ކުރިސްޓިއާނޯ ރޮނާލްޑޯ އަކީ ދުނިޔޭގެ އެއް ނަންބަރު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ދުނިޔޭގެ ގިނަ ބަޔަކު އިއްތިފާގުވާނެއެވެ. ތަޖުރިބާގެ ގޮތުންނާއި ހުނަރުގެ ކުޅަދާނަކަމާ މޮޅުކަމުންނެވެ. ހޯދައިފައިވާ ބެލޮނޑޯ ތަކާއި އެހެނިހެން އެވޯޑު ތަކުގެ ސަބަބުން މި ސަޚްސިއްޔަތު މި ވަނީ މުޅި ދުނިޔެއަށް މަޝްހޫރުވެ މަގުބޫލު ވެފައެވެ. ރޮނާލްޑޯއޭ ބުނުމުން އެއީ ކާކުކަން ނޭނގޭ މީހަކު މިހާރު މަދުވާނެއެވެ.

މަހެއްގެ މައްޗަށް 31 މިލިއަން ޔޫރޯ ލިބޭ މި ސަޚްސިއްޔަތަކީ ދުނިޔޭގައި ގުނާލެވޭ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނޭ އެއް މޫނެވެ. މުއްސަނދި ކަމުން ލިބޭ ފައިދާ އަކީ ކޮބާ ހެއްޔެވެ؟ މުއްސަނދި ކަމަކީ އިންސާނާއަށް ލިބިގެންދާ އުފާވެރި ކަމެއް ނޫން ކަމަށް ދުނިޔޭގެ ގިނަބަޔަކު އެއްބަސްވާނެއެވެ.

މިއަދު އަޅުގަނޑުމެންނަށް މި މަގުބޫލު ސަޚްސިއްޔަތު ގެ ފަރާތުން މި ފެނިގެންފަނީ ކޮންފަދަ އުފާވެރި މަންޒަރެއް ހެއްޔެވެ؟ އިންސާނިއްޔަތުކަމަށް ހުރި ޖަވާހިރެކެވެ. ހިތްހެޔޮކަން އޭގެ އިންތިހާ ދަރަޖައަށެވެ. މިއަދު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުނދާ ކޮވިޑް-19 އަށް ދެކޮޅަށް ރޮނާލްޑޯ ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އަމިއްލަ ގައުމުގައި ހުރި އަމިއްލަ ހޮޓާތައް، ފަރުވާދޭ މަރުކަޒުތަކަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި މި މަރުކަޒުތަކުން އެއްވެސް އަގަކާނުލައި ޚިދުމަތް ހޯދޭނެ މަގު، މި ކުޅަދާނަ ކުޅުންތެރިޔާ ފަހިކޮށްދީފައި ވާއިރު އޭނާ ދަނީ ކޮވިޑް-19 އަށް ގިނަ ބަޔަކު ހޭލުންތެރިކުރަމުންނެވެ.

ރޯނާލްޑޯގެ މި ނިންމުމަކީ ހާދަހާވާ މަތިވެރި ނިންމުމެކެވެ. ގިނަ ބަޔެއްގެ ފުރާނައަށްޓަކައި މިއަދު ރޮނާލްޑޯ ކުރާ މަސައްކަތަށް ޝުކުރު ގެ ކޮޅެއްނެތެވެ.

ރޮނާލްޑޯއަކީ މީގެ އިތުރުން ވެސް ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭ މީހެކެވެ. ތިމާ އަށް ލިބިފައިވާ މުއްސަނދިކަމަށް ހަގީގީ މުއްސަނދިކަމޭ ކިޔެނީ މިފަދަ ހާލަތް ތަކުގައި މި ފަދަ ނަމޫނާ ދުނިޔެއަށް ދެއްކިގެންނެވެ. ކުރިސްޓިއާނޯ އަކީ މި ފަދަ ކަންކަމުގައި ހަމަ ނަންބަރު 1 އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.