ބައިސްކޯފުން މިރޭ ދައްކަން ފަށާ ކިޑް ޕްރޮޑަކްޝަންގެ ވެބް ސީރީޒް “ހަނާ“ގެ ވަރަށް ގިނަ ވާހަކަތައް މުނިއަވަސް އިން މިހައިތަނަށް ގެނެސްދެވިއްޖެއެވެ. އޮލިމްޕަހުގައި ރެޑް ކާޕެޓް އިވެންޓަކާއެކު މި ސީރީޒް ޕްރިމިއާކުރުމުގެ ހަފުލާއަށް ވަގުތު ކުޑަތަން ވެފައިވަނިކޮށް، ސީރީޒްގެ ޑައިރެކްޓަރ އަމްޖަދު އިބްރާހިމް (އަމްޖޭ) އާ މުނިއަވަސް އިން ބައްދަލުކޮށްލީމެވެ.

ވެބް ސީރީޒް “ހަނާ“ގެ ބައެއް ވާހަކަތައް، ތަންކޮޅެއް ލުއި ގޮތެއްގައި ހިއްސާ މިކޮށްލަނީ އަމްޖޭއާ އެކީގައެވެ.

މިރޭ ބައިސްކޯފުން ރިލީޒްކުރާ ޑްރާމާ ސީރީޒް “ވެބް ސީރީޒް “ހަނާ” އާމެދު ކުރެވޭ އުއްމީދަކީ ކޮބާ؟

އަޅުގަނޑުގެ އުއްމީދަކީ، ﷲ އިރާދަކުރެއްވިއްޔާ މި “ހަނާ” ޑްރާމާ ސީރީޒް ވެގެންދާނެ ބައިސްކޯފު އެޕްން ފެންނަ އެންމެ ރީތި ޑްރާމާއަށް.

13 އެޕިސޯޑްގެ މި ޑްރާމާ ސީރީޒްގެ ޑައިރެކްޝަންހެދި ޑައިރެކްޓަރުގެ ހައިސިއްޔަތުން، ތަރިންގެ ޕާފޮމަންސާ ދޭތެރޭ ބުނެލާނީ ކީކޭ؟

ހުރިހާ ތަރިންގެ އެކްޓިންވެސް ހަމަ ވަރަށް ފުރިހަމަ، ވަރަށް ރަނގަޅު ހުރިހާ ކުދިންވެސް. ދެން ޚާއްޞަކޮށް ޝަމީލް އާ ނޫރާއާ މަންމަ ބައި ކުޅުނު ފަރާތާ، އެ މީހުންގެ އެކްޓިން ފާހަގަކޮށްލަން. އެމީހުންގެ އެކްޓިން ހަމަ ސުޕަރޕް އިނގޭތޯ.

މީ ގުލިސްތާނުއާ، ގުލިސްތާނު ވެސް ވަރަށް މޮޅު. މުޅި ސީރީޒްއަށް ބަލާއިރު، މި ސީރީޒް އަކީ ވަރަށް ހިތާމަވެރި އެއްޗަކަށް ވެފަ، އެ ހިތާމަވެރި ބައި ކުޅެފަ އިން ލެއް ފުރިހަމަ.

އަޅުގަނޑުވެސް އެއް މަންޒަރު ބަލަން އިނދެފ،ަ އެއީ ޝަމީލުއާ ގުލިސްތާނުއާ ދެމީހުން ޖެއްސި މަންޒަރެއް ބަލާފަ އަޅުގަނޑަށްވެސް ހަމަ ރޮވުނު. ވާހަކައަކީ އަޅުގަނޑަށް ރޮވޭނީ ވަރަށް ވަރެއް ވީމަ. އަޅުގަނޑުވެސް ހަމަ އެކަން ފާހަގަކޮށްލަން.

“ހަނާ” ސީރީޒްގައި ހަރަކާތްތެރިވާ ފަންނާނުންނާއި ކްރޫ – ފޮޓޯ: ހަނާ ޓީމު

ކީއްވެ “ހަނާ“ގެ ކެރެކްޓަރ އަށް ނޫރާ އިޚްތިޔާރުކުރީ؟

އަސްލުގަ ވާގޮތަކީ ނޫރާއަކީ ވަރަށް ބަސްއަހާ ކުއްޖެއް. ވަރަށް ރަނގަޅު ކުއްޖެއް. ވަރަށް ޑިސިޕްލިންޑް ކުއްޖެއް. ދެން އަޅުގަނޑު ވިސްނިއިރުގަ ރީތި ލުކެއް ހުރެފަ ވަރަށް އޭނާގެ އެކްޓިން ރަނގަޅު، އަޅުގަނޑު އޭނަ ލައްވާ އެއް ފިލްމު ކުޅުވާފަ އޮތީމަ އޭނާގެ އެކްޓިންވެސް އަޅުގަނޑަށް ފެނިފަވުމާއެއްކޮށް އަޅުގަނޑު ބޭނުންވީ ނޫރާ އެ ބަޔަށް ލާން.

ހަނާ“ގެ ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތް، އަދި ފައިނަލް ޕްރޮޑަކްޓާމެދު ހިތްހަމަޖެހޭ ވަރަށް މަސައްކަތް ކުރެވިފަ ހުރިކަމަށް ޤަބޫލުކުރަންތަ؟

މީގަ ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތާ ބެހޭގޮތުން ދަންނަވާނީ މި ރާއްޖޭގަ މިވަގުތު ނެގެން އޮތް އެންމެ ޕްރޮފެޝަނަލް މީހުން މީގަ މަސައްކަތްކޮށްފަ އެހެރީ. މިހެން ބުންޏަސް ކިތަންމެ މޮޅު ބަޔަކު ކުރިކަމުގައި ވިޔަސް ހުރެދާނެ ރަނގަޅުކޮށްލަން ޖެހޭ ކަމެއް، ނުހުންނާނެއެކޭ ނުދަންނަވާނަން އިނގޭތޯ. އެކަމަކު އަޅުގަނޑު ބެލި ބެލުމުގަ ހަމަ މުޅި ސީރީޒް ވަރަށް ރަނގަޅު. ވަރަށް ފުރިހަމަ މަސައްކަތްކޮށްފަ އިން ލެއް.

ހަމަ މިހާތަނަށް ދިވެހި ސީރީޒަކުން ނުފެންނަ ފެންވަރަށް މީގަ އެބަހުރި މަސައްކަތްކޮށްފަ. ފިލްމަކަށް ގާތްގަނޑަކަށް ކުރާހާ މަސައްކަތް އެބަހުރި ކުރެވިފަ.

“ހަނާ” ޑައިރެކްޝަންގައި އަމްޖޭ – ފޮޓޯ: މުނިއަވަސް

ހަނާ” ޑައިރެކްޓްކުރުމުގަ އަމްޖޭ ކިހާވަރަކަށް މަސައްކަތްކޮށްފަ ހުންނާނެ، މިހާރު ބައިސްކޯފުން ދައްކަމުން އަންނަ ފާހަގަކޮށްލެވޭ ސީރީޒްތަކާ އެއް ފެންވަރަކަށް ނުވަތަ އެއަށްވުރެން ރަނގަޅުކުރުމަށް؟

އަޅުގަނޑު ކޮންމެ މަސައްކަތެއްވެސް ކުރަނީ އަޅުގަނޑަށް ކުރެވުނު އެންމެ ރަނގަޅަކަށް ކުރަން އިނގޭތޯ. އެގޮތުން މި “ހަނާ” އަކީ ހަމަ ﷲ އިރާދަކުރެއްވިޔާ ބައިސްކޯފުން ދައްކާ އެންމެ ރީތި ޑްރާމާއަށް ހެދުމަށް އަޅުގަނޑަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްފަ ހުންނާނީ އިނގޭތޯ. އަޅުގަނޑު ހަމަ ފިލްމަކަށް ކުރާވަރަށް، ވާހަކައަކީ ފިލްމެއް އުފައްދާއިރުގަ އެކުރާ މަސައްކަތަށްވުރެން ބުރަކޮށް މަސައްކަތްކޮށްފަ ހުންނާނީ. އަޅުގަނޑު ދުވާލަކު ހަ ގަޑިއިރު ނިދާފަ، ދެން ހަމަ ހޭލާގޮތަށް ރޭގަނޑު އެކެއް ދޭއް ޖަހަންދެން އަޅުގަނޑު ހަމަ “ހަނާ“ގެ މަސައްކަތުގަ އުޅެފަ ހުންނާނީ. ރެސްޓެއްވެސް ނުނަގާ. އެގޮތަށް މަސައްކަތްކޮށްފަ ހުންނާނީ. އެހެންވީމަ އަޅުގަނޑަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްފަ ހުންނާނީ.

ދެން އެކަމަކު އަޅުގަނޑު މިހެން ބުނިކަމުގަ ވިޔަސް ބެލުންތެރިން މީގަ ޖަޖުކުރާނީ. އަޅުގަނޑަށް އަދި ކިތަންމެ ކަމުދިޔަސް، ބެލުންތެރިންނަށް ކަމުނުގޮސްވެސް ފާނެ. އެވެސް ވެދާނެ ކަމެއް. އެކަމަކު އަޅުގަނޑުގެ އުއްމީދުތަކާކާ އެއްކޮށް މިކުރަނީ މަސައްކަތް. އެހެންވީމަ އަޅުގަނޑު ކުރާ އުއްމީދަކީ “ހަނާ” އަކީ ބައިސްކޯފުން ދައްކާ އެންމެ ރީތި ސީރީޒަށް ވުން.

ވެބް ސީރީޒް “ހަނާ” ޑަބްކުރުމުގައި ގޮޅާ އައްޔަ، އަމްޖޭ އަދި ގުލިސްތާނު – ފޮޓޯ: ހަނާ ޓީމު

ވެބް ސީރީޒް “ހަނާ” ބަލަންވީ ކީއްވެގެން ކަމަށް ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ބެލުންތެރިން ކައިރީ ބުނެލާނީ؟

ހަނާ” ސީރީޒް ބަލަން ޖެހޭ އެންމެ މުހިންމު ސަބަބަކީ “ހަނާ” ސީރީޒަކީ އަޅުގަނޑުމެންގެ ގޭތެރޭގެ ދިރިއުޅުމުގަ އާއްމުކޮށް ދިމާވާ ކަހަލަ ކަންތައްތަކަށް މުޅި ސްޓޯރީ ބިނާވެފަ އޮތީ. އެއީ އެންމެ ބޮޑު އެއް ސަބަބު. ގޭތެރޭގަ ހުންނަ ކޫސަނި މައްސަލަތަކާ، މައިންބަފައިން ދަރިންނާ ދޭތެރޭ ކަންތައް ކުރެވޭ ގޮތާ އެހެންގޮސް ހުރިހާ ކަމަކުން މީގެއިން ވަރަށް ބޮޑު އިބުރަތެއް “ހަނާ” ބެލީމާ ލިބިވަޑައިގަންނަވާނެ. އަދި ކޮންމެ އެޕިސޯޑެއް ނިމޭއިރުވެސް، އަނެއް އެޕިސޯޑް ބަލަން ޖެހޭވަރުގެ ކަންތައްތަކެއް ކޮންމެ އެޕިސޯޑެއްގެ ތެރޭގަވެސް ފެނިގެންދާނެ.

އިތުރަށް ފާހަގަކޮށްލަން ބޭނުންވާ ކަމެއް، ނުވަތަ ބުނެލަން ބޭނުންވާ އެއްޗެއް؟

ދެން މި ފުރުޞަތުގަ ހަމަ އެންމެ ފުރަތަމަ ކަމަކަށް، މިއީ ސީރީޒް ޕްރިމިއާ ކުރުމުގެ ކުރިން ދޭ އެންމެ ފަހުގެ އިންޓަވިއުއަށް ވީމަ އަޅުގަނޑުމެންގެ މި “ހަނާ” ސްޕޮންސާކުރި ފަރާތް، އެސްޓީއޯގެ ނަން އަދި މުނިއަވަސް މި ޕްރޮމޯޓްކުރުމަށްޓަކައި ތިކުރާ މަސައްކަތަށް ތިފަރާތަށާ، އަދި ހަމަ ބައިސްކޯފަށާ އަޅުގަނޑު ޝުކުރުއަދާކޮށްލަން. ދެން އޭގެ އިތުރަށް އަޅުގަނޑު މި ސީރީޒް ނެގުމުގަ މާމިގިލިން އަޅުގަނޑަށް ލިބުނު އެހީތެރިކަމަށްޓަކައި މާމިގިލީގެ ހުރިހާ ރައްޔިތުންނަށާ ވާހަކައަކީ އަޅުގަނޑުމެންނަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޚާއްޞަކޮށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

**********

ވެބް ސީރީޒް “ހަނާ” ޕްރިމިއާކުރާނީ މިރޭ 20:30 ގައި އޮލިމްޕަހުގައި ބާއްވާ ކުލަގަދަ ރަސްމިއްޔާތެއްގައެވެ.

މި ސީރީޒްއަކީ މަޝްހޫރު ޑައިރެކްޓަރ އަމްޖަދު އިބްރާހީމް (އަމްޖޭ) ޑައިރެކްޓްކުރި ސީރީޒްއެކެވެ. ބެކް މިއުޒިކްގެ ތައްޔާރުކުރީ މަޝްހޫރު މިއުޒީޝަން އައްޔުމަން ޝަރީފް އެވެ. ވާހަކަ ލިޔުނީ ރިނާޒާއެވެ. ސީރީޒްގެ ޕޯސްޓްޕްރޮޑަކްޝަން މަސައްކަތްކުރީ ޢަލީ ރަޝީދު (ގޮޅާ) އެވެ. ޕްރޮޑިއުސްކޮށް ކެމެރާކުރީ ހުސެން މުނައްވަރު (ކުޑަފޫޅު) އެވެ.

ވެބް ސީރީޒް “ހަނާ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.