ރާއްޖެއިން ކޮވިޑް 19 ފެނުމާއި ގުޅިގެން ސިއްހީ ލަފާދޭ ފަރާތްތަކުން ދަނީ ރައްޔިތުން ހޭލުންތެރި ކުރުމަށް ޚާއްޞަ އެކިއެކި މަސައްކަތްތައް ކުރަމުންނެވެ. ޕްރެސް ކޮންފަރެންސްތައް ބާއްވައި ކަމާ ގުޅޭ އެންމެހާ މަޢުލޫމާތު ރައްޔިތުންނަށް ހާމަކޮށްދެމުންނެވެ.

ކަމާއިބެހޭ ސިއްޙީ އިދާރާތަކުން ކެނޑިނޭޅި، ފޯރުކޮށްދެމުންދާ މަޢުލޫމާތުތައް އަޑުއަހައި އެގޮތަށް އަމަލުކުރުމަށް އެއްބަޔަކު މަސައްކަތްކުރަމުންދާއިރު ބައެއް ފަރާތްތަކުން އެފަދަ އިރުޝާދުތަކަށް އަމަލު ނުކުރެވޭތަން އަންނަނީ ފެންނަމުންނެވެ. އެގޮތުން ބޭނުންކޮށްފައި ހުންނަ މާސްކް ފަދަ ތަކެތި މަގުމައްޗަށް އެއްލާލުމާއި، މަގުމައްޗަށް ކުޅު ޖެހުމާއި ހަމަ އެހެންމެ މީހުން އެއްވެ އުޅޭ ފަދަ ތަންތަނަށް ދާތަން ފެނެއެވެ.

ސްކޫލް މިޑް ޓާރމް ބްރޭކް ނިމުމުން ސްކޫލަށް ކުދިން ފޮނުވުމާއި ދެކޮޅަށް މީސް މީޑިއާގައި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮން އެޑިޔުކޭޝަން މިނސްޓްރީން މިވަނީ އިތުރު އެއް ހަފްތާ ސްކޫލް ބަންދަށް އިތުރުކޮށްފައެވެ. ނަމަވެސް މިއީ ފުރަފުރައިގެން ތަންނަށް ދަތުރު ދާންވީ ވަގުތެއް ނޫންކަން ހަދާން ކުރަންޖެހެއެވެ.

ހަމަ އެހެންމެ ކުދިންގޮވައިގެން ޕާކަށް ދިއުމާއި ސައިކަލް ބުރު ޖަހަން ދިއުން ފަދަ ކަންތައްތައް މަޑުޖައްސާލައި ކުދިން ގޮވައިގެން ދަތުރު ދިއުމާއި އާއިލާ މީހުން އެއްތަން ވުމުގެ ބަދަލުގައި މިވަގުތުތައް ގޭގައި މަޑުކުރުން އެދެވިގެންވެއެވެ. މިފަދަ ދަނޑިވަޅެއްގައި ކެތްތެރިވުމުގެ އާދަ ކުދިންނަށް ދަސްކޮށްދީ ގޭގައި ހޭދަކުރާ ވަގުތުތަކުގައި އަޅުކަމާއި ޛިކުރު ކުރުމުގެ ފުރިހަމަ ބޭނުންހިފަން އެކުދިންނަށް ދަސްކޮށްދީ ވަގުތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން އެ ކުދިންނަށް ދަސްކޮށްދެވިދާނެއެވެ.

ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔެ ބަލިމަޑުކަމަކަށް ހުށަހެޅިފައިވާ މި ދަނޑިވަޅުގައި އަޅުގަނޑުމެން އެންމެންވެސް އެކަމާއި މެދު ފުންކޮން ވިސްނަންޖެހެއެވެ. ފަރުދީ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރަންޖެހޭ މިފަދަ ވަގުތެއްގައި ސިއްޙީ އިދާރާތަކުން ދޭ އިރުޝާދާއި އެއްގޮތަށް އަމަލު ކުރެވޭތޯ މަސައްކަތް ކުރަންޖެހެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.