކުދިން ބައިވެރިވާ ކުޅިވަރެއް ނޫނެވެ. ނޫކަށި ފުރާގެ ޒުވާނުންގެ އިތުރުން ތަންކޮޅެއް ހަރުފުރާގެ ބަފައިންވެސް މިކަމުގައި ބައިވެރިވެ އުޅުނުކަން މިތާންގައި ފާހަގަ ކޮށްލަމެވެ.

މާލެ ދަތުރަށް ތައްޔާރު ވުމަށް އެންމެ ފުރަތަމަ ކުރާ މަސައްކަތަކީ އޮޑިއެއް ބަނުމެވެ. އެންމެ މޮޅު އޮޑީގައި ދަތުރު ކުރުމުގެ ނަސީބު ލިބިފައިވާ މާވަޑީންގެ ދަރިން ނުވަތަ ލަކުޑި ކޮށާ މެށުމުގެ ހުނަރު ލިބިފައިވާ ބަފައިންނާއި ބޭބެއިން ތިބޭ ކުދިން ދަތުރު ކުރުމަށް އޮޑި ބަނދެ އުޅުނީ ބަނބުކެޔޮ ގަހުގެ މުލުންނެވެ. ހިކިފައި ހުންނަ ފަލަ ބަނބުކެޔޮ މޫ ހޯދައިގެން އޭގެއިން ދޯނީގެ މަޑޫތައް މަށައިގެން ބަނދެ ނިންމާފައި ހުންނަ ދޯނި ފެންނައިރު ހީވާނީ ވަކަރުން ބަނދެފައިވާ ދޯންޏެއް ކުޑަކޮށްލާފައި ހުންނަ ހެންނެވެ. އެހާވެސް ހުނަރުވެރިކަން އެފަދަ ދޯނިން ފެންނާނެއެވެ.

ބަނބުކެޔޮ މުލުން ބަންނަ ދޯނި އެއީ އެއް ނަންބަރު ދޯންޏަށް ވާއިރު ދެ ނަންބަރު ލިބިގެންދަނީ ކަނދުން ހަދާ ދޯންޏެވެ. ކަނދުން ދޯނި ހަދައި އުޅެނީ ފަލަކޮށް ހުންނަ ކަނދު ބުރިވަރު ކޮށާ މަށައިގެން ދޯންޏެއްގެ ބައްޓަން ގެނެސްގެންނެވެ. ތިން ނަންބަރު ދޯންޏަކީ ބޮޑެތި ކާށި އަޅާ ރުއްރުކުގެ ބޮނބިން ހަދާ ދޯންޏެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.