ދުނިޔޭގައި މިހާރު ހަލުވިކަމާއެކި ފެތުރެމުންދާ ކޮރޯނާވައިރަސް ( ކޯވިޑް-19) އާ ގުޅުގެން މަޝްހޫރު ސްޓްރީމިން ސާވިސް ކަމަށްވާ ނެޓްފްލިކްސްގެ ޕޮރޮޑަކްޝަންތައް ހުއްޓުމަކަށް ގެނެސްފިއެވެ. އެ ކުންފުނިން މިގޮތަށް ނިންމީ މިދިޔަ ހުކުރު ދުވަހު އެމެރިކާގައި އިޢުލާނު ކުރި ކުއްލި ހާލަތާ ގުޅިގެންނެވެ.
އެމެރިކާގައި ބަލިޖެހުނުމީހުންގެ އަދަދު 1700 އަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ބަލިޖެހިގެން 41 މީހަކު ވަނީ ދުނިޔެ ދޫކޮށްފައެވެ. ކޮރޯނާވައިރަސް ފެތުރުން ހުއްޓުވަން ޚާއްސަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، އެ ގައުމުގައިވަނީ ކުޅިވަރު ހަރަކާތްތައް ހުއްޓާލައި މިއުޒިއަމްތަކާއި ޕާކުތައް ބަންދުކޮށްފައެވެ. މިކަމަށް އިޖާބަ ދިނުމުގެ ގޮތުން ނެޓްފްލިކްސްއިން ވަނީ ޔޫއެސްއޭ އާއި ކެނެޑާގައި ކުރިއަށްދާ ސްކްރިޕްޓެޑް ޝޯތަކާއި ފިލްމުތަކުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާއަށް މަޑުޖައްސާލާފައެވެ. ރިޕޯޓުކޮށްފައިވާ ގޮތުގައި ނެޓްފްލިކްސްގެ ކެލިފޯނިއާރ އޮފީހުގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ވަނީ ގޭގައި ތިބެ މަސައްކަތްކުރުމަށް އަންގާފައެވެ.
ނެޓްފްލިކްސް އިން މިހާރު ދައްކަމުން އަންނަ ސީރީޒް “ރިވަރޑޭލް”ގެ ޓީމް މެންބަރަކު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވުމުން، އެ ސީރިޒްގެ މަސައްކަތްވަނީ މީގެ ކުރިން ހުއްޓާލާފައެވެ. މީގެ އިތުރުން ނެޓްފްލިކްސްގެ އެންމެ ކާމިޔާބު ސީރީޒް “ސްޓްރޭންޖާ ތިންގްސް” ސީޒަން 4 ގެ މަސައްކަތް އެއްކޮށް ހުއްޓާލައިފައިވާ ކަމަށް ނެޓްފްލިކްސް އިން ވަނީ އިއުލާނުކޮށްފައެވެ.
“ސްޓްރޭންޖާ ތިންގްސް” ގެ އިތުރުން ނެޓްފްލިކްސްގެ ގެ ކޮމެޑީ ސީރީޒް “ގްރޭސް އެންޑް ފްރޭންކީ” އަދި “ދަ ޕްރޮމް”ގެ މަސައްކަތްތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ނެޓްފްލިކްސްގެ އިތުރުން މަޝްހޫރު ސްޓޫޑިއޯތައް ކަމުގައިވާ ޑިޒްނީ، އޭބީސީ، އަދި އެންބީސީގެ ވަރަން ގިނައަދަދެއްގެ ޕްރޮޑަކްޝަން މަސައްކަތްތައް ވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ދުނިޔޭގައި ފެތުރެމުންމިދާ ބަލިމަޑުކަމުގެ ސަބަބުން ފިލްމު އިންޑަސްޓްރީއަށް އަންނަނީ ބޮޑުހީނަރުކަމެއް އަންނަމުނެނެވެ. ފިލްމު އަޅުވާނެ ތާރީޚްވެސް އިއުލާނު ކޮށްފައިވާ ގިނަ ފިލްމުތަކެއް ވަނީ މިހާރު ކެންސަލްކޮށްފައެވެ. އެގޮތުން ކުރިން މިމަހު 18 ގައި ރީލީޒް ކުރަން އޮތް “އަ ކުއައިޓް ޕްލޭސް 2” ވަނީ މިހާރު ފަސްކުރެވިފައެވެ. މީގެ އިތުރުން މި މަހު ރިލީޒް ކުރަން ހަމަޖައްސައިފައިވާ ޑިޒްނީގެ ލައިވް އެކްޝަން “މުލާން” ފިލްމު އެޅުވުންވެސް ވަނީ މިހާރު ފަސްކޮށްފައެވެ.
ވައިރަހުގެ ބިރާއެކު ފިލްމް އިންޑަސްޓްރީގެ މަސައްކަތްތައް ވަނީ މަޑުޖައްސާލާފައެވެ. ހަމަ އެގޮތުން ސިނަމާގައި ފިލްމު އެޅުވުންވެސް ވަނީ ހުއްޓާލާފައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މައިގަނޑުގޮތެއްގައި ނަބީލް ލިޔާނީ ފިލްމީ ޚަބަރާއި މަޢުލޫމާތެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ނަބީލްގެ ގަލަން ފަރިތައެވެ.