އަބޫދާބީ އާއި ދުބައީގެ ސަރުކާރުގެ އެތައް ސްކޫލެއްގައި ހޯމްވޯކް ދިނުން ހުއްޓާލަން އެމިރޭޓްސްގެ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

256 ސްކޫލް، ދުބައިގެ 23 ސްކޫލާއި އަބޫދާބީގެ 233 ސްކޫލްގައި ހޯމްވޯކް ދިނުން ފެބްރުއަރީ 16އިން ފެށިގެން ހުއްޓާލާނެއެވެ. މިއީ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ގެންނަ ބަދަލެކެވެ.

ސްކޫލްތަކާބެހޭ އެކްޓިންގ އެގްޒެކެޓިވް ޑައިރެކްޓަރ ލުބްނާ އަލްޝަމްސީ ބުނާގޮތުން މިބަދަލަކީ ސްކޫލްގައި ހޭދަކުރާ ވަގުތު ފުރިހަމައަށް ބޭނުންކުރުމަށް ބާރުއެޅުމުގެ ގޮތުން ގެނެވޭ ބަދަލެކެވެ. މި ބަދަލުގައިބައެއް ފިލާވަޅުތައް އެއްކޮށްލެވޭނެއެވެ. މިގޮތުން އަރަތްބާއި އިނގިރޭސި، މެތްސްއާއި ސައިންސް، ފަރުމާއާއި ފަންނިއްޔާތުގެ މާއްދާތައް އެއްކޮށްލާ، 90 މިނެޓުގެ ޕީރިއަޑް ތަކަކަށް ބަހާލެވޭނެއެވެ.

އަލްޝަމްސީ ބުނާގޮތުން ޕީރިއަޑްތައް ބަހާލެވެނީ، ސިކުނޑީގެ ނަފްސިއްޔާތު ވަރުގަދަކުރުމަށް 5 މިނެޓު، ކިޔަވައިދިނުމަށް 50 މިނެޓު، ބާކީއޮތްބައި އަމަލީ މަސައްކަތަށެވެ.

މި “ހޯމްވޯކް އުވާލުމުގެ ގަވާއިދު” ގެސަބަބުން ކިޔެވުމުގެ ބޭނުންތަކަށާއި އާއިލީ ދިރިއުޅުމަށާއި ހެދިބޮޑުވުމުގެ ތަރައްގީއަށް އިތުރު ފުރިހަމަކަމެއް ލިބޭނެއެވެ. ސްކޫލްގައި ހޭދަކުރަން ޖެހޭ ވަގުތަކަށް މިބަދަލުގެ ސަބަބުން އެއްވެސް ބަދަލެއް ނާންނާނެއެވެ.

މިނިސްޓްރީގެ މި ނިންމުމާބެހޭގޮތުން އަންގާރަދުވަހު ބެލެނިވެރިންގެ ޚިޔާލު ހޯދުނެވެ. ބައެއް ބެލެނިވެރިން، އެމީހުންގެ ދަރިން ކުޅުމުގައި ގިނަވަގުތު ހޭދަކުރާނެކަމަށް ބުނިއިރު، އަނެއްބައި ބެލެނިވެރިން އެދުނީ މިކަން އަމިއްލަ ސްކޫލްތަކުގައިވެސް ތައާރަފް ކޮށްދިނުމަށެވެ.

12 އަހަރުގެ ދަރިއަކާއި 7 އަހަރުގެ ދަރިއެއްގެ މަންމައެއް ކަމުގައިވާ، އެމިރޭޓްސްގެ ހިންދު އަލްނަޤްބީ ބުނީ ހޯމްވޯކް ގިނަކަމުން އޭނާގެ ދަރިންނަށް ހޮބީގެ މަސައްކަތް ކުރާނެ ވަގުތު ނޯންނަކަމަށެވެ. “އަހަރެންގެ ދަރިން ފޮތް ކިޔުމަށާއި ކުރެހުމަށް ލޯބިކުރޭ، ނަމަވެސް ހޯމްވޯކް ގިނަކަމުން އެއިން ކަމެއް ކުރާކަށް ވަގުތެއް ނޯވޭ” އެހެން ބެލެނިވެރިއަކު ބުންޏެވެ.

“އަހަރެންގެ ދަރިފުޅު އުޅެނީ ގްރޭޑް ހަތެއްގައި. އޭނާ ފޮތް ކިޔުމަށާއި ކުޅިވަރަށް ލޯބިކުރޭ. އެކަންކަމަށް ވަގުތެއް ނޯވޭ”

“ހޯމްވޯކް ހަދަން އަހަރެންގެ ދަރިންނަށް އެހީވާން ވަރަށްގިނަ ވަގުތު ހޭދަވޭ” އަހަރެންގެ ފިރިމީހާއާ އާއިލީ ވާހަކަ ދައްކާލާނެ ވަގުތުކޮޅެއްވެސް ނުލިބޭ.”

“އަހަރެންގެ ދަރިފުޅު ސްކޫލުން ގެއަށް އަންނަނީ 4:15 ގައި. 15 މިނެޓްއިރުތެރޭ ކައި ނިންމާލައިގެން 7 ޖަހަންދެން ހޯމްވޯކް ހަދާ. ދެން ރޭގަނޑު ކައިގެން ނިދަނީ”

“އަހަރެންގެ ދަރިންނަށް ވަރަށް ބައިވަރު ހޯމްވޯކްދޭ. މިގެނައި ބަދަލުން އަހަރެމެންނަށް ދަރިންނާއެކު ގިނަވަގުތު ހޭދަކުރެވޭނެ”

ނަމަވެސް ތިން ދަރިންގެ މަންމައެއް ކަމުގައިވާ ނަދާ އަބޫޝިބްސް މިކަމާ ހިތްހަމައެއް ނުޖެހެއެވެ. “އަހަރެންގެ ދަރިން އުފެއްދުންތެރިކޮށް ހުސްވަގުތު ބޭނުން ނުކޮށްފާނެތީ ކަންބޮޑުވޭ. މިއީ އަހަންނަށް ކަމުދާ ނިންމުމެއްނޫން. އަހަންނަށް ހީވަނީ ގިނަގިނައިން ލިޔެކިޔާ ހަދަންޏާ މައުލޫމާތު މުއްސަނދިވާނެހެން.”

މިދިޔަ އަހަރު އަމިއްލަ ސްކޫލްތަކަކުންވެސް ހޯމްވޯކް ދިނުން ހުއްޓާލިއެވެ. އެއީ ދަރިވަރުންނަށް “ދިރިއުޅުމެއް” ހޯދައިދިނުމަށާއި ބެލެނިވެރިންގެ އެދުންތަކަށް އިޖާބަ ދިނުމުގެ ގޮތުންނެވެ.

ކިޔަވައިދިނުމުގެ ޚިދްމަތްދޭ އޮޕަރޭޓަރުން ކަމަށްވާ އާކާޑިއާ އެޑިއުކޭޝަން އާއި ތާލީމް އާއި އެމްބެސެޑަރ އެޑިއުކޭޝަނުން ހޯމްވޯކް ދިނުން މުޅިން ހުއްޓާލަން ނުވަތަ ލިމިޓް ކުރަން މިހާރުވަނީ ނިންމާފައެވެ.

މަސްދަރު: ދަ ނޭޝަނަލް އޭއީ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ނަޒީރު
މުޙައްމަދު ނަޒީރު
އާއްމުކޮށް ނަޒީރުގެ ލިޔުންތައް ނުފެނުނަސް، ނަޒީރަކީ ތަޖުރިބާކާރު ބޭފުޅެކެވެ.