ބައިސްކޯފުން ކާމިޔާބުކަމާއެކު ދައްކަމުން އަންނަ ވެބް ސީރީޒް “ހުވާ” ބީޓްކޮށްލެވޭވަރުގެ ސީރީޒެއް ދެން ރާއްޖޭގައި އުފެއްދުމަކީ އުނދަގޫވާނެ ކަމެއްކަމަށް، މަޝްހޫރު ޕްރޮޑިއުސަރ، ޑައިރެކްޓަރ އަދި ލިޔުންތެރިޔާ ފާތިމަތު ނަހުލާ (ނަހޫ) ބުނެފިއެވެ. ނަހޫގެ ފިލްމީ ހަޔާތުގައި ކުރަމުން އަންނަ އެންމެ ބިޔަ ޕްރޮޖެކްޓަށް އިޝާރާތްކުރަމުން ނަހޫ އިތުރަށް ބުނީ މިއީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު ޗެލެންޖްކަމަށެވެ.

“މިދިޔައީ ދެ އަހަރު ދުވަސް އޯލްމޮސްޓް އެއިޓީން އަވަރޒް މަގޭ ސިކުނޑީގަޔާ ފިކުރުގަ އިނީ ހަމައެކަނި “ހުވާ“. އަބަދުވެސް ބޭނުންވި ބޭރުގަ ހަދާކަހަލަ ދިގު ސީރީޒެއް ހަދާލަން. އެއީ ހުވަފެނެއް. އެކަމަކު އަބަދުވެސް ބިރުގަނޭ އެވަރުގެ ކަމަކާ ކުރިމަތިލާން.” ކާމިޔާބު ސީރީޒް “ހުވާ” އުފައްދަން ވިސްނި ހިސާބާއި “ހުވާ” ފެށި ފަހުން އޭގެ ތެރެއަށް ނަހޫއަށް ވަދެވިފައިވާ މިންވަރު ހިއްސާކުރަމުން ބުންޏެވެ.

 

“ހުވާ” އުފަންވުން

“އަޅުގަނޑު ކައިރީ ބައިސްކޯފުގެ ފަރާތުން ދެ ފަހަރު އެދުނީމަވެސް ފުރަތަމަ އަޅުގަނޑު ބުނީ ތީ ވަރަށް އުނދަގޫ ކަމެކޭ. ތިހާ ބުރަ މަސައްކަތެއް ނުކުރެވޭނޭ ކިތަންމެ ކުރާހިތްވިޔަސް، އެވަރުގެ ޓައިމެއް ދެވެން ނޯންނާތީއާ އެކީ. ދެން ތިންވަނަ ފަހަރު މިރޫ (ބައިސްކޯފު ސްޓްރީމިންގ އެޕްގެ ސީއީއޯ މުޙައްމަދު މިރުޝާން) މާލެ ވަޑައިގެންފަ ވިދާޅުވި ބައްދަލުކޮށްލަން. އަޅުގަނޑު މިރޫ އާ ބައްދަލުވީމަ އެކީގަ މަސައްކަތްކޮށްލަން ބޭނުންވީ މިރޫގެ ޕްލެޒެންޓް ކެރެކްޓަރ ފެނިފަ. އެކަމަކު އެ ދުވަހުވެސް ބުނިން ވިސްނާނަމޭ. އެކަމަކު އެ މީޓިން ނިންމާފަ ނުކުތް އިރު ފެނުނީ އެ ގޭގެ ހުސް ބޮޑު ތަނެއް ރަނގަޅަށް ނުހަދާ ހުރި. ދެން އަޅުގަނޑު ބުނިން ވަރަށް ރަނގަޅު ފެންވަރަކަށް މިތަން ޝޫޓިން ސެޓަކަށް ހަދައިދީފިއްޔާ ތިކަން ކުރެވިދާނެ. ހިޔެއް ނުކުރަން އެވަރުގެ ހޭދައެއް މީހަކު ކޮށްފާނެ ކަމަކަށް. ސޯ، ސަލާމަތްވާންށާ އެކީ އަސްލު އެހެން ބުނީ.” ނަހޫ އަށް “ހުވާ” ހަދަން ލިބުނު އޮފަރގެ ވާހަކަތައް ކިޔައިދެމުން ހިނިގަނޑަކާއެކު ބުންޏެވެ.

ބައިސްކޯފު ލޯންޗިން އިވެންޓްގައި ނަހޫ އާއި މިރޫ – ފޮޓޯ: ބައިސްކޯފު

“އެކަމަކު އަނެއް ދުވަހު ގުޅާފަ ވިދާޅުވި އޯކޭ އޭ މި ހަދަނީ އޭ. އެއް މަސް ތެރޭގަ އެތަން ހަދާ ނިންމާފަ ހުރި ފެންވަރު ތިބޭފުޅުންނަށް ފެނިލައްވާނެ “ހުވާ” ސީރީޒް އިން. ރާއްޖޭގަ ވެސް މަދުވާނެ އެކަހަލަ ތަނެއް. ދެން އަޅުގަނޑު ހިތަށް އެރީ ވަޅުޖެހިފަ އޮތް ދާއިރާ ކޮޅަށް ޖަހާލަދޭނެ ބޭފުޅެކޭ މީ. ސޯ މުޅި ދާއިރާއަށްޓަކައި އަޅުގަނޑު މަސައްކަތް ފެށީ. އޭގެ މޭވާ ވަރަށް ފޮނި. މިހާރު ދާއިރާގެ އެންމެން ބިޒީ. ސީރީޒްތަކަށް ބަޖެޓް ނެތިގެން ހުއްޓާލި މީހުންވެސް މިހާރު ސީރީޒް ހަދަން ފަށައިފި.” ރާއްޖޭގެ ފުރަތަމަ ވެބް ސީރީޒް “ހުވާ” ފެށުނު ގޮތް ތަފްޞީލްކޮށްދެމުން ނަހޫ އެ ފާހަގަކުރިހެން، މިއަދު އަނެއްކާވެސް މިވަނީ ފިލްމީ މަސައްކަތް، އަސްލު ސިނާޢަތެއްގެ ގޮތުގައި ފެށިފައެވެ.

ހުވާ” ބީޓްކުރެވޭ ވަރުގެ ސީރީޒެއް ދެން ރާއްޖޭގައި އުފެއްދުމަކީ އުނދަގޫކަމެއް ކަމަށް ނަހޫ ހަމައެކަނި ބުނެލީއެއް ނޫނެވެ. އޭގެ ސަބަބުތައްވެސް ތަފްސީލުކޮށް މުނިއަވަސް އާ ހިއްސާކުރިއެވެ.

ބައިސްކޯފު ލޯންޗިން އިވެންޓްގައި ނަހޫ – ފޮޓޯ: ބައިސްކޯފު

ފުރަތަމަ ސަބަބު:

“ސަބަބުތައް ބައިވަރު. އެއް ކަމަކީ އަހަރެން މި މަސައްކަތް ކުރަނީ ލިބޭ އާމްދަނީއަކަށް ބަލައިގެނެއް ނޫން. “ހުވާ” އަށް ޕްރޮޑިއުސަރ ދޭ ހުރިހައި ފައިސާއެއްހެން އަހަރެން މި ޚަރަދުކުރަނީ “ހުވާ” ފުރިހަމަކުރަން.” ފުރަތަމަ ސަބަބު ހިއްސާކުރަމުން ނަހޫ ބުނީ ތެދެއްކަން، ހަމަ ގައިމުވެސް މި ސީރީޒް ބަލާ މީހުންނަށް އެނގޭނެއެވެ. އެވަރުގެ ކޮލިޓީއެއް ސީރީޒްގައި އެބަހުއްޓެވެ.

“ވޭތުވެ ދިޔަ 20އަހަރުގަ އަހަރެން ކުރި މަސައްކަތް ކޮށްފަ ވާނީ ވިޔަފާރިއަށް ބަލައިގެން، އެކަމަކު “ހުވާ” މި ހަދަނީ ބޮޑަށް ޕޭޝަން އަކަށް. މިވަރުގެ ބޮޑުކަމެއް މިހެން ކުރެވޭނެ، ކުރާނެ މީހަކު ރާއްޖޭގަ އަދި ނެތް.” ވަރުގަދަ ޗެލެންޖެއް ކުރަމުން ނަހޫ ބުންނެވެ.

ނަހޫ އިތުރަށް ބުނީ “ހުވާ” އަށް މަޝްހޫރު ގިނަ ތަރިންތަކެއް ލައިގެން، ތަރިންތައް އިތުރުކުރަމުންދާ ވަރަކަށް ދުވަހެއް ދުވަހަކަށް ޚަރަދުތައް ދަނީ އިތުރުވަމުން ކަމަށެވެ. “އެކަމަކުވެސް އަހަރެން ބޭނުންވަނީ މި ސީރީޒްގައި ރާއްޖޭގެ ގާތްގަނޑަކަށް ހުރިހައި ރަނގަޅު ސްޓާރުން އުޅެން. އަހަރެންގެ މި މެގަ ޕްރޮޖެކްޓްގެ ސަބަބުން ލިބޭ ފަޚުރުގަ އެންމެން ބައިވެރިކުރަން.”

ދެވަނަ ސަބަބު:

ހުވާ” ފަދަ ދެވަނަ އެހެން އެއްޗެއް އުފެއްދުމަކީ އެހެން މީހަކަށް ދަތިކަމެކޭ މި ބުނާ ދެވަނަ ސަބަބަކީ މިވަރުގެ ބޮޑު ސްޓޯރީއެއް އުފެއްދުމަކީ ފުރަތަމަ އެންމެ ޗެލެންޖިން ކަންތައް. އަހަރެންގެ ވޭތުވެދިޔަ ދެ އަހަރު މި ދިޔައީ ހުރިހާ ފޯކަސް އެއް “ހުވާ” އަށް ދީގެން. އެންމެ 10މިނެޓް ދެއްކި އިރު، އެ 10މިނެޓަކީ ބެލުންތެރިން ކަޅި ހުއްޓިފަ ތިބޭ 10މިނެޓަށް ހެދުމަކީ ފަސޭހަކަމެއް ނޫން.” ނަހޫ އެ ފާހަގަކުރިހެން، މި ސީރީޒްގެ ބެލުންތެރިން ހަމަ ގައިމުވެސް މިކަމަށްވެސް ހެކިވާނެއެވެ.

“…… އަދި އެއީ ހަމައެކަނި ސްޓޯރީ މޮޅަށް ލިޔުމަކުން ކުރެވޭނެ ކަމެއްވެސް ނޫން. އެކްޓިން، ޑައިރެކްޝަން، ސިނަމޮޓޮގްރަފީ، އެޑިޓިން، ބެކް މިއުޒިކް ފަދަ ހުރިހައި ކަމެއް މި ކުރަނީ އެކި މީސްމީހުން. އެހެންވީމަ މި ހުރިހައި ކަމަކީވެސް އަހަރެން ފޯކަސްކުރަން ޖެހޭ ކަންކަން. އެއްވެސް ކަމެއް، އެންމެ ސެކަންޑެއްވެސް އެންމެ ފްރޭމެއްވެސް، އަހަރެންގެ ލޮލުންނާ، ކަންފަތުން ކައްސާލައިގެން ދިޔަ ނުދީ އަހަރެން ހުންނަން ޖެހެނީ އެލަރޓްގަ.” މި މެގަ ޕްރޮޖެކްޓަށް ނަހޫގެ ފޯކަސް ދޭން ޖެހޭ މިންވަރާއި ފޯކަސް ދެމުން އަންނަ މިންވަރު ކިޔައިދެމުން ފާހަގަކުރިއެވެ.

https://www.facebook.com/155384271986022/posts/514220912769021/?vh=e&d=n
“މިވަރަށް މިކަން ކުރެވޭނީ އަސްލުގަ “ހުވާ“ގެ ޓީމުގެ ވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭތީ. ވަރަށް ފާހަގަވޭ މީގަ އެންމެންވެސް ވަރަށް ކުރާ ހިތުން ހުރިހައި ކަމެއް އެންމެ ޕާރފެކްޓް ކުރަން މަސައްކަތް ކުރާކަން.” ޕްރޮޖެކްޓެއް އެންމެ ރަނގަޅަށް ކާމިޔާބު ކުރެވޭނީ ނަހޫ އެ ފާހަގަކުރިގޮތަށް އެންމެންގެ އެއްބާރުލުން އެންމެ އެދެވޭ މިންވަރަށް ލިބިގެންކަމީ ދެބަސްވެވޭނެ ކަމެއް ނޫނެވެ.

ތިންވަނަ ސަބަބު

“ދެތިން މީހުން ލައިގެން ސްޓޯރީއެއް ހެދުމަކީ އަޅުގަނޑަށްވެސް ކުރެވިދާނެ ކަމެއް. އޭރުން އަޅުގަނޑަށް ލިބޭ ފައިދާވެސް ވަރަށް ބޮޑުވާނެ. އެކަމަކު އަޅުގަނޑު ބޭނުންވީ ބައިސްކޯފުން މިވަރުގެ ބޮޑު ހޭދައެއް ކޮށްގެން މި “ހުވާ” ސީރީޒް ހަދާ އިރު، މި ސީރީޒްއަކީ ކައިރި މުސްތަގުބަލެއްގަވެސް އެއްވެސް އެހެން ފަރާތަކަށް ބީޓް ނުކުރެވޭ ވަރުގެ އެއްޗަކަށް ވާން. ބައިސްކޯފު އަކީ އަޅުގަނޑުމެންގެ ދާއިރާ މުޅިންހެން ވަޅުޖެހިފައި އޮއްވާ އަލުން ދިރުވައިދިން ފަރާތް.” ނަހޫ މި މަސައްކަތް ފެށީވެސް ރާއްޖޭގެ ފިލްމު ހެދުމުގެ ތާރީޚްގައިވެސް ލިޔެވިގެންދާނެ ފަދަ ބޮޑު މަސައްކަތެއް ކޮށް ނިންމައިލުމަށްކަން އެނގިގެން ދެއެވެ.

ހުވާ“ގެ ސްޓޯރީ އަށް ވަރަށް ބޮޑު ތަރުހީބެއް ލިބޭ. ސްޓޯރީ ލިޔުމަކީ އަޅުގަނޑަށް އީޒީ ކަމެއް، އެކަމަކު ހުރިހާ ކަމެއްގައި އުޅެން ޖެހުން ބުރަ ވަނީ. ހުރިހާ ކަމެއްގަ ނޫޅެ މި ފެންވަރަށް “ހުވާ” އެއް ނުގެނެސްދެވޭނެ އަސްލު.” މި މެގަ ޕްރޮޖެކްޓަކީ ނަހޫގެ ފިލްމީ ހަޔާތުގައި ކުރާ އެންމެ ބުރަ ބޮޑު މަސައްކަތަށް ވެފައިވަނީ މި ސަބަބާހުރެއެވެ.

ނަހޫ އާއި ބިންމާ އިބްރާހިމް ވަހީދު، އެކުގައި މަސައްކަތެއް ފަށަން އުޅޭކަމުގެ އިޝާރާތެއް

ހަތަރުވަނަ ސަބަބު

“ދިގު ސީރީޒެއް ހެދުމަކީ އެތައް ފިލްމެއް ހެދުމަށްވުރެ ސިކުނޑިއަށް ބުރަކަމެއް. ދިގުދެމިގެންދާ ޝޫޓިންތަކަކީ ވަރަށް ބޮޑު ހެޑޭކެއް. އަމުދުން މިހާ މީހުން ގޮވައިގެން. ހުރިހައި ސްޓާރުންވެސް އެހާ ބިޒީ. އެކުދިންގެ ޝެޑިއުލަށް ފައްތައިގެން އެންމެން ހަމަކުރުމަކީވެސް ދަތިކަމެއް. ކެމެރާމަންގެ ޝެޑިއުލަށް ވެސް ވިސްނަން ޖެހޭ. ލޮކޭޝަންތައް ގެއްލިދާނެތީ ވިސްނަން ޖެހޭ. ޝޫޓިން އެކީ ނުނިމި އުޅެނިކޮށް ސްޓާރުން ގެއްލިދާނެތީ ވިސްނަން ޖެހޭ. މިއިން ކަމެއްގެ ސަބަބުން ޕްރޮޑިއުސަރަށް އަޅުގަނޑުގެ ފަރާތުން ގެއްލުމެއް ވެދާނެތީ ވިސްނަން ޖެހޭ. އަމުދުން އާއްމުންގެ (ބެލުންތެރިންގެ) އެކްސްޕެކްޓޭޝަންސް ބޮޑުވާ ވަރަކަށް ފެންވަރު ހިފަހައްޓަން ބޮޑަށް ވިސްނަން ޖެހޭ.” މި ސީރީޒްގެ މަސައްކަތްތަކުގައި ނަހޫ ވިސްނަންޖެހޭ ކަންކަމުގެ މިންވަރެއް ހިއްސާކުރަމުން ބުންޏެވެ.

ހުވާ” އާއެކު ނަހޫގެ ހަޔާތަށްވެސް ބަދަލުތަކެއް

ނަހޫ ބުނީ “ހުވާ” އާއެކު އޭނާގެ އަމިއްލަ ދިރިއުޅުމަށްވެސް ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން އާއިލާއާއެކު ކުރިން ކޮށްއުޅުނު ޗުއްޓީ ދަތުރުތައް މިހާރު ނުނެގޭކަން ނަހޫ ފާހަގަކުރިއެވެ.

“އަބަދު ސިކުނޑި އެހެން ކަމަކަށް އެނގޭޖްވެގެން އިންނާތީ އެމީހުންނާއެކީ (އާއިލާއާ އެކީ) އެންޖޯއިކޮށްލާނެ ރަނގަޅު ޓައިމް އެއް ނުދެވޭ. “ހުވާ” އަކީ ވަރަށް ބޮޑު ގުރުބާނީއެއް. އެކަމަކު ދާއިރާގެ ކުރިމަގަށް ބަލައިފިއްޔާ ވޯރތު ގުރުބާނީއެއް.” ހަމަ ގައިމުވެސް ނަހޫގެ މި ގުރުބާނީގެ އަގު، ބެލުންތެރިން ގެންދަނީ އަދާކުރަމުންނެވެ. ދުވަހެއް ދުވަހަކަށް، މި ސީރީޒް ބަލާ މީހުންވެސް އަންނަނީ އިތުރުވަމުންނެވެ.

“ބައިސްކޯފު” ޓީމު – ފޮޓޯ : ބައިސްކޯފު

ބައިސްކޯފަށް ޝުކުރު ހައްޤު

ރާއްޖޭގެ ފިލްމީ ހަޔާތް ވަޅުޖެހިފައިވަނިކޮށް އިންދި އޮށަކީ ‘ބައިސްކޯފު‘ ކަމާމެދު ދެބަސްވެވޭކަށް ނެތެވެ. ބައިސްކޯފުން އިންދި އޮށަށް އެންމެ ފުރަތަމަ ގަސްކާނާ އަޅައި ފެންދިނުމުގެ ފުރުޞަތު ލިބުނީ ނަހުލާ އަށެވެ. “ހުވާ“ގެ ނަމުގައި ނަންދީފައިވާ އެ ގަސްކާނާ އަޅައި ފެންދީގެން މިއަދު މިވަނީ ބައިސްކޯފުން އެތަކެއް ކުރިތަކެއް އަރައި މޭވާ އަޅަން ފަށާފައެވެ.

ބައިސްކޯފުން ފިލްމީ ދާއިރާއަށްޓަކައި މި ކޮށްދިން އިހްސާންތެރިކަމަށްޓަކައި އެތަނުގެ އެންމެހާ ވެރިންނާއި ސްޓާފުންނަށް ނަހޫ މިއަދުވެސް ޝުކުރުވެރިވަނީ އެއްވެސް އިމެއްނެތް މިންވަރަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.