ޑާކްރެއިން އެންޓަރޓެއިންމެންޓުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މަސައްކަތް ފެށި ފިލްމު “ނޮވެމްބަރ” ގެ ޕޯސްޓަރު ދައްކާލައިފިއެވެ.

މި ފިލްމުގެ ހިތްގައިމު ޕޯސްޓަރުން ފެނިގެންދަނީ ފިލްމުގެ ބޮޑު ބައެއް ޝޫޓްކޮށްފައިވާ ސިންގަޕޫރުގެ ބިޔަ އިމާރާތްތަކެއް ފިލްމުގެ ލީޑް ދެ ތަރިންގެ ޓްރާންސްޕޭރެންޓް ސިލުއެޓް ފޮޓޯއެއްގެ ތެރެއިން ފެންނަ ގޮތަށެވެ. އަދި ސިލުއެޓް ފޯޓޯގެ މެދުންވެސް ފެންނަނީ ފިލްމުގެ ލީޑް ޖުމައްޔިލް އާއި މަޖޫ، ބްރިޖެއް މަތީގައި ވަރަށް ލޯބިން ބައްދާލައިގެންތިބޭ ތަނެވެ. މިއަދު ހެނދުނު 10ޖެހި އިރު ނެރެފައިވާ މި ޕޯސްޓަރަށް ދިވެހި ފިލްމަށް ލޯބިކުރާ ފަރާތްތަކުން އަންނަނީ ތައުރީފުކުރަމުންނެވެ.

އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭ ފިލްމުގެ އެކިއެކި ރޯލުތަކުން ބޮޑު ކާސްޓެއް ފެނިގެންދާނެއެވެ. އެގޮތުން އާއިޝަތު ޔާދާ، އައިޝަތު ޢަލީ، ކުރީގެ އެކްޓަރު އިސްމާއީލް ވަޖީހާއި އޭނާގެ ދަރިއެއް ކަމަށްވާ ތަރީޝް އިސްމާއިލް، ލަވަކިޔުންތެެރިޔާ ޝަލަބީ އާއި މޭނާ ހައްސާނު، މަޝްހޫރު ޕްރެސެންޓަރ މޫސާ ވަސީމް އާއި ދިވެހިބަހުގެ އުސްތާޒު ސޯދުބޭވެސް ފެނިގެންދާނެއެވެ. މީގެ އިތުރުންވެސް ޑާކްރެއިންގެ ފިލްމުތަކުން ފެންނަ ބައެއް އެހެން މޫނުތައްވެސް ފެނިގެންދާނެއެވެ.

ފިލްމު “ނޮވެމްބަރ” ގެ ސްކްރީންޕްލޭ ލިޔުނީ ޢާއިޝަތު ފުއާދު އާއި ޢަހްމަދު ޠަލާލް އެވެ. ޑައިރެކްޓްކޮށް ކެމެރާކުރީ ޝިފާއު (ޗިއްޕެ) އެވެ. ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތެރިވެފައިވަނީ އާއިޝަތު ފުއާދެވެ. ޗިއްޕެއާއެކު ކެމެރާކުރުމުގައި އަޙްމަދު ޝިނާން ވެސް ހަރަކާތެރިވިއެވެ.

ފިލްމު “ނޮވެމްބަރ” ރިލީޒްކުރާނެ ތާރީޚެއް ޕޯސްޓަރު ނެެރުނު އިރު ހިމަނާފައި ނުވިޔަސް މަޢުލޫމާތު ލިބޭގޮތުން  ފިލްމު ފިލްމު ރިލީޒްކުރާނީ މި އަހަރު ޖުލައިމަހުގެ ކުރީކޮޅުގެ ތާރީޚެއްގައެވެ.

ފިލްމު “ނޮވެމްބަރ”ގެ ޕޯސްޓަރު

މި ފިލްމުގެ މުހިންމު މަންޒަރުތައް، ލ. އަތޮޅުގެ ގުޅާލާފައިވާ ތިންރަށްކަމަށްވާ ފޮނަދޫ، ކައްދޫ އަދި މާންދޫގެ އިތުރުން އައްޑޫ ސިޓީ، ކ. ތުލުސްދޫ، ވެލާނާ އެއަރޕޯޓް، ސިންގަޕޫރު އަދި މަންޓާ އެއަރގައި ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.

ފިލްމު ”ނޮވެމްބަރ”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.