ކޮރޯނާ ވައިރަސް (ކޮވިޑް-19) ރާއްޖެއިން ފެނުމާއި އެކު ދިވެހިންގެ ތެރޭގައި އުފެދުނު ބިރުވެރިކަމާއި ގުޅިގެން ތަފާތު އެކިއެކި ޚިޔާލުތައް ފެތުރިގެން ދިޔައެވެ. ތަފާތު ކަންބޮޑުވުންތައް ފެންމަތިވެގެން ދިޔައެވެ.  ކުރިމަތިވެދާނެ ހާލަތަކާއިމެދު ވިސްނައި، މީހުން ފިކުރު ކުރަން ފެށިއެވެ. ހާއްސަގޮތެއްގައި ސޯޝަލް މީޑިޔާގައި އެކަން ހިއްސާ ކުރަމުން ގެންދިޔައެވެ. އެއްބަޔަކު އިންޓަނެޓް ހިދުމަތް އަގުހެޔޮކުރަން ސަރުކާރަށް ގޮވަމުން ގެންދިޔައެވެ. މި ހާލަތުގައި ކަރަންޓުގެ އަގު ކުޑަކުރަން އެއްބަޔަކު ގޮވިއިރު އަނެއްބަޔަކު ފެންބިލްތަކަށް ލުޔެއް ދޭންޖެހޭކަމަށް ބުނަމުން ދިޔައެެވެ. މިފަދަ ވިސްނުންތަކާއި ޝުޢޫރުތަކެވެ.

ދިވެހިރާއްޖެއަކީ އަމިއްލަ އުފެއްދުންތެރިކަމަށް ވުރެ ބޭރުން އެތެރެ ކުރެވޭ ތަކެއްޗަށް ބަރޯސާވާ ގައުމަކަށް ވީ އިރު ދުނިޔެއަށް އަންނަ މިފަދަ ކޮންމެ ލޮޅުމެއްގެ އަސަރު ރާއްޖެއަށް ބޮޑުކޮށް ކުރާނެކަން މިއީ ޤަބޫލުކުރަންޖެހޭ ހަޤީޤަތެވެ. ކޮވިޑް-19 ގެ ސަބަބުން މުޅިދުނިޔެ “ލޮކްޑައުން” ވެފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ސަރުކާރުން ދެމުންއަންނަ ޚިދުމަތްތައް ހިލޭ ދެވޭނެ ގޮތެއް ވިސްނުމަކަށް ނާދެއެވެ. 

ވިސްނައިލާއިރު ފެންނަނީ ތަފާތު މަންޒަރެކެވެ. ބަލިމަޑުކަމުގެ ސަބަބުން ސަރުކާރަށް އާމްދަނީ ލިބޭ އެންމެ ބޮޑު ދޮރޯށިކަމުގައިވާ ޓުއަރިޒަމް މިހާރު އެ އޮތީ ހުއްޓުމަކަށް އައުމާއި ގާތުގައެވެ. ރާއްޖެއިން އެކްސްޕޯޓްކުރެވޭ ބައެއް ތަކެތި ގެންދެވޭ ބައެއް ޤައުމުތައް ބަލިމަޑުކަމުގެ ސަބަބުން ދަތުރުތައް މަޑުޖެހިފައިވުމާއިއެކު އެގޮތުން ލިބެމުން އައި އާމްދަނީ ވެސް ބޮޑުތަނުން ދަށަށް ދާނެކަމީ ދެބަސްވެވެން ނެތް ހަޤީޤަތެވެ. 

މިފަދަ އެތައް ސަބަބަކާހުރެ ސަރުކާރަށް ލިބެމުން އައި އާމްދަނީ ދަށަށް ދާނެކަން ޔަޤީންވެފައިވާ މި ދަނޑިވަޅުގައި ހިދުމަތްތައް ހިލޭ ދެވޭނީ ކިހިނަކުންތޯ ނުވަތަ ވަކި ލުއި ގޮތްތަކެއް ހަދާނީ ކިހިނެއްތޯ މިއީ ވިސްނާލަން ރަނގަޅު ސުވާލެކެވެ. 

ސަރުކާރުން ދިވެހިންނަށް ކަރަންޓު ފޯރުކޮށްދެމުންދަނީ ކޮންމެ ދުވަހަކުވެސް އެތައް ސަތޭކަ ފީފާ ޑީސަލް އަންދައިގެންނެވެ. ޑީސަލް ރާއްޖެއަށް އެތެރެ ކުރަނީ ބޭރުގައުމުތަކުންނެވެ. މިކަމަށް އެތައްއެތައް މިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރާއިރު ސަރުކާރަށް އާމްދަނީ ލިބޭ ދޮރުތައް ބަންދުވުމުން އެ ޑީސަލް ގަންނާނީ ކޮން ފައިސާއަކުންތޯއެވެ. 

އެންމެ މުހިންމު ކަމަކީ އިތުރު ބަޔަކަށް ބަރޯސާނުވެ ފުދިގެން އުޅެން ދަސްކުރުމެވެ. ބޭނުން ނެތް މިންވަރަށް ދިއްލާ ބޮކިތައް މަދުކުރުމެވެ. އިންޓަނެޓް ވެސް ބޭކާރުގޮތުގައި ބޭނުން ނުކުރުމެވެ. ގޯތިތެރޭގައި ހުރި ހުސްޖާގަތަކުގައި ގަސްހައްދައި އެއާރކަނޑިޝަން ފަދަ ތަކެތި ބޭނުން ކުރަންޖެހޭ މިންވަރު މަދުކުރުމެވެ. އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމަށް ބޭނުން ކުރެވޭ ސައިކަލްތައް ވެސް ބޭނުން ކުރެވޭ މިންވަރު މަދުކޮށް ހިނގާބިނގާވެ އުޅެވޭ ވަގުތު އިތުރު ކުރުމެވެ. ދިވެހިރާއްޖޭގައި ބިންބޮޑެތި ރަށްރަށުގައި ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރުމުގެ އިތުރުން ގޯތިތެރޭގައި ވެސް އެކަން ކުރުމެވެ. ވަށައިގެންމިވާ ކަނޑުގެ ބޭނުން ހެޔޮގޮތުގައި ބޭނުން ކުރުމެވެ. ކާބޯތަކެތި އިސްރާފުކުރުން ހުއްޓާލުމެވެ. ފެން އިސްރާފު ނުކުރުމެވެ. މިފަދަ އެތައް ކަމެކެވެ. ބަޔާންވެދިޔަ މަދު ކަންކަމަށް ވިސްނައި މިކަންކަން ކުރެވިއްޖެނަމަ ހީނުކުރާހާ ހެޔޮބަދަލު ޤައުމަށް އަންނާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އޭރުން ދުނިޔެއަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު ރާއްޖެއަށް ކުރާ މިންވަރު ކުޑަވެގެން ދާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

ޤައުމަށް ނުވަތަ މުޅިދުނިޔެއަށް ކުރިމަތިވެފައިމިވާ ހާލަތު ބަދަލުވާން ނަގާނެ މުއްދަތެއް އަދި ލަފާކޮށްލަން ވެސް ނޭނގޭ މި ދަނޑިވަޅުގައި ކަންކަން ހިލޭ ކޮށްދިނުމަށްވުރެ މުހިންމީ ގިނަދުވަސްތަކެއް ވަންދެން އެ ޚިދުމަތެއް ދެވޭނެ ގޮތަކަށް ކަންކަން ރާވައި ހިނގުން ނޫންތޯއެވެ. އެންމެ ރަނގަޅު ވިސްނުމަކީ އެއީ ނޫންތޯއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.