ކޮރޯނާ ވައިރަހާ ގުޅިގެން ޓޫރިޒަމަށް ކުރަމުންދާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ދައުލަތަށް މި އަހަރު ލިބޭ އާމްދަނީގެ ތެރެއިން 135.9 މިލިޔަން ޑޮލަރު އާއި 446.6 މިލިޔަން ޑޮލަރު އާ ދެމެދުގެ އަދަދަކަށް ގެއްލުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީގެ އިސްނެންގެވުމަކަށް، ސާކްގެ އަށް ގައުމުގެ ވެރިން އިއްޔެ ފެއްޓެވި ވީޑިއޯ ކޮންފަރެންސްގައި ރައީސް ވިދާޅުވީ ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ފެނުމުގެ ކުރިންވެސް ޓޫރިސްޓުން އަންނަ މިންވަރު ދަށަށްދާން ފަށައިފި ކަމަށެވެ.

އެގޮތުން، އެ މިންވަރު ދަށަށްދާ ހަލުވި މިނަށް ބަލާއިރު، މިއަހަރުގެ ނިޔަލަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 35 ޕަސަންޓު ދަށްވާނެކަމަށް ރައީސް އިތުރަށް ވިދާޅުވި އެވެ.

ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޗައިނާ އަދި އިޓަލީ އަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ދެ މާކެޓުކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މިހާރު އާމްދަނީއަށް ކުރަމުންދާ ނޭދެވޭ އަސަރަށް ބަލާއިރު، 135.9 މިލިޔަން ޑޮލަރު އާއި 446.6 މިލިޔަން ޑޮލަރު އާ ދެމެދުގެ އަދަދަކަށް ގެއްލުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖެއަަށް ލިބޭ ބޭރު ފައިސާގެ އަދަދު މަދުވެއްޖެ ނަމަ ރާއްޖެއަށް ބޮޑެތި މައްސަލަތަކާ ކުރިމަތިވާނެ ކަމަށާއި އާމްދަނީ ދަށްވުމަކީ ކޮވިޑް-19 ހުއްޓުވަން ކުރާ މަސަައްކަތަށް ވެސް ހުރަސްތައް އެޅޭނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ރިފާޒް
ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.