ކުރެއްދޫ އައިލެންޑް ރިޒޯޓުން ކޮވިޑް-19 އަށް ޓެސްޓް ކުރި 10 މީހުންގެ ތެރެއިން އެކަކު ވައިރަހަށް ޕޮޒިޓިވްވެފައި ވާކަމަށް އެޗްޕީއޭ އިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް އެޗްޕީއޭއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ކުރެއްދޫ އައިލެންޑް ރިޒޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވޭ ދިހަ މީހެއްގެ ސާމްޕަލް ނެގައި ޓެސްޓްކުރެވިފައި ވާކަމަށާއި އޭގެ ތެރެއިން ބިދޭސީއެއް ބައްޔަށް ޕޮޒިޓިވް ވެފައިވާކަމަށެވެ. ބާކީ 9 މީހުން ބައްޔަށް ނެގެޓިވްކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

ކުރެއްދޫއިން ޕޮސިޓިވް މީހާ މިހާރު ފަރުކޮޅުފުށީގައި ޤާއިމުކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށްފައިވާކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ކޭސްއެއް ފެނިފައިވަނީ ކުރެއްދޫ އިންނެވެ. ހުކުރު ދުވަހުގެ ނިޔަލަށް ރާއްޖެއިން 09 މީހެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ކަރަންޓީން ފެސިލިޓީޒްގައި 17 މީހަކު އަދި އައިސޮލޭޝަންގައި 09 މީހަކު އެބަތިބި ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް-19އަށް ޕޮޓިވްވި ދެމީހަކަށް ދަނީ ފަރުވާދެމުންނެވެ. މިއަދު ޕޮޒިޓިވް ވި މީހާއެކު ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ ޖުމްލަ 10 އަކަށް އަރާފައެވެ.

ރާއްޖޭން ކޯވިޑް-19 އަށް މިހާތަނަށް ޕޮސިޓިވެފައިވާ އެންމެންނަކީވެސް ބިދޭސީންނެވެ. މީގެ ތެރޭގައި ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި، ރިސޯޓުތަކުގައި މަސައްކަތްކުރަމުން އަންނަ ބިދޭސީ މުވައްޒަފުން ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.