ޝާނީޒް ޢަލީ އާއި ސީޒަންގެ އަންހެނުން ޝަނާޒް ޕްރޮޑިއުސްކޮށް ސީޒަންގެ ’އެސް ޕްރޮޑަކްޝަންސް‘ އިން ގެނެސްދޭ ފިލްމު “ލޯބިވެވިއްޖެ” ގެ ޝޫޓިން ލަންކާގައި ވަރަށް ބާރަށް ކުރިއަށް އެބަދެއެވެ.

ފިލްމުގެ ޝޫޓިންއާބެހޭ އެންމެ ފަހުގެ މައުލޫމާތު، މުނިއަވަސް އާ ހިއްސާކުރަމުން ފިލްމުގެ ޑައިރެކްޓަރ އަދި އެކްޓަރ ސީޒަން ބުނީ މިހާރު ކޮލޮމްބޯގެ ޝެޑިއުލްގެ ފުރަތަމަ ހުރި މަންޒަރުތައް ނިންމުމަށްފަހު ނޫރަލިޔާ އާއި ކެންޑީ އަދި އަޕް ކަންޓްރީގެ މަންޒަރުތަކުގެ ޝޫޓިން ތަކުގައި އުޅޭތާ ދެދުވަހެއް ވެއްޖެ ކަމަށެވެ.

“މިހާރު އަދިވެސް މިކޮޅުގަ (ނޫރަލިޔާ ގަ) މި ތިބީ. ދެން މިކޮޅުގެ ޝޫޓިންތައްވެސް ނިމޭނެ މާދަމާ. ދެން އެހެންވީމަ މާދަމާނޫން އަނެއް ދުވަހު (13 ފެބްރުއަރީ، ބުރާސްފަތި ދުވަހު) އަނެއްކާވެސް ހަމަ ކޮލޮމްބޯގެ މަންޒަރުތަކުގެ މަސައްކަތް ފެށޭނެ.” ލަންކާގައި ހުރެ މުނިއަވަސް އަށް ސީޒަން ބުންޏެވެ.

މިއީ އަހްމަދު ޒަރީރްގެ ސްކްރީންޕްލޭ އަކަށް ހަދާ ފިލްމެކެވެ. މި ފިލްމުގައި ލޯބީގެ ވާހަކައެއް ކިޔައިދިނުމުގެ އިތުރުން މުޖުތަމައުގައި ހުރި ބައެއް މައްސަލަތައް ވެސް ފެނިގެންދާނެ އެވެ.

ލޯބިވެވިއްޖެ“ގެ ލީޑްގައި ޢަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް އައްޒަ ހަރަކާތްތެރިވެއެވެ. މީގެ އިތުރުން އިރުފާނާ އިބްރާހިމް (އެރޫ)، އަހްމަދު އީސާ (އާނަންދު)، ޢަލީ ޝަމީލް ގެ އިތުރުން ނިޝާ (ނިޝްކޮ) ހިމެނެއެވެ.

މީގެ އިތުރުން ތިނަދޫގެ ’ފޮޑަހާޑާ ޕްރޮޑަކްޝަން‘ ގެ މެންބަރުން މި ފިލްމުގެ މަސައްކަތުގައި ކެމެރާގެ ކުރިމައްޗާއި ފުރަގަހުގައިވެސް ހަރަކާތްތެރިވެއެވެ. ”ލޯބިވެވިއްޖެ“ގެ ފަންސާސް އިންސައްތަ ނެގީ ގދ. ތިނަދޫގައެވެ.

މި ފިލްމު ކެމެރާކުރަނީ މިހާރު ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ގިނަ ޕްރޮޑަކްޝަންތައް ކެމެރާކުރަމުން އަންނަ އިބްރާހީމް މޫސާ (ދަބަ) އެވެ.

ފިލްމު “ލޯބިވެވިއްޖެ” ކެމެރާކުރުމުގައި އިބްރާހީމް މޫސާ (ދަބަ) – ފޮޓޯ: ލޯބިވެވިއްޖެ ޓީމް

މި އަހަރު ރޯދައިގެ ފަހުން ފިލްމު އަޅުވަން ނިންމާފައިވާއިިރު އަދި ވަކި ތަރީޚެއް އިއުލާނެއް ނުކުރެ އެވެ. މި ފިލްމުގެ އިތުރުން، ސީޒަން އާއި މާސްކޭގެ ފިލްމު ”އަނދިރިކަން“ މިއަހަރު މާރިޗް މަހު 04ގައި ރިލީޒްކުރަން ވަނީ ނިންމާފައެވެ.

ފިލްމު ”ލޯބިވެވިއްޖެ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.