ފޮޑިއެއް ޖަހަން ޖެހި، ފޮޑިނުޖަހައި ފޮޑި ހިފަހައްޓާލައިގެން ހުންނަންޖެހޭ އެތަކެއް ދަނޑިވަޅާއި ކުރިމަތިލާން ޖެހިފައިވޭދޯއެވެ. މިސާލަކަށް ބިޓަކާއި އަލަށް ބައްދަލުކުރަން ގޮސް ހުއްޓައި، ލިފްޓެއްގެ ތެރެއިން، ކާރެއްގެ ތެރޭގައި، އާއްމު ބަހެއްގައި، މަތިންދާބޯޓު ތެރޭގައި ނުވަތަ ޔޯގާ ކުލާސް ފަދަ ތަނެއްގައި ފޮޑިއެއް ޖަހަންޖެހި، ފޮޑި ނުޖަހައި ހިފަހައްޓަން ޖެހުނުދޯއެވެ. އެފަދަ ދަނޑިވަޅެއްގައި ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟ ފޫކޮޅު ފިއްތައިލާ ފޮޑި މަތަކުރެވޭތޯ މަސައްކަތްކުރީދޯ އެވެ. މީހުން ނެތް ތަނަކަށް ދެވެންދެން ހިފަހައްޓައިލަނީދޯ އެވެ.

މާފުކުރާށެވެ. މި ދެއްކީކީ ހަޑިވާހަކައެއް ނޫނެވެ. އަދި ދައްކަން މިއުޅެނީވެސް ހަޑި ވާހަކައެއް ނޫނެވެ. ފޮޑިއެއް ޖަހަން ޖެހި، އެ ފޮޑި ނުޖަހައި މަތަކޮށްލައިގެން ހުރުމަކީ ވަރަށް ނުރައްކާތެރި ކަމަކަށް މަގުފަހިވާ ކަމެއްކަން އެނގޭހެއްޔެވެ؟ ފޮޑިއެއް ޖަހަން ޖެހުމުން، ފޮޑި މަތަނުކޮށް ފޮޑި ޖެހުމުގެ މުހިންމުކަމާއި އެކަމުގެ ސިއްޙީ ފައިދާތަކަށް މި ލިޔުމުގައި ބަލައިލާނަމެވެ. ކިޔަމުން ގެންދާށެވެ.

މީހުންގެ ތެރޭގައި ހުއްޓާ ފޮޑިއެއް ޖަހަން ޖެހުމުން އެ ފޮޑި މަތަކޮށްލައިގެން، އެކަނިވެލެވުމަށްފަހު އެކަން ކޮށްލުމަށް މަޑުކޮށްލުމަކީ އެންމެ ރަނގަޅުކަމެއް ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެގޮތަށް ފޮޑިއެއް ނުޖަހައި ހިފަހައްޓައިލުމަކީ އެކަމުން ހަށިގަނޑަށް އެތަކެއް ގެއްލުންތަކެއް ލިބޭ ކަމެކެވެ. ގެސްޓްރޯއެންޓްރޮލޮޖިސްޓް، ޑރ. ސަތީޝް އެސް.ސީ ރާއޯ ބުނަނީ ފޮޑިއެއް މަތަކޮށްގެން ހުރެ ހަނގުރާމައެއް ކާމިޔާބު ނުކުރެވޭނެ ކަމަށެވެ.

ގޮހޮރު ތެރޭގައި ހުންނަ ގޭހުގައި ނައިޓްރިޖަން، ހައިޑްރިޖަން، އޮކްސިޖަން، ކާބަންޑައިއޮކްސައިޑް، މީތޭންގެ އިތުރުން ވަރަށް ދަށް މިންވަރަކަށް ހައިޑްރިޖަން ސަލްފައިޑާއި އެހެނިހެން ވޮލަޓައިލް ގޭސްތައް ހިމެނެއެވެ. މީގެ ތެރެއިން ހައިޑްރިޖަން، މީތޭން އަދި އޮކްސިޖަން އަކީ ގޮހޮރުގެ ތެރެއަށް ދަމައިގަންނަ ގޭސްތަކެއް ނަމަވެސް، ނައިޓްރިޖަން އަކީ އެގޮތަށް ދަމައިނުގަނެވޭ ގޭހެކެވެ. އެހެންކަމުން އެ ގޭސް ބޭރުކޮށްލުމަށްޓަކައި ކޮންމެވެސް ގޮތެއް ހޯދާނެއެވެ.

ފޮޑިއަކީ އޭގެ ޒާތުގައި ނެތިގެންދާ އެއްޗެއް ނޫން

ފޮޑިއެއް މަތަކޮށްލުމުން، އެއީ އެ ފޮޑީގެ ކިބައިން މިންޖުވެވުނީކަމަށް ހީކޮށްލުމަކީ ކުރެވޭ ކުށްހީއެކެވެ. ހިނދުކޮޅަކަށް، އެ ފޮޑީގެ އުނދަގުލުން ސަލާމަތްވެވުނަސް، އަވަހަށް ނުވަތަ ލަހުން ނަމަވެސް، ކުރިއަށް ވުރެން ބާރުގަދަކޮށް، ހަމަ އެ ފޮޑި އެނބުރި އަންނާނެއެވެ. އެހެންކަމުން ފޮޑިއަކީ ތިޔަ ހީކުރާގޮތަށް ދާއިމަށް އޮއްބައިލެވޭ ނުވަތަ މަތަކޮށްލެވޭ އެއްޗެއް ނޫނެވެ. ފޮޑިއެއް ނުޖަހައި ގިނައިރު ހިފެހެއްޓިވަރަކަށް އެ ފޮޑީގެ ބާރުގަދަ ވާނެއެވެ. ޑޮކްޓަރ ރާއޯ ވިދާޅުވާގޮތުން ބޮޑުކަމުދާ ނިޒާމުގައި އިންނަ ސްޕިންކްޓަރ އަށް ފޮޑީގައި އެ ހުންނަ ޕްރެޝަރު ހިފަހައްޓައިލެވެނީ ވަކިވަރަކަށެވެ. އެހެންކަމުން ފޮޑި ނުޖަހަން ހުއްޓަސް ޖެހޭގޮތްވެއެވެ.

ފޮޑި މަތަކުރުމުން، ގޯހުން ގޯހަށް ހުށައެޅޭ

ފޮޑިއެއް ނުޖަހައި އޮއްބައިލުމުން، ހީވެސްނުކުރާ ފަދަ ކަމެއް ވެދާނެއެވެ. ހުރިހައި ގޭހަކީ ފޮޑިއެއްގެ ގޮތުގައި ބޭރުވާ އެއްޗެއް ނޫނެވެ. އަނގައިންވެސް އެފަދަ ގޭސްތައް ބޭރުވެއެވެ. މިހެން ވައެއް ލެވޭއިރު، އެ ލެވޭ ވައިގައިވެސް ނުބައިވަސް ހުންނާނެއެވެ. އެހެންކަމުން، ބައެއްގެ ތެރޭގައި ހުއްޓާ ހަމަ ކުއްލިއަކަށް އަނގައިން ވައެއް ބޭރުވެދާނެއެވެ. ހަމަ ގައިމުވެސް އެހެން އަންނަ ވައެއް މަތައެއް ނުކުރެވޭނެއެވެ.

ފޮޑި މަތަކުރުމުން ލިބެނީ އިތުރު ތަކުލީފުތަކެއް

ފޮޑިއެއް ނުޖަހައި ހިފެހެއްޓުމުން، ބަނޑަށް އިތުރު ވޭންތަކެއް އަޅާނެއެވެ. ފޮޑި ހިފެހެއްޓުމުން ބަނޑާއި ގޮހޮރުގައި ޕްރެޝަރު އުފެދި، ބަނޑަށް ތަދުވާގޮތް ވެއެވެ. ގޭހުގެ މައްސަލަ ހުންނަ މީހުންގެ، ގޭސް މައްސަލަ އިތުރަށް ގޯސްވާނެއެވެ.

ހައްލަކީ ކޮބާ؟

ފޮޑިއެއް ނުޖަހައި ހިފަހައްޓާއިލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ރައީސަކަސް، ކަތީބަކަސް، އަދި ދީނީ ދަންނަ ބޭކަލަކަށް ވިޔަސް ފޮޑިއެއް ނުޖަހައި ނުހުރެވޭނެއެވެ. ފޮޑި އުފެދުން އެއީވެސ،ް އެއްވެސް މީހަކަށް ކޮންޓްރޯލުކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ބަނޑުގައި ގޭސް އުފެދޭ ޒާތުގެ ކާނާ ބޭނުންކުރުމުން ދުރުހެލިވެ ތިބުމަކީ އަހަރުމެން ކޮންމެ މީހަކަށްވެސް ކުރެވޭނެ ކަމެކެވެ.

ފޮޑިއެއް ޖަހަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ސިއްޙީ މިންގަނޑުން ބަލާނަމަ، ފޮޑި ނުޖަހައި ދޫކޮށްލަން ހެޔޮނުވާނެއެވެ.

މަސްދަރު: ދި އަލްޓަނޭޓިވް ޑެއިލީ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.