ކޮރޯނާ ވައިރަސް ޖެހިދާނެ ކަމަށް ޝައްކު ކުރެވޭ ހާލަތެއްގައި ހުރި ނަމަ ހޮސްޕިޓަލަށް ދިއުމުގެ ބަދަލުގައި، މިކަމަށް ހާއްސަ ހޮޓްލައިނަށް ގުޅައިގެން ސިއްހީ އެހީތެރިކަން ހޯދުމަށް ސިއްހީ މާހިރުން އެދިވަޑައިގެންފި އެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން އެކި ސަރަހައްދުތަކުގައި ފްލޫ ކްލިނިކްތަކެއް ހުޅުވައި ހިންގަމުންދާ ކަމަށާއި އޭގެ ބޭނުމަކީ ވެސް މިބަލި ފެތުރުން ވީހާ ވެސް ކުޑަކުރުން ކަމަށް ކޮވިޑް-19އާ ގުޅިގެން ބާއްވަމުންދާ ސިލްސިލާ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. މޫސާ މުރާދު ވިދާޅުވިއެވެ.

ރޯގާ އަދި އެފަދަ ބަލިތައް ޖެހޭ މީހުންނަށް ހާއްސަކޮށް ފްލޫ ކްލިނިކްތައް ހުޅުވާފައިވީ ނަމަވެސް، މިވައިރަހާ ގުޅުންހުރި އެއްވެސް ޝައްކެއް ކުރެވޭ ނަމަ، ކްލިނިކަށް ދިއުމުގެ ބަދަލުގައި އެޗްޕީއޭގެ ހޮޓްލައިން 1676 އަށް ގުޅުމަށް ޑރ. މުރާދު އެދިވަޑައިގަތެވެ. އެގޮތުން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ ނަމަ ނުވަތަ އެފަދަ މީހަކާ ކޮންޓެކްޓް ވެފައިވާ ނަމަ ހޮޓްލައިނަށް ގުޅައި، ދާންވީ ދިމާ ސާފުކުރެއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އތުރަށް މި ވަގުތާއި ހާލަތަށް ބަލައި ރިސޯޓުތަކުގެ މުވައްޒަފުން ވަކިން ސަމާލުވާން ޖެހޭނެ ކަމަށާއި ކިރިޔާ ޝައްކުވާ ފަދަ ކަމެއް ވިޔަސް ނުވަތަ ބަލިވިޔަސް އަމިއްލައަށް ހޮޓްލައިން އަށް ގުޅައި ސިއްހީ މާހިރުންގެ އެހީ ހޯދުމަށްވެސް ޑރ. މުރާދު އެދިވަޑައިގަތެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ރިފާޒް
ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.