ޑާކްރެއިން އެންޓަޓެއިންމެންޓްގެ ފިލްމު ”ނޮވެމްބަރ”ގެ ޕޯސްޓަރު، މިއަދު (10 ފެބްރުއަރީ) ހެނދުނު 10:00ގައި ނެރޭނެކަމަށް އެ ޕްރޮޑަކްޝަނުން ބުނެފިއެވެ.

މީގެ ކުރިން ޑާކްރެއިން އެންޓަޓެއިންމެންޓުން ފިލްމެއް އުފައްދަން ފަށާއިރު، ފިލްމު ރިލީޒްކުރާނެ ތާރީޚް ކަނޑައަޅައި އާއްމުކުރިޔަސް ފިލްމު ”ނޮވެމްބަރ”ރިލީޒްކުރާނެ ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ. އެކަމާ ގުޅިގެން ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ބުނީ އޮލިމްޕަސް ހޯދުމަށް އެންސީއޭއާ އެކު އެގްރީމެންޓްގައި ސޮއިކުރެވޭ ހިސާބުން ތާރީޚް އިއުލާނުކުރާނެ ކަމަށެވެ.

ބެލެވޭގޮތުން މިއަދު ޕޯސްޓަރ ރިލީޒްކުރާއިރު ފިލްމު ރިލީޒްކުރާނެ ތާރީޚް ވެސް ހާމަކުރާނެއެވެ. މަޢުލޫމާތު ލިބޭގޮތުން  ފިލްމު ”ނޮވެމްބަރ”ރިލީޒްކުރާނީ މި އަހަރު ޖުލައިމަހުގެ ކުރީކޮޅުގެ ތާރީޚެއްގައެވެ.

ނޮވެމްބަރު”ގެ ލީޑުން ފެނިގެންދާނީ ޑާކްރެއިންގެ އެންމެ މަޤްބޫލު ޖޯޑު ޖުމައްޔިލް ނިމާލު އާއި މަރިޔަމް މަޖުދާ އެވެ. ފިލްމުން ފެނިގެންދާނެ އިތުރު ތަރިންގެ ތެރޭގައި އާއިޝަތު ޔާދާ، ޢާއިޝަތު ޢަލީ އާއި އިސްމާޢީލް ވަޖީހް ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ މަޝްހޫރު ބައެއް ސެލެބްރިޓީންވެސް މި ފިލްމުގެ ބައެއް މަންޒަރުތަކުގައި އަންނަނީ ހިމަނާފައިވެއެވެ.

މި ފިލްމުގެ މުހިންމު މަންޒަރުތައް، ލ. އަތޮޅުގެ ގުޅާލާފައިވާ ތިންރަށުގައާއި އައްޑޫ ސިޓީ، ކ. ތުލުސްދޫ، ވެލާނާ އެއަރޕޯޓް، ސިންގަޕޫރު އަދި މަންޓާ އެއަރގައި ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.

ފިލްމު ”ނޮވެމްބަރ”ގެ ސްކްރީންޕްލޭ ލިޔުނީ އަޙްމަދު ޠަލާލް އާއި އާއިޝަތު ފުއާދު އެވެ.

މި ފިލްމު ޑައިރެކްޓްކުރަނީ ޢަލީ ޗިފާޢު (ޗިއްޕެ)އެވެ. ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި އާއިޝަތު ފުއާދު ހަރަކާތްތެރިވެއެވެ. ކެމެރާ ކުރަނީ ޗިއްޕެ އާއި ޝިނާންއެވެ.

ފިލްމު ”ނޮވެމްބަރ”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.