މިދިޔަ އަހަރު ނެރުނު އެންމެ ކާމިޔާބު އެއް ފިލްމު “ބަވަތި” އުފެއްދި އައި ފިލްމްސް އިން ގެނެސްދޭ ދެވަނަ ފިލްމު އެކްޝަން ތުރިލާ “ނީނާ“ގެ ޝޫޓިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) މިއަދު މުނިއަވަސް އަށް ބުނީ ފިލްމުގެ އެޑިޓިންވެސް މިހާރު އެއްކޮށް ނިންމިފައިވާ ކަމަށެވެ.
“ފިލްމުގެ އެޑިޓިން މިހާރު ހަމަ އެއްކޮށް ނިމިފަ އިނީ. ރަފް ކަޓްގަ އިނީ ޓޫ އަވަރޒް އެއިޓް މިނިޓްސް.” އެޑިޓިން މަސައްކަތާމެދު އިއްލެ ބުންޏެވެ.

ފިލްމު “ނީނާ”ގެ މަންޒަރެއްގައި މަރިޔަމް ރަޝީދާ އަދި ޖުމަލް – ފޮޓޯ: ނީނާ ޓީމް
ފިލްމުގެ ބޮޑު ބައި ލ. އަތޮޅުގައި ޝޫޓްކޮށްފައިވާއިރު، ޝޫޓިން ކްރޫއާއި ތަރިން ހިމެނޭގޮތުން 26 މީހުން ލާމަށް ދިޔައެވެ. މީގެ އިތުން ފިލްމު “ނީނާ“ގެ ކުދިކުދި ރޯލުތަކުގައި ލ. އަތޮޅުގެ 30 މީހުން ބައިވެރިވިއެވެ.

ފިލްމު “ނީނާ”ގެ މަންޒަރެއް ލ. ގަމުގައި ޝޫޓްކުރަނީ – ފޮޓޯ: ނީނާ ޓީމް
ޝެޑިއުލްއާއި އެއްގޮތަށް ޝޫޓިން ކުރިއަށް ގެންދެވުނުކަމަށާއި މިމަހު 20ގައި ނިންމަން ތާވަލުކުރި ޝޫޓިން މިމަހު 18ގައި ނިންމާލެވިއްޖެކަން އިއްލެ ފާހަގަކުރީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައެވެ.
ފިލްމު “ނީނާ“ގައި ހަރަކާތްތެރިވި ހުރިހައި ތަރިންގެ އެކްޓިންއާމެދު ވެސް ޑައިރެކްޓަރ އިއްލެ ހުރީ ހިތްހަމަޖެހިފައެވެ. އެގޮތުން ފިލްމުގެ ލީޑް ނުޒޫ، ނީނާގެ ކެރެކްޓަރ ލިޔެފައިވާ ފެންވަރަށް ދައްކާފައިވާކަން އިއްލެ ފާހަގަކުރިއެވެ. ހަމަ އެހެންމެ މަރިޔަމް ރަޝީދާ ވެސް އޭނާގެ ބެސްޓް އެކްޓިން ދައްކާފައިވާ ކަމަށާއި، ޖުމަލް، އަދި ޝަރަފް ވެސް މޮޅު އެކްޓިންއެއް ދައްކާފައިވާކަމަށް އިއްލެ ބުންޏެވެ.

ފިލްމު “ނީނާ”ގެ މަންޒަރެއް ލ. މާންދޫގައި ޝޫޓްކުރަނީ – ފޮޓޯ: މުނިއަވަސް
ފިލްމު ކްރޫގެ މަސައްކަތްތަކާމެދުވެސް އިއްލެ ހުރީ ހިތްހަމަޖެހިފައިކަން ފާހަގަކުރިއެވެ. ފިލްމު “ބަވަތި”ގައި ރުތުބާ ކޮށްފައިވާ މޭކަޕްތަކާއި މި ފިލްމުގައި ކޮށްފައިވާ މޭކަޕާއި ތަފާތުވާނެކަން އިއްލެ ފާހަގަކުރިއެވެ. ފިލްމުގައި ފެނިގެންދާނީ ޒަޚަމްތަކާއި މަށައިގެން ގޮސްފައިވާ ތަންތަންފަދަ އެފްއެކްސް މޭކަޕްތަކެވެ.

ފިލްމު “ނީނާ”ގެ މަންޒަރެއް ލ. ގަމުގައި ޝޫޓްކުރަނީ – ފޮޓޯ: ނީނާ ޓީމް
“ބަވަތި” އާ މި ފިލްމާ އަސްލު އެއްވެސް ވަރަކަށް އަޅާއެއް ނުކިޔޭނެ. އެއީ ދެ ޖޯންރާއެއް ކަމަށްވީމަ. “ބަވަތި” ސައިކޮލޮޖިކަލް ތުރިލާއަކަށް ވެފަ އަނެއްކާ މީތި (ނީނާ) މިއީ އެކްޝަން ތުރިލާއެއް. ދެން ބެލުންތެރިން ވަރަށް ބަލައިގަންނާނެހެން ހީވަނީ. ދެން ރިލީޒްވީމަ އިތުރަށް އެއްޗެކޭ ބުނަން އެނގޭނީ، ރިވިއުސްތަކަށް ބަލާފަ.” ފިލްމާމެދު އިއްލެ ދެކޭގޮތް ހާމަކުރަމުން ބުންޏެވެ.
ފިލްމުގެ ޝޫޓިންއަށް ލ. އަތޮޅުން ވަރަށް ބޮޑު ތަރުހީބެއް ލިބުނުކަން އިއްލެ ފާހަގަކުރަމުން، ފިލްމުގެ އެކިއެކި ރޯލުތައް ކުޅުނު ފަރާތްތަކާއި ޝޫޓިންގެ އެކިއެކި ކަންކަމުގައި އެހީތެރިވެދިން ފަރާތްތަކަށް ޝުކުރުއަދާކުރިއެވެ.
ފިލްމުގެ މިއުޒިކް ހަދަނީ ހުސައިން ތައުފީގް އެވެ. މޭކަޕް ހަދައިދެނީ ”ބަވަތި“ގައި ފެނިގެންދިޔަ ފުރިހަމަ މޭކަޕްތައް ހެދި އާޓިސްޓް ރުޠުބާ އަޙްމަދު އެވެ.
މި ފިލްމުވެސް ކެމެރާ ކުރަނީ ”ބަވަތި“ ކެމެރާކުރި ހުނަރުވެރި ކެމެރާމަން ވިޝާން (ކަނޑި) އެވެ. އެޑިޓިން އާއި ޕޯސްޓް ޕްރޮޑަކްޝަން ހަދަނީ ”ބަވަތި“ ގައި ވެސް އެ މަސައްކަތްތައް ވަރަށް ފުރިހަމައަށް ކޮށްފައިވާ ’އޯކޭޒް އިންކް‘ އިނެވެ. ވިޝުއަލް ހަދަނީ އޯކޭޒް އިންކް ގެ ސާމީ އެވެ.
”ނީނާ“ ލިޔެ ޑައިރެކްޓްކުރަނީ ވެސް އިއްލެ އެވެ. ފިލްމު ”ނީނާ”ގެ ވެސް ޕްރޮޑިއުސަރުންނަކީ ”ބަވަތި“ ޕްރޮޑިއުސްކުރި އާސިމް އަލީ އާއި އަހުމަދު ވަހީދެވެ.
ފިލްމު ”ނީނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 25 އޭޕްރިލް 2025ޚަބަރުޑާކް ރެއިން ފިލްމެއްގަ އެކްޓްކޮށްލަން މިއޮތީ ސަޅި ޗާންސެއް
- 24 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” ބޭންޑުގެ 05 ވަނަ ހުށައެޅުން 25 އޭޕްރީލްގައި
- 21 އޭޕްރިލް 2025ޚަބަރުޕްރޮޖެކްޓް 37 އެއީ “އަލިފާން”
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ