​މޯލްޑިވިއަން އައިޑަލް ދެވަނަ ސީޒަނުން ފެނިގެންދިޔަ އަޙްމަދު މާއިޝް ނިޔާޒުގެ ފުރަތަމަ 100 ޕަސެންޓް ކޮމްޕޮޒިޝަން ހިމެނޭ ލަވަ، މި މަހު އެހުންތެރިންނަށް އިވިގެންދާނެ ކަމަށް ޑީބީ ރެކްޑްސް އިން ބުނެފިއެވެ.

ޑީބީ ރެކޯޑްސް އިން އަލަށް ނެރޭ ލަވައެއް ކަމަށްވާ، އިސްމާޢީލް ޝިޢާރުގެ “ހިނިތުން” ވެފައި މިވަނީ އިއްޔަ ރެކޯޑްސް އަދި ޑީބީ ރެކޯޑްސްގެ ފައުންޑަރ މުސްތާޤަށް ހިނިތުންވުމެއް ގެނެސްދިން ކޮމްޕޮޒިޝަނަކަށެވެ. 

މޯލްޑިވިއަން އައިޑަލް އަށްފަހު ވިދުން ފަނޑުވެގެން ދިޔަ ގިނަ ހުނަރުވެރި އާޓިސްޓުންތަކެއް މުސްތާޤް ވަނީ އަލުން މިއުޒިކްގެ ދާއިރާއަށް ނެރެދީފައެވެ. 

މާއިޝްގެ ކޮމްޕޮޒިޝަނަށް މުސްތާޤް އަދި ޑީބީ ރެކޯޑްސްގެ ސީއީއޯ ފަތީން ވެސް ވަނީ ވަރަށް ބޮޑަށް ތަޢުރީފުކޮށްފައެވެ. 

“މާއިޝް އަކީ ހުނަރުން ފުރިފަވާ ކުއްޖެއް! އޭނައަށް ބޭނުންވަނީ މޮޅެތި މީހުންގެ އިރުޝަދު.“ މާއިޝް އާމެދު މުސްތާޤް ބުންޏެވެ.

އިއްޔަ ރެކޯޑްސްގައި އުޅެމުން ބޭންޑެއްގައި މަސައްކަތްކުރަމުން ދިޔަ މާއިޝް އަކީ މިހާރު ޑީބީ ރެކޯޑްސްގެ އާޓިސްޓެކެވެ. އެގޮތުން ރިޒޯޓް މިއުޒިކަށް ހޭދަކުރާ ދުވަސްތައް ފިޔަވައި ބާކީ އެހެން ހުރިހައި ދުވަހެއް މާއިޝް ހޭދަކުރަމުން ދަނީ ޑީބީ ސްޓޫޑިއޯގައި ކަމަށާއި ހުނަރުވެރި ތަފާތު އާޓިސްޓުންނާ ބައްދަލުކުރުމުގެ ފުރުޞަތު ލިބިގެން ދާތީ މާއިޝް ވަނީ އެކަމަށްޓަކައި މުސްތާޤަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފަ އެވެ. 

މާއިޝްގެ ކޮމްޕޮޒިޝަން “ހިނިތުން” ގައި މާއިޝްގެ އަޑުވެސް އިވިގެންދާނެ ކަމަށާއި އޭގެ އިތުރުން ޙަސަން އިބްރާހިމް (އެއްކިބާ ޙަސަން) ގެ އަޑުވެސް އިވިގެންދާނެކަމަށް ފަތީން ވަނީ މަޢުލޫމާތު ދީފައެވެ. 

މިހާރު މާއިޝް ކުރަމުން ދަނީ އިންސްޓްރޫމެންޓަލް ކަވަރ އެއްގެ މަސައްކަތުގެ އިތުރުން އަމިއްލަ 05 ލަވައިގެ މަސައްކަތެވެ. ފެބްރުއަރީ 14 ގައި ޖުމްލަ ތިން ލަވައެއް އިވިގެންދާނެ ކަމަށާއި އެއިން ކޮންމެ ލަވައެއްގައި ވެސް މާއިޝްގެ  މަސައްކަތް ވަރަށް ބޮޑަށް ހިމެނޭކަމަށް މަޢުލޫމާތު ލިބެއެވެ. 

“ހިނިތުން” މި ލަވައިން މުސްތާޤްގެ އިތުރުން އެހުންތެރިންނަށް ވެސް ހިނިތުންވުން ގެނެސްދޭނެކަމަށް އުއްމީދުކުރަމާ ހިނގާށެވެ. 

ޑީބީ ރެކޯޑްސްގެ ރަސްމީ މާޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.