“ގްލޯބަލް މަނީ ވީކް 2020” ފާހަގަކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ކުރިއަށް ގެންދާ ތަފާތު އެކިއެކި ހަރަކާތްތަކުގެ ތެރެއިން ކުރު ފިލްމު ހަދައި ފޮނުވައިގެން އެއްވަނަ އަށް ދާ ފަރާތަކަށް 30000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭ ހަރަކާތެއް ފަށައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ހުޅުވާލާފައިވާ މި މުބާރާތުގައި ހުށައަޅާ ކުރު ފިލްމުތަކުގައި ހުށައެޅެނީ 01 މިނެޓާއި 03 މިނެޓާއި ދެމެދުގެ ދިގުމިން ހުންނަ ވީޑިއޯއެވެ. ވީޑިއޯ ތައްޔާރު ކުރުމަށް މައިގަނޑު ތިން މައުޟޫއެއް ދީފައިވެއެވެ.

އެގޮތުން:

– މަގޭ ދަރަނި، މަގޭ ޒިންމާ

– އިންޝުއަރެންސުން ރައްކާތެރިކަން

– ފާގަތި ދިރިއުޅުމަކަށް، ފަހަށް ރައްކާކުރުން

މިއީ، މުޖުތަމަޢު ތެރޭގައި މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންކުރެވޭނެ ވީޑިއޯ ތަކެއް އުފެއްދުމުގެ ބޭނުމުގައި އެމްއެމްއޭ އިން ހުޅުވާލާފައިވާ މުބާރާތެކެވެ. އުމުރުން 15 އަހަރާއި 35 އަހަރާއި ދެމެދުގެ ޒުވާނުންގެ ހުނަރުވެރިކަން ދައްކައިލައިގެން ފައިސާގެ އިނާމެއް ހޯދިދާނެ މި މުބާރާތަށް ވީޑިއޯ ފޮނުވުމުގެ ސުންގަޑިއަކީ 23 މާރިޗް 2020 އެވެ.

މުބާރާތުގައި ބައިވެރިކުރުމަށް ތައްޔާރުކުރާ ކުރު ފިލްމުތައް ފޮނުވުމަށް ވެސް ވަނީ ފަސޭހަ އިންތިޒާމެއް ހަމަޖައްސާފައެވެ. އެގޮތުން www.wetransfer.com އަށް ވީޑިއޯ އަޕްލޯޑްކޮށް Global Money Week Maldives 2020 Short Film Competition Submission ޖެއްސެވުމަށްފަހު [email protected] މެއިލް އެޑްރެހަށް މެއިލް ކޮށްލެވޭނެއެވެ. މީގެ އިތުރުން، ފިލްމު ހުށައަޅާ ފަރާތުގެ ނަމާއި އައިޑީ ނަންބަރު އަދި ގުޅޭނެ ފޯނު ނަންބަރެއް ހިމެނުމަށް ވެސް އެމްއެމްއޭ އިން އެދެއެވެ. މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް 9494999 ނަންބަރުވެސް އާއްމުކޮށްފައިވެއެވެ.

ގްލޯބަލް މަނީ ވީކަކީ ޗިލްޑްރަން އެންޑް ޔޫތު ފައިނޭންސް އިންޓަނޭޝަނަލުން އިސްނަގައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ފާހަގަކުރާ ބައިނަލްއަގުވާމީ ހަރަކާ ތެކެވެ. މި ހަރަކާތުގައި ކުޑަކުދިންނާއި ޒުވާނުންނަށް މާލީ ގޮތުން ގުޅުންހުރި އެކިއެކި ކަންކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގަ އެވެ.

ގްލޯބަލް މަނީ ވީކް ފާހަގަކުރުމަށް މިދިޔަ އަހަރުވެސް ގިނަ ހަރަކާތްތަކެއް ހިންގިއިރު، ކުރު ފިލްމު މުބާރާތެއް ބާއްވާފައިވެއެވެ. މި އަހަރު ވެސް ގްލޯބަލް މަނީ ވީކް ކުލަ ގަދަކޮށް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މި އަހަރު ގްލޯބަލް މަނީ ވީކް ފާހަގަކުރާނީ މާރިޗް 23 ން 29 އަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.