މި އާރޓިކަލްގައި ބަލައިލެވިފައިވާނީ ފިލާވަޅު ދަސްކުރުމުގެ ބައެއް އުކުޅުތަކަށާއި، ރަނގަޅު ނަތީޖާއެއް ހޯދުމަށް އެހީވެދޭ ބައެއް ކަންތައްތަކުގެ މައްޗަށެވެ. މި މަޢުލޫމާތުތައް ނެގިފައިވަނީ ފިލާވަޅު ދަސްކުރުމުގެ ފަންނާއި ބެހޭގޮތުން ކަމުގެ މާހިރުން ލިޔުއްވާފައިވާ ބައެއްލިޔުންތަކުންނާއި، އަދި ޢިލްމު އުނގެނުމުގެ އުސްލޫބުތަކާއި ބެހޭގޮތުން ދީނީ ޢިލްމުވެރިން ލިޔުއްވައިފައިވާ ބައެއް ލިޔުންތަކުންނެވެ.
ފުރަތަމަ އުކުޅު: ވަކި އިންތިޒާމަކުން ފިލާވަޅު މުރާޖަޢާކުރުން
ފިލާވަޅު މުރާޖަޢާކުރަން ފެށުމުގެ ކުރިން މުރާޖަޢާކުރިއަށް ގެންދާނެ ގޮތުގެ ޕްލޭނެއްހަދާށެވެ. މިގަޑީގައި ކިޔާނީ ކިތައް ޗެޕްޓަރތޯ، ނުވަތަ ހަދާނީ ކިތައް ތަމްރީންތޯ ކަނޑައަޅާށެވެ. މުރާޖަޢާކޮށް ނިމުމުން އުއްމީދުކުރި ނަތިޖާ ޙާސިލްކުރެވުނުތޯ ބަލަންޖެހޭނެއެވެ. އަދި ފިލާވަޅުތަކުގެ މައިންޑް މެޕްސް ހެދުމާއި ފިލާވަޅު އަމިއްލައަށް ޚުލާސާކޮށްފައި ވަކި ނޯޓްފޮތެއްގައި ލިޔުމަކީވެސް ވަރަށް މުހިއްމުކަމެކެވެ. އަމިއްލަ އަތުން ލިޔެފައިވާއެއްޗެހި ކިޔަން ހުންނަ ޝައުޤުވެރިކަން ބޮޑުވުމަކީ އިންސާނުންގެ ތަބީޢީ ސިފައެކެވެ.
ދެވަނަ އުކުޅު: ގްރޫޕް ސްޓަޑީސް ހެދުން
ކުލާހުގެ އެހެންކުދިންނާއެކު ފިލާވަޅުތައް މުރާޖަޢާ ކުރުމުން ފޫހިކަމެއްނެތި ގިނައިރު ވަންދެން މުރާޖަޢާކުރެވޭނެއެވެ. ގްރޫޕް ސްޓަޑީގެ ސަބަބުން ކުރެވޭ މަސައްކަތްތައް ގިނަވާނެއެވެ. އެކަމަކު ގްރޫޕް ސްޓަޑީއިން އެދެވޭ ނަތީޖާއެއް ނުކުންނާނީ ބޭކާރު ވާހަކަޔާއި ކަންތައްތަކުން ދުރުވެ ސީރިއަސްކަމާއެކު މުރާޖަޢާކުރެވޭނަމައެވެ.
ތިންވަނަ އުކުޅު: ދުރާލާ މުރާޖަޢާކުރަންފެށުން
ހަނދާންނުނެތޭ ވަރަށް ހިތުދަސްކުރަން ބޭނުންނަމަ އެކަމަށް އޮތް އެންމެ މޮޅު ގޮތަކީ ތަކުރާރުކޮށް އެއެއްޗެއްކިޔުމާއި، ކޮންމެ ހަފްތާއަކު އެއްފަހަރުހެން އެ އެއްޗެއް ދަސްވެފައިވަނީ ކިހާވަރަކަށްތޯ ބެލުމެވެ.
ހަތަރުވަނަ އުކުޅު: އޮފްލައިންވޭ !
އުނދަގޫ މާއްދާއެއް މުރާޖަޢާކުރާނަމަ، ފޯކަސްގެއްލި އެމާއްދާ މުރާޖަޢާކުރުން ހުއްޓާލާ، ފޯނާއި ކުޅުން ފަދަ ކަމެއްކުރެވެން ފެށުމަކީ ވަރަށްގިނަ ދަރިވަރުންނަށް ދިމާވާ ކަމެކެވެ. އެހެންކަމުން މުރާޖަޢާކުރާއިރު ފޯނު ނިންވާލުމާއި، އޮފްލައިންވުމަކީ ވަރަށް މުހިންމުކަމެކެވެ.
Promodoro technique ފަސްވަނަ އުކުޅު: ބްރޭކް ނެގުން
މި ޓެކްނިކް ބޭނުންކުރާއިރު ކޮންމެ 35 މިނިޓަކުން އެލާމް ވާގޮތް ހަދާށެވެ. 35 ވަންދެން މުރާޖަޢާކޮށްފައި، ފަސްމިނެޓްގެ ބްރޭކެއްނަގާށެވެ. މިގޮތަށް މުރާޖަޢާކުރުމުން ފޫހިނުވެ ގިނައިރުވަންދެން މުރާޖަޢާކުރެވޭނެއެވެ.
ހަވަނަ އުކުޅު: ދަސްކުރެވުނުވަރު ބެލުން
ފޮތްކިޔާ ނިންމާލަމުން ދަސްކުރެވުނުވަރު ބެލުމަށްޓަކައި ތަމްރީނެއް ނުވަތަ ކުޑަ ޓެސްޓެއް ހަދާށެވެ. ފިލާވަޅު ދަސްކުރާނިންމާތަނުން މިގޮތަށް އެނގުނުވަރު ބަލާކަމުގައިވާނަމަ، ސިކުނޑީގައި މަޢުލޫމާތުހަރުލުމުގެ ރޭޓް 30 ޕަސެންޓް އިތުރުވެއެވެ.
މި ދާއިރާގެ ޢިލްމުވެރިން ދެކޭގޮތުގައި ދަސްކޮށްފައިވާ އެއްޗެއް ހަނދާނުގައި ގިނަދުވަހު ބެހެއްޓުމަށްޓަކައި ކުރެވެން އޮތް އެންމެ ރަނގަޅުކަމަކީ ދޭތެރެ ދޭތެރެއިން އަމިއްލައަށްވެސް ޓެސްޓްހެދުމެވެ. މިގޮތަށް ޓެސްޓްހެދުމުން ފިލާވަޅުން ތިމާއަށް ނޭނގޭ ބައިތަކަކީ ކޮބައިކަންވެސް އެނގޭނެއެވެ.
ޕާސްޓްޕޭޕަރ ހެދުމަކީ މިގޮތުން ޓެސްޓްކުރުމަށްޓަކައި ކުރެވިދާނެ ކަމެކެވެ. މީގެ އިތުރުން ފޮތްކިޔާނިންމާފައި، ފިލާވަޅުތަކުގެ ތަމްރީންތަކުގެ އެހީގައި އެނގިފައިވާ މިންވަރުބެލިދާނެއެވެ.
ހަތްވަނަ އުކުޅު: ކިޔަވައިދިނުން
އިސްވެދެންނެވިފަދައިން އަމިއްލަ ނަފުސު ޓެސްޓްކުރުމަށްފަހު އެހެންމީހަކަށްކިޔަވައިދޭށެވެ. އެހެންމީހުންނަށް ކިޔަވއިދީގެން ދަސްކުރާއެއްޗެހި ހަނދާނުގައި ހުންނަ ހުރުމަށް ކިޔަނީ the protégé effectއެވެ. އެހެންމީހަކަށް ކިޔަވައިދެވޭނީ ކިޔަވައިދެވޭ މަޢުލޫމާތު ތިމާއަށް ރަނގަޅަށް ފަހުމްވެގެންނެވެ. ކިޔަވައިދިނުމަށްޓަކައި ފިލާވަޅުގެ މަޢުލޫމާތުތައް ވީހާވެސް ތިލަކޮށް ފަސޭހައިން ދޭހަވާނެގޮތަކަށް ޝަރަޙަކުރާށާއި މަޢުލޫމާތު މަރުޙަލާކުރަން ޖެހޭނެއެވެ. ކިޔަވައިދިނުމަށްޓަކައި މިދެންނެވި ހުރިހާގޮތަކަށް ފިލާވަޅު ”ކޮށާމަށާލަން” ޖެހޭއިރު ފިލާވަޅެއް އެހެން ކުއްޖަކަށް ކިޔަވައިދިނުމުން ތިމާއަށް ހުންނާނީ ފިލާވަޅު ވަރަށް ރަނގަޅަށް ފަހުމްވެފައެވެ. އަދި އެފިލާވަޅު ގިނަ ދުވަހު ހަނދާންވެސް ހުންނާނެއެވެ.
ރަނގަޅު ނަތީޖާއެއް ޙާޞިލްކުރުމަށް އެހީވެދޭނެ މުހިންމު ސަބަބުތައް
- ތަޤްވާވެރިކަން އިތުރުކުރުން
ތަޤްވާވެރިކަމަކީ ﷲތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންވުމާއި އަދި ނަޙީތަކުން ދުރުވެގަތުމެވެ.
ތަޤްވާވެރިކަން އިތުރުވާވަރަކަށް، ތިމާގެ ހިތްމަޑުވެ، ހިލަކަން ފިލާ، ހިތްސާފުވާނެއެވެ. ބޭކާރު ޚިޔާލުތަކާއި ވަސްވާސްތަކުން ސަލާމަތްވެވި، ސަމާލުކަން (concentration) އިތުރުވާނެއެވެ. ތިމާގެ ޢިލްމުވެރިކަމާއި އެއްވަރަށް ތަޤްވާވެރިކަން އިތުރުކުރަންޖެހެއެވެ. ތަޤްވާވެރިކަމާއި ޢިލްމާއިހުރި ގުޅުން ކީރިތި ޤުރުއާނުގެ އަންނަނިވި އާޔަތުން ހާމަވެގެންދެއެވެ.
وَاتَّقُوا اللَّـهَ ۖ وَيُعَلِّمُكُمُ اللَّـهُ
ތިޔަބައިމީހުން، اللَّه އަށް تقوى ވެރިވާށެވެ! اللَّه، ތިޔަބައިމީހުންނަށް އުނގަންނައިދެއްވާނެއެވެ
[2:282].
ތަޤްވާވެރިކަމުގެ ސަބަބުން ތިމާގެ އެންމެހައި ކަންކަމެއް ފަސޭހަވެގެންދެއެވެ.
وَمَن يَتَّقِ اللَّـهَ يَجْعَل لَّهُ مِنْ أَمْرِهِ يُسْرًا ﴿٤﴾
އަދި اللَّه އަށް تقوى ވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.
[65:4]
- ދުޢާކުރުން
رَبِّ زِدْنِي عِلْمًا
މާނައީ؛ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ޢިލްމު އިތުރު ކޮށްދެއްވާނދޭވެ!
اللهُمَّ زِدْني عِلْمًا وإيْمَانًا وَيَقِيْنًا
މާނައީ؛ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާ އަށް ޢިލްމާއި އީމާންކަމާއި ޢަޤީދާގެ ޔަޤީންކަން އިތުރު ކޮށްދެއްވާނދޭވެ!
رَبِّ اشْرَحْ لِي صَدْرِي وَيَسِّرْ لِي أَمْرِي وَاحْلُلْ عُقْدَةً مِّن لِّسَانِي
މާނައީ؛ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށްޓަކައި މިއަޅާގެ ހިތް ތަނަވަސް ކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ކަންތައް މިއަޅާ އަށް ފަސޭހަ ކޮށްދެއްވާނދޭވެ! އަދި މިއަޅާގެ ދުލުގައި ހުރި ދަތި ގޮތް ފިލުއްވައިދެއްވައި، ދޫ ފަސޭހަ ކޮށްދެއްވާނދޭވެ!
رَبِّ هَبْ لِي حُكْماً وَأَلْحِقْنِي بِالصَّالِحِينَ
މާނައީ؛ އަޅުގެ ވެރިރަސްކަލާކޮ! މިއަޅާއަށް ޢިލްމާއި، ވިސްނުން ދެއްވާނދޭވެ! އަދި ޞާލިޙުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!
اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لَا يَنْفَعُ، وَمِنْ قَلْبٍ لَا يَخْشَعُ، وَمِنْ نَفْسٍ لَا تَشْبَعُ، وَمِنْ دَعْوَةٍ لَا يُسْتَجَابُ لَهَا
މާނައީ؛ ހައްދަވައި ބޮޑު ކުރެއްވި ވެރިރަސްކަލާކޮ! އެ ޢިލްމަކުން މި އަޅާ އަށް މަންފާ ނުކުރާނޭ ޢިލްމުންނާއި، އިބަ ރަސްކަލާނގެ އަށް ބިރުވެތި ނުވާ ހިތަކުންނާއި އިބަ އިލާހަށް ކިޔަމަން ނުގަންނަ ނަފްސަކުންނާއި އިޖާބަ ނުކުރައްވާނޭ ދުޢާއިން މި އަޅާ ސަލާމަތް ކޮށްދެއްވުން އެދި، އިބަރަސްކަލާނގެ ޙަޟްރަތުން ވާގި އެދި، ރައްކާތެރިކަން ލިބިގަންނަމެވެ.
اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا وَرِزْقًا طَيِّبًا وَعَمَلا مُتَقَبَّلا
މާނައީ؛ ހައްދަވައި ބޮޑު ކުރެއްވި ވެރިރަސްކަލާކޮ! މަންފާ ކުރަނިވި ޢިލްމަކާއި ރަނގަޅު ރިޒްޤަކާއި އިބަ އިލާހުގެ ޙަޟްރަތުގައި ޤަބޫލުވަނިވި ޢަމަލެއް މި އަޅާ އަށް ދެއްވުން އެދި އިބަ ރަސްކަލާނގެ ޙަޟްރަތުގައި ދަންނަވަމެވެ.
اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي, وَعَلِّمْنِي مَا يَنْفَعُنِي, وَزِدْنِي عِلْمًا
މާނައީ؛ ހައްދަވައި ބޮޑު ކުރެއްވި ވެރިރަސްކަލާކޮ! އިބަ ރަސްކަލާނގެ މި އަޅާ އަށް ދެއްވި ޢިލްމުން މިއަޅާ އަށް މަންފާ ކޮށްދެއްވާނދޭވެ! އަދި މިއަޅާ އަށް މަންފާކުރަނިވި ޢިލްމެއް މިއަޅާ އަށް އުނގަންނަވައިދެއްވާނދޭވެ! އަދި މިއަޅާ އަށް ޢިލްމު އިތުރު ކޮށްދެއްވާނދޭވެ
އެ ދުޢާތަކުގެ އިތުރުން އެ ކުއްޖަކު ވަކި ގޮތަކަށް ދުޢާ ދަންނަވަން ބޭނުން ނަމަ، އެ ކުއްޖެއްގެ ހިތުގައި އޮތް ގޮތަކަށް ދަންނަވާށެވެ. ދިވެހި ބަހުން ވެސް ދުޢާކުރެވޭނެ އެވެ. ވަކި ބަހަކުން ކުރުމަކީ ލާޒިމް ކަމެއް ނޫނެވެ.
މައިންބަފައިން ދަރިންގެ މައްޗަށް ކުރާ ދުޢާ އިޖާބަވެގެންވެއެވެ. މީގެއިތުރުން ބަންގި އާއި ޤަމަތާއިދޭތެރޭގަޔާއި ވާރޭވެހޭވަގުތާއި، ރޯދަވީއްލުމުގެ ކުރިންނާއި ދަމުނަމާދުގެ ވަގުތަކީ ދުޢާ އިޖާބަވެގެންވާ ވަގުތުތަކެވެ. ނަބަވީ ސީރަތުން އަޅުގަނޑުމެންނަށް އިރުޝާދު ލިބެނީ ކަންކަންފަހިވުމަށް އޮންނަ ސަބަބުތަކުގައި ހިފުމަށްފަހު ދެން ދުޢާކުރުމެވެ. މަސައްކަތްކުރާ ހާލު އެކަން ކާމިޔާބުކޮށްދެއްވުން އެދި ކަށަކުޅަދުންވަންތަ އިލާހުގެ ހަޟްރަތުގައި ދެންނެވުމެވެ.ނަމާދުކުރުން ނުވަތަ ޒިކުރުކުރުން ފަދަ ސިކުނޑިއަށް ހަމަޖެހުންގެނެސްދޭ ކަންކަން ކުރުމުން ސިކުނޑީގައި އާ ނިއުރޯންސް އުފެދެއެވެ.
- ފާފަތަކުން ދުރުވުން
ފާފަތަކުގެ ސަބަބުން ހިތުގައި ކަޅުލައްތަކެއްޖެހި، ހިތް ކަޅުވެގެންދެއެވެ.
އެއްދުވަހަކު އިމާމް ޝާފިޢީ އެކަލޭގެފާނުގެ އެދުވަހުގެ ފިލާވަޅު ދަސްކުރުން އުނދަގޫވެގެން އެކަމުގެ ޝަކުވާ އެކަލޭގެފާނުގެ އުސްތާޒު އިމާމް ވަކީޢްއަށް ކުރިއެވެ. އެހިނދު އިމާމް ވަކީޢް އިމާމް ޝާފިޢީގެފާނަށް އިރުޝާދު ދެއްވީ ފާފަތަކުން ދުރުވުމަށެވެ.
شَكَوْتُ إلَى وَكِيعٍ سُوءَ حِفْظِي فَأرْشَدَنِي إلَى تَرْكِ المعَاصي |
وَأخْبَرَنِي بأَنَّ العِلْمَ نُورٌ ونورُ الله لا يهدى لعاصي ތިމަންކަލޭގެފާނަށް ފިލާވަޅު ހިތުދަސްކުރަން އުނދަގޫވެ އެކަމުގެ ޝަކުވާ ތިމަންކަލޭގެފާނުގެ އުސްތާޒު ވަކީޢުއަށް ކުރީމެވެ. އެހިނދު އުސްތާޒު ތިމަންކަލޭގެފާނަށް އިރުޝާދު ދެއްވީ ފާފަތަކުން ދުރުވުމަށެވެ. އަދި ޢިލްމަކީ ނޫރެއްކަމަށް ވިދާޅުވިއެވެ. ﷲ އަށް އުރެދޭމީހުންނަށް ﷲ އެނޫރު ނުދެއްވާނެކަމަށްވެސް ވިދާޅުވިއެވެ. |
- ހެނދުނުގެ ވަގުތުތަކުގެ ބޭނުންހިފުން
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ވަނީ މިއުއްމަތުގެ މީހުންގެ ހެނދުނުގެ ވަގުތުތަކުގައި ބަރަކާތްލެއްވުމަށްއެދި ދުޢާކުރައްވާފައެވެ.
اللهم بارك لأمتى فى بكورها
ކީރިތި ރަސޫލާ ކުރެއްވި ދުޢާ ގެ މާނައިގައި ވެއެވެ.
” ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ތިމަންކަލޭގެފާނުގެ އުންމަތަށް އެއުންމަތުގެ ހެނދުނުގެ ވަގުތުތަކުގައި ބަރަކާތް ލައްވާފަނދޭވެ!”
ދުވަހުގެ ހެނދުނު ވަގުތުތަކުގައި ފިލާވަޅު ދަސްކުރުމުން، އެފިލާވަޅު އަވަހަށް ދަސްވެ، ހަނދާނުގައި ހުންނާނެއެވެ.
- ފުރިހަމަ ނިދިހޯދުން
ފުރިހަމަ ނިންޖަކީ މަޢުލޫމާތު ސިކުނޑީގައި ހަރުލެއްވުމަށާއި ޕްރޮސެސްވުމަށް ކޮންމެހެންވެސް ބޭނުންވާއެއްޗެކެވެ.
- ބޭކާރުކަންކަމުގައި ވަގުތު ހޭދަނުކުރުން
ފިލާވަޅުދަސްކުރަން ވަގުތުނުވާކަމުގެ ޝަކުވާއަކީ ޢާއްމު ޝަކުވާއެކެވެ. އެކަމަކު ރަނގަޅަށް ޓައިމް މެނޭޖުކުރާނަމަ މިކަމަށް ބޭނުންވާ ވަގުތު ރަނގަޅަށް ލިބޭނެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.
(من حسن إسلام المرء تركه ما لا يعنيه) حديث حسن رواه الترمذي وغيره.
”ތިމާއާއި ނުބެހޭ ކަންކަމުން ދުރުވެގަތުމަކީ މީހާގެ އިސްލާމްކަމުގެ ފުރިހަމަކަމުގެ ތެރެއިންވާ ކަމެކެވެ.”
މިހަދީސް ޝަރަޙަކޮށްދެއްވަމުން އަލްޢައްލާމާ ޢަބްދުލްމުޙްސިން އަލްޢައްބާދު ވިދާޅުވެފައިވެއެވެ.
ތިމާއާއި ނުބެހޭ ކަންކަމުންނާއި ބޭކާރު ކަންކަމުން ދުރުވެގަތުމަކީ ހިތަށްލިބިދޭ ހިތްހަމަޖެހުމެކެވެ. ޢަބުރަށްލިބިދޭ ސަލާމަތްތެރިކަމެކެވެ. މި ޙަދީސްގައި ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް މުސްލިމުންނަށް ބާރުއަޅުއްވާފައިމިވަނީ ތިމާއާއި ނުބެހޭ ކަންކަމުންނާއި އަދި އެކަންކަމުން ތިމާއަށް ދުނިޔޭގައިވެސް ނުވަތަ އާޚިރަތުގައިވެސް ފައިދާއެއްނުކުރާ ކަންކަމުން ދުރުވެގަތުމަށެވެ. އަދި ދުނިޔޭގައި ނުވަތަ އާޚިރަތުގައި ފައިދާކުރާ ކަންކަމުގައި މަޝްޣޫލްވެގަތުމަށެވެ.”
އަދި އެހެން ހަދީސެއްގައިވެއެވެ.
“نعمتان مغبون فيهما كثير من الناس: الصحة والفراغ”
އެ ދެނިޢުމަތަކަށް ފަރުވާކުޑަކޮށްލުމުގެ ސަބަބުން މީސްތަކުންނަށް ގެއްލުންލިބޭ ދެ ނިޢުމަތެއްވެއެވެ. އެއީ ފުރިހަމަ ސިއްޙަތާއި ހުސްވަގުތެވެ. – ސަޙީހް ބުޚާރީ
- ހިއްމަތްތެރިކަން އިތުރުކޮށްދޭފަދަ ހަދީސްތަކާއި ޢިބާރާތްތައް ފެންނަފަށުގައި ބެހެއްޓުމަކީ ހިތްވަރުއެލޭ ދަނޑިވަޅުތަކުގައި ހިތްވަރު އާލާކޮށްދޭ ކަމެކެވެ. މިގޮތުން ތިރީގައި މިގެނެސްދެނީ އެފަދަ ބައެއް motivational quotes އެވެ.
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ.
قال رسول الله {صلى الله عليه وسلم} المؤمن القوي خيرٌ وأحب إلى الله من المؤمن الضعيف وفي كل خير احرص على ما ينفعك واستعن بالله ولا تعجز
صحيح مسلم
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވެއެވެ. ” (ދުނިޔެއާއި އާޚިރަތުގައި) ތިމާޔަށް ފައިދާލިބޭ ކަންކަންހޯދުމަށް ދަހިވެތިކަމާއިއެކު މަސައްކަތްކުރާށެވެ. އަދި ﷲގެ ވާގިފުޅު އެދޭށެވެ. އަދި ނިކަމެތިވެ ނުގަންނާށެވެ..”
ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމް ހަދީސްކުރައްވާފައިވާފަދައިން ދުނިޔެއާއި އާޚިރަތުގައި ތިމާޔަށް ފައިދާލިބޭ ކަންކަންހޯދުމަށް ޖޯޝާއިއެކު މިންނެތް މަސައްކަތްކުރާށެވެ. އެކަންކަމުގައި ނިކަމެތިވެނުގަންނާށެވެ.
إذا أنت لم تزرع وأبصرت حاصداً |
ندمت على التفريط في زمن البذر |
ޢަރަބި ޝާއިރަކު ވިދާޅުވެފައިވެއެވެ. ”ގޮވާންކުރުމުގެ މޫސުމުގައި ތިބާ މުޑުވަށްކޮށް ގޮވާން އިންދާ އެބޮޑުކުރުމަށް ފެންދީ އަދި މިނޫންވެސް މިފަދަ މަސައްކަތްތައް ނުކޮށްހުއްޓާ ގޮވާންކެނޑުމުގެ މޫސުން އައުމުން ރަނގަޅު ގޮވާމެއްނުލިބުމުން ކުރިން ގޮވާންކުރުމުގެ މޫސުމުގައި ފަރުވާކުޑަކުރެވުނުކަމުގެ މައްޗަށް ދެރަވެ ހިތާމަކުރަންޖެހޭނެއެވެ.”
ރެފަރެންސް:
شرح حلية طالب العلم – للشيخ محمد بن صالح العثيمين
އެޑިޓަރުގެ ނޯޓް:-
މި ލިޔުންވަނީ: http://dhiislam.com ގައިވެސް ޝާއިޢުކޮށްފައި
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 26 ޖޫން 2020މަޢުލޫމާތުމަދީނާއަށް ބޮޑު އެތެއް ވަދެގެން އައި ހިނދު..
- 12 މެއި 2020އިޖްތިމާޢީމާތް ﷲ ގެ ރިވެތި ސިފަފުޅުތަކުން “އަލިވިލުމެއް”
- 27 އޭޕްރިލް 2020ވާހަކަޔޫނުސް ޢަލައިހިއްސަލާމްގެ ވާހަކަ
- 22 އޭޕްރިލް 2020ރިޕޯޓްމުސްލިމެއްގެ އަބުރަށް އަރައިގަތުމަކީ ކިހާ ބޮޑު ފާފައެއްކަން އެނގޭހެއްޔެ؟
Mee v aguhuri liyumeh….shukuriyya liyun theriyaa ah