ދިވެހިންނަށް ބޯވަ މީރީ ކުޅިކޮށް ހަދައިގެންނެވެ. އާއްމުކޮށް ޗިލީ ބޯވަ އަކީ ކެފޭ، ރެސްޓޯރެންޓް ތަކުގައި މަގުބޫލު ކެއުމެކެވެ. މުނިއަވަސް ރަހަފަތުގައި މިއަދު މި ގެނެސްދެނީ ޗިލީ ބޯވަ މީރު މީހުންނަށް ކަމުދާނެ ފަދަ ތަފާތު ރަހަފަތެކެވެ.

މަޑު ގިނީގައި ތައްޔާރުކޮށްލާ ބޯވަ ފަޖީޓާސް ކޮޅެއް ކައިލުމުން ހީވާނީ އަނގަޔަށް ވިރިގެންދާހެންނެވެ. އޭހާވެސް މީރުވާނެއެވެ. މިއީ ރޮށްޓާއި ފަރާޓާ ނުވަތަ ބަތާއެކު ކާންވެސް ރަނގަޅު ލައިގެންކާ އެއްޗަކަށް ވާނެ ރަހަފަތެކެވެ.

ބޭނުންވާނެ ތަކެތި:

– 01 ބޯވަ (ފެނު ކައްކާ މަޑުކޮށްފައި)

* ބޯވަ މަޑުކުރުމަށްޓަކައި، ބޯވަ ކައްކާއިރު، ތެލީގެ ތެރެއަށް ފުޅިމަދު އުނގުރި (ކޯރކް) ލައިގެން ކައްކާށެވެ. ހީވެސްނުކުރާހާ ރީއްޗަށް ބޯވަ މަޑުވާނެއެވެ.

– 06 ޓޮމާޓޯ (ކުދިކޮށް ކޮށާފައި)

– 01 ފިޔާ (ތުނިކޮށް ކޮށާފައި)

– 01 ފެހި ބެލް ޕެޕަރ (ހިމަކޮށް ދިގުކޮށް ކޮށާފައި)

– 01 ރަތް ބެލް ޕެޕަރ (ހިމަކޮށް ދިގުކޮށް ކޮށާފައި)

– 01 ޖަލަޕީނޯ ޕެޕަރ (އޮށް ނުލައި، ކުދިކޮށް ކޮށާފައި)

– 02 ލޮނުމެދު (ޗިސްކޮށްފައި)

– 01 ސައިސަމުސާ ތެޅިމިރުސް

– 01 ސައިސަމުސާ ދިރި (މުގުރާފައި)

– 01 ސައިސަމުސާ ކޮތަންބިރި (މުގުރާފައި)

– 1/4 ސައިސަމުސާ ލޮނު

– 01 ޖޯޑު ޗީޒް (ގާނާފައި)

– 06 ރޮށި (ބޭނުން ނަމަ، ފަރާޓާ ނުވަތަ ބަތް)

ތައްޔާރުކުރާނެ ގޮތް:

1- ހެޔޮވަރު ސައިޒަކަށް ބޯވަ ކޮށުމަށްފަހު ތެއްޔަކަށް އަޅާލާށެވެ. ތެލީގެ ތެރެއަށް ޓޮމާޓޯ، ފިޔާ، ބެލް ޕެޕާ (ރަތް އަދި ފެހި)، ޖަލަޕީނޯ ޕެޕަރ، ލޮނުމެދު، ތެޅި މިރުސް، ދިރި، ކޮތަންބިރު އަދި ލޮނުކޮޅު އަޅާށެވެ.

2- މަޑު ގިނީގައި ކައްކާށެވެ. ތަރުކާރީގެ ބާވަތްތައް ރީތިކޮށް ރޯފިލުމުން ޗީޒްކޮޅު އަޅާލައި ވަރަށް މަޑު ގިނީގައި އިރުކޮޅެއް ވާންދެން ކައްކާލާށެވެ.

3- ރޮށި، ފަރާޓާ ނުވަތަ ބަތާއި އެކުގައި ބޯވަ ފަޖީޓާސް އިންސާފުކޮށްލާށެވެ.

ޞިއްޙީ މަޢުލޫމާތު:

ތައްޔާރުކޮށްލާފައިވާ ބޯވަ ފަޖީޓާސްގައި:-
589 ކެލޮރީސް
22.8 ގްރާމް ފެޓްސް
68.9 ގްރާމް ކާބޯހައިޑްރޭޓްސް
28.2 ގްރާމް ޕްރޮޓީން
52 މިލިގްރާމް ކޮލަސްޓްރޯލް
1050 މިލިގްރާމް ސޯޑިއަމް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.