ދިވެހީންގެ އާދަކާދައާއި ސަގާފަތުގައި ވާގޮތުގެ މަތީން ފެށުނީއްސުރެވެސް ކަން ހިނގާ މަގަކީ ފިރިހެނުންނަކީ ގެއަށް އާމްދަނީ ހޯދުމުގައި އެންމެ އިސްދައުރެއް އަދާ ކުރާ ބަޔަކަށް ވުމެވެ. އަދި އަންހެނުންނަކީ ގޭގައި ދަރިންބެލުމާއި ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރުމުގައި އުޅޭ ބަޔަކަށް ވުމެވެ. ނަމަވެސް އެ ސަގާފަތް ބަދަލުވަމުން އައިސް މިއަދު މިވަނީ އަންހެނުންވެސް ގެއިން ބޭރަށް ނުކުމެ އާމްދަނީ ހޯދުމުގައި ފިރިހެނުންނާއި އެއް ހަމައެއްގައި ފައިތިލަ ސާބިތުކޮށްފައެވެ. ތަޢުލީމީ ގާބިލް އަންހެނުންތަކެއް މިއަދު މިވަނީ ބިނާވެފައެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ޖަމުއިއްޔާތައް އުފެދި އަންހެން ކުދިންނަށް ހާއްސަ އެތައް ފުރުޞަތުތަކެއް މިއަދުވަނީ ހުޅުވިފައެވެ. އަންހެނުންގެ ހައްޤުތައް ހޯދުމަށް ވަކާލާތުކުރާ އެތައް ބަޔަކު އެބައުޅެއެވެ. 

ނަމަވެސް ޤަބޫލް ކުރަންޖެހޭ ހަޤީޤަތަކީ އަންހެނުންގެ ހައްޤުތަކޭ އެއްފަދައިން ފިރިހެނުންނަށް ވެސް ހައްޤުތަކެއްވާކަމެވެ. މިއަދު މިވަނީ ފިރިހެނުން ބާރުވެރި ކުރުވާނެ އަތްތަކަކަށް ބޭނުންވެފައެވެ. މައިންބަފައިން ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެން ކުދިންނަށް ދޭ އަހައްމިއްޔަތުކަން ފިރިހެން ކުދިންނަށްވެސް ދޭން އެބަޖެހެއެވެ. މިހެން ބުނުމުން ގިނަ ބެލެނިވެރިން މިކަމާ އެއްބަސް ނުވެދާނެެއެވެ. އަޅުގަނޑު މިދަންނަވަނީ އެއްވެސް ހާލެއްގައި ފިރިހެން ކުދިންނަށް ތަޢުލީމު ނުދޭ ވާހަކެއް ނޫނެވެ. ނުވަތަ ބޭނުންވާ އެއްޗެހި ހޯދައި ނުދޭ ވާހަކައެއްވެސް ނޫނެވެ. އެއްވެސް ޒިންމާއެއްނެތި އެކުދިން އުޅޭނެ ގޮތަކަށް އުޅެން ދޫކޮށްލާ ވާހަކައެވެ. ގޭތެރޭގެ މާހައުލުގައި ކުރާނެ ކިތަންމެ ކަމެއް ހުންނާނެއެވެ. ހަމައެކަނި ޢިލްމް ހާޞިލް ކުރުމަކުން ނުފުދެއެވެ. އިލްމާއެކު ޙިލްމުވެސް ލިބިގަންނަންޖެހެވެ. 

ގޭތެރޭގެ ކޮންމެ ކަމެއްގައި އެކުދިންގެ ޒިންމާވެސް ވާކަން އެކުދިންނަށް އަންގައިދޭން ޖެހެއެވެ.

ގޭގައި ކިތަންމެ ބޮޑުކަމެއް ދިމާވެގެން އުޅުނަސް ނުވަތަ މީހަކު ބަލިވެ އުޅުނަސް ގިނައީ އެކަމާ އަޅައިނުލާ ކުދިންނެވެ. އެއްވެސް ކަަމަކީ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން އުޅޭ ކުދިން މަދެވެ. މިހެން ކަންތައް ދިމާވުމުން އެކުދިން ކުށްވެރި ކުރެވެއެވެ. ނަމަވެސް ވިސްނަންޖެހޭ ހަޤީގަތަކީ އެކުދިންގެ ޢަމަލުތަކާއި މެދު ޒިންމާ ނަގަންވެސް ތިބީ ޚުދު އަޅުގަނޑުމެން ކަމެވެ. ކުޑައިރު ނުދެވުނު ތަރުބިއްޔަތެއް އެކުދިން ބޮޑުވުމުން ދޭން އުޅުމަކީ ފަސޭހަ ކަމަކަށް ނުވެދާނެއެވެ. 

ވަކި ޖިންސެއް ތަފާތުނުކޮށް ޒިންމާނަގަން ދަސްކޮށްދޭން ޖެހެއެވެ. ނިދާ ހޭލުމަށްފަހު ތަންމަތި ރީތިކުރުމާއި ކޮޓަރިއާއި ފާހާނާ ފަދަ ތަންތަން ސާފުތާހިރުކޮށް ބެލެހެއްޓުމަކީ ވަކި ޖިންސަކަށް ހާއްސަ ކަންތައްތަކެއް ނޫންކަން ބުނެދޭން ޖެހެއެވެ. ތުއްތު އިރުއްސުރެ ކުދިންގެ ގައިގައި މިފަދަ އާދަތައް އަށަގަންނުވަން މަސައްކަތްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކުއްޖެއްގެ އުމުރާގުޅޭ ގޮތަށް ގޭތެރޭގައި ކުރަން ހުންނަ މަސައްކަތް އެކުދިންނާއި ވެސް ހަވާލުކުރުމަކީ ކުދިން ބޮޑުވެގެން އަންނައިރު ޒިންމާ އުފުލަން ދަސްވާނެ ކަމެކެވެ. ގޭތެރޭގެ ސާފުތާހިރުކަމާއި ދުޅަހެޔޮކަމަށް މިފަދަ ކަންކަމުން އަސަރުކުރާއިރު  އެންމެންގެ އެއްބާރުލުން ލިބުމަކީ ވެސް ނުހަނު މުހިއްމު ކަމެކެވެ.

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހާލަތު ހުންނަގޮތުން ބައެއް ގޭގޭގައި ހަމައެކަނި މަންމަ އާއި ފިރިހެން ދަރިން އުޅޭ ގޭގެ ވެސް އެބަހުއްޓެވެ. ޚާއްސަކޮށް ރަށްރަށުގައި ކުދިންނަށް ކިޔަވައި ދިނުމަށް އަނބިމީހާ އެހެން ރަށެއްގައި ހުންނައިރު ފިރިމީހާ ވަޒީފާ އަދާކުރުމަށް ރަށުގައި ހުންނަން އެބަޖެހެއެވެ. މިފަދަ ދަނޑިވަޅުތަކުގައި ވެސް ފިރިހެނަކަށް ވީތީ މަންމައަށް ފަސޭހަކޮށްލައިދިނުމުގެ ޚިޔާލެއް ނުހުރެއެވެ. އަމިއްލަ ކަންތައްތައް މަންމައަށް ކުރަން ޖެއްސުމަކީ މަންމަ މުސްކުޅިވި ދުވަހު ދެވޭ އަނިޔާއެއް ނޫން ތޯ މިއީ އަޅުގަނޑު ހިތަށް އަރާ ސުވާލެކެވެ. އެ މަންމަ ލައްވާ އުޅޭ ކޮޓަރި ސާފުކުރުވުމާ ލާ އެއްޗިހި ދޮވެ އިސްތިރި ކުރުވަނީ މަންމައަށް ކުރާ އިހްތިރާމަކުން ބާއެވެ. މަންމައިންނަކީ ބަލިވިޔަސް އެވާހަކަ ބުނާނެ ބައެއް ނޫނެވެ. ދަރިއަކަށް މަންމަ ބަލިކަން ވެސް ގިނަ ފަހަރަށް އެގޭނީ ނުތެދުވެވޭ ވަރަށް އެ މަންމަ ބަލިވީމައެވެ. އެފަދަ ދަނޑިވަޅެއްގައި ވެސް މައިމީހާއަށް އަޅާލާ އޯގާތެރިވާން އެ ކުދިންނަށް ނޭނގުމަކީ އެކުދިން ކުޑައިރުއްސުރެ އަޅައިނުލާ ދޫކޮށްލުމުގެ ނަތީޖާ ނޫންތޯއެވެ.

ދަރިންދެކެ ލޯބިވުމަކީ އެއްވެސް މަސައްކަތެއް ދަރިން ލައްވަައި ނުކުރުވުމެއް ނޫނެވެ. ކުދިން ބޭނުންވާ ހުރިހާ ކަމެއް ވަގުތުން ވަގުތަށް ކޮށްދޭ އިރު އެކުދިންނަށް ޒިންމާއެއްވެސް ވާކަން އަބަދުވެސް ހަނދާން ކޮށްދޭން ޖެހެއެވެ.​

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.