ރެކޯޑް ބްރޭކީން މޫވީއެއްގެ ގޮތުގައި ޑައިރެކްޓަރު އަބްދުލް ފައްތާހު ޕްރޮމޯޓް ކުރާ އޭނާގެ އާ ފިލްމް “ހައްދު” ގެ ޓިކްޓް ވިއްކަން މިއަދު ފަށާނެ އެވެ. މި ފިލްމު ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަނީ އަންނަ މަހުގެ ހައެއްގައެވެ.

މީޑިޔާތަކަށް ފިލްމު ޕްރިމިއާ ކުރަން އޮތީ ވަކިން ރެޑް ކާޕެޓް  އިވެންޓެއް ކަމަށާއި އާންމުންނަށް ފިލްމު ޕްރިމިއަރ ކުރާއިރުވެސް  ހާއްސަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށް ފައްތާހު ބުންޏެވެ. އެގޮތުން 7 ސެޕްޓެމްބަރ ގައި އައްޑޫ ސިޓީގައި އަދި ކުޅުދުއްފުށީގައި 14 ސެޕްޓެމްބަރގައި  ފިލްމު ރިލީޒް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ފައްތާހު ބުނީ މި ފިލްމުގައި ދިވެހިންގެ ހިތްތަކަށް ބޭނުންވާނެ ތަފާތު ރަހަތައް ފެންނާނެ ކަމަށެވެ. “މި ފިލްމުގެ ޕްރެޒެންޓޭޝަން ތަފާތު ވާނެ.. ހުށައަޅައިދިނުން… ބަލާލަން ހިއްގައިމު ވާނެ…މިހާތަނަށް ދިވެހި ފިލްމަކުން ނުފެންނަ މަންޒަރުތައް ފެންނާނެ،” ފައްތާހު ބުންޏެވެ.

މަހުދީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމު ބަލާލުމުން “ހައްދު ފަހަނަ އެޅުމުން” ވާނެ ގޮތް އެނގިގެން ދާނެ ކަމަށް ވެސް ބުންޏެވެ. މި ފިލްގެ މަންޒަރުތައް ނަގާފައި ވަނީ ހއ. ކެލާ، ރ. ވާދޫ، މާލެ އަދި މާލެ ކައިރި ރިސޯޓްތަކުގައެވެ.

މިފިލްމުގެ ލީޑް ރޯލުން  ފެންނާނީ އަލަށް ތަޢާރަފް ވެގެންދާ ޝިބާން ގެ އިތުރުން ރިޝްފާގެ އަދި އައްޒަ އެވެ.

ސޯލްޓް ކެފޭގައި ބޭއްވި އިވެންޓްގައި “ހައްދު”ގެ ފުރަތަމަ ވީޑިއޯ ލަވަ “ބީހިލާ” ރިލީޒް ކޮށްފައިވާ އިރު މި ލަވައަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. މި ލަވަ ކިޔާފައިވަނީ މުހައްމަދު އަބްދުލް ގަނީ (ތޭރަވާ) އާއި އޭނާގެ އަންހެނުން އަޝްފާއެވެ. ޔޫޓިއުބް ކޮށްފައިވާ މިލަވައިގެ ލިރިކްސް ހަދާފައިވަނީ ތޭރަވާއެވެ. ލަވައިގެ މިއުޒިކް ހަދާފައިވަނީ އަބްދުﷲ އަބްދުލް ފައްތާހް (ފަތޯ) އެވެ.

މި ލަވަ ހާއްސަކޮށްފައި ވަނީ “ހައްދު” އިން އަލަށް ތައާރަފުވާ އެކްޓަރު އަހުމަދު ޝިބާން އާއި އައިމިނަތު ރިޝްފާއަށެވެ. އަދި ލަވަ ކިޔާފައިވާ އަޝްފާއާއި ތޭރަވާ ވެސް މިލަވައިން ފެނިގެންދެއެވެ.

 

 

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.