ރާއްޖެ އިން ކޮވިޑް-19 ފެނިފައިވާތީ ސްކޫލްތައް ބަންދުކޮށް އޮންލައިން ޕްލެޓްފޯމްތައް ބޭނުންކޮށްގެން ދަރިވަރުންނަށް ކިޔަވައި ދިނުމަށް ނިންމުމާ ގުޅިގެން އެ ދަރިވަރުން އިންޓަނެޓުގެ ޒަރިއްޔާއިން ކުރާ ކަންކަމަށް ބެލެނިވެރިން އަހުލުވެރި ކުރުމަށް “ސައިބާ ސޭފްޓީ” ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ފޮތެއް މިއަދު ތައާރަފްކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދެވެ. އެރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އައިޝަތު ވަނީ މި ފޮތް ނެރުމުގައި ފުލުހުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް އެކަމަށް ހާއްސަ ޝުކުރެއް ދަންނަވައިފައެވެ.
މިނިސްޓަރ ވިދާޅުވީ މި ފޮތަކީ އިންޓަނެޓާއި މީސްމީޑިއާގެ އެކި ވަސީލަތްތައް ދަރިވަރުން ބޭނުން ކުރަމުން އަންނަ އިރު ކުރިމަތިވެދާނެ ނުރައްކާތަކަށް ބެލެނިވެރިން އަހުލުވެރި ކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލައިފައިވާ ފޮތެއް ކަމަށެވެ. މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ މި ފޮތުން ރައްކާތެރިކަމާއި އެކު މިފަދަ ވަސީލަތްތައް ބޭނުންކުރާނެ ގޮތްތައް އެނގިގެން ދާނެ ކަމަށެވެ.
މި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ މިކަމަށް ބެލެނިވެރިން އަހުލުވެރިކުރުވުމަށް ހާއްސަ ފޮތެއް ނެރުމުން އުފާކުރައްވާ ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު ރިފާޒް
ރިފާޒަކީ ސަން އޮންލައިން އާއި ޗެނަލް 13 ގައި މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި ނޫސްވެރިއެކެވެ.