ޔޫއެފާ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް ސިކްސްޓީންގައި ލިވަޕޫލް ބަލިކުރުމަށްފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލުން އެތުލެޓިކޯ މެޑްރިޑް ޖާގަހޯދައިފިއެވެ.

މި ދެ ޓީމު އެތުލެޓިކޯގެ ދަނޑުގައި ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ އެތުލެޓިކޯއިންނެވެ. ވުމާއިއެކު ލިވަޕޫލަށް މޮޅުވުން މަޖުބޫރު މިމެޗުން ލިވަޕޫލް ބަލިވެފައި ވަނީ 3-2 ގެ ނަތީޖާއިންނެވެ. ވުމާއިއެކު އެތްލެޓިކޯ ކުއާޓާއަށް ދަތުރު ކޮށްފައި ވަނީ 4-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މެޗުގެ ކުރިން ވެސް ފޯރިގަދަވާނެ ކަމަށް ބެލެވުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެފައިވަނީ ލިވަޕޫލުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާފައި ވަނީ ލިވަޕޫލުންނެވެ. މި ލަނޑު ޖަހާފައިވަނީ މެޗުގެ 43 ވަނަ މިނެޓްގައި އެ ޓީމުގެ މިޑްފީލްޑު ކުޅުންތެރިޔާ ވައިނަލްޑަމްއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ލިވަޕޫލު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ވެސް ލިވަޕޫލުން ވަނީ މޮޅަށް ކުޅެފައެވެ. މިގޮތުން އެތުލެޓިކޯގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު، އެޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި އެތުލެޓިކޯގެ ކީޕަރު އޮބްލަކްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ.

މެޗުގެ 90 މިނެޓް ހަމަވިއިރު ދެ ޓީމުވެސް އެގްރިގޭޓް ނަތީޖާއިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓްގެ ދެ ހާފްގެ ކުޅުމެވެ. އެގޮތުން 15 މިނެޓްގެ ފުރަތަމަ ހާފްގެ ކުރީކޮޅު ރޮބާޓޯ ފަމީނޯ ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ބަދަލު ކުޅުންތެރިއެއް ގޮތަށް ދަނޑަށް ކުޅެން ނުކުތް މާކަސް ލޮރެންޓޭ ވަނީ އޭގެ ތިން މިނެޓް ފަހުން އެތުލެޓިކޯ އަށް ގޯލެއް ކާމިޔާބުކޮށްދީފައެވެ.

އަދި އެ ހާފްގެ ފަހު މިނެޓްގައި ހަމަ އޭނާ ކާމިޔާބުކުރި ހިތްގައިމު ގޯލަކާއެކު އެތުލެޓިކޯ އަށް ނަތީޖާ އެއްވަރުކޮށްދިނެވެ. މި ގޯލާއެކު މުބާރާތުގެ ކުއާޓާ އަށް ދިޔުމަށް ލިވަޕޫލުން ދެ ގޯލު ކާމިޔާބުކުރަން މަޖުބޫރުވެފައިވުމުން އެޓީމުން ދިޔައީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން އެތުލެޓިކޯގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

އެކަމުގެ ފައިދާ ނަގައި މެޗުގެ ފަހު މިނެޓްގައި އެތުލެޓިކޯއަށް މެޗުން މޮޅުވި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުތް އަލްވާރޯ މޮރާޓާއެވެ.

މި މުބާރާތުގައި ޕީ.އެސް.ޖީ އާއި ބުރޫސިޔާ ޑޯޓްމަންޑް ވާދަކރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެގްރިގޭޓް ނަތީޖާ 2-1 އިން ކުރިހޯދައިގެން ކުއާޓާގެ ޖާގަ ކަށަވަރު ކޮށްފައިވަނީ ޕީ.އެސް.ޖީ އިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.