ކޮވިޑް-19 އާއި ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން އަޅަމުން ގެންދާ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ މިހާރުވެސް ދިވެހިންނަށް ލިބެން ފަށައިފިއެވެ. ޙަމްދާއި ޝުކުރު ހުރީ އާލަމްތަކުގެ ރައްބު، މާތް ﷲ سبحانه و تعالى އަށެވެ. ދިވެހިރާއްޖެއިން ކޮރޯނާވައިރަސްގެ ބަލި ޖެހުނު މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު އެއްކޮށް ރަނގަޅުވެ، ބައްޔަށް ނައްސިވެފައިވާކަން ދިވެހި ޑޮކްޓަރުންގެ ޓީމުން އިއްޔެ ވަނީ ހާމަކޮށްފިއެވެ. މިއީ ދިވެހިންނަށް ލިބުނު މަތިވެރި ނަޞްރެކެވެ.

ސަރުކާރަށް ފާޑުކިޔަން ވާނެއެވެ. ކަމެއް ގޯސްކޮށް ކުރަންޏާ އެކަމެއްގެ ވާހަކަ ދެއްކުން އެންމެ އައުލާކަން ބޮޑު ބަޔަކީ ރައްޔިތުންނެވެ. ނަމަވެސް، ޤައުމަށް މުސީބާތެއްޖެހި، އެކަމުން އަރައިގަތުމަށް މަސައްކަތްކުރަމުން އަންނައިރު، ސަރުކާރުން ނިންމާ ނިންމުންތަކަށް ރައްޔިތުން ތަބާވާން ލާޒިމެވެ. އެއީ ސަރުކާރަށްޓަކައެއް ނޫނެވެ. ވެރިކަންކުރާ ބަޔަކަށްޓަކައެއް ނޫންވެ. ތިބާ އާއި ތިބާގެ ޢާއިލާގެ ރައްކާތެރިކަމަށްޓަކައެވެ.

އީމާންތެރިކަމުގެ ޒައްރެއްގެ މިންވަރު ހިތުތެރޭގައި އޮތް މީހެއް ނަމަ، ލަނގޮޑި ފަޅައިގެންދާވަރުގެ ކަންކަން މި އަންނަނީ ފެންނަމުންނެވެ. މުސްލިމުންގެ މައި ތަނބު ކަމަށްވާ ފަރުޟު ފަސްނަމާދު، ޖަމާޢާތުގައި ކުރުމުގެ ފުރުޞަތު މާލެއާއި މާލޭ އޭރިއާގެ ރައްޔިތުންނަށް މިއަދު މިވަނީ ގެއްލިފައެވެ. މި ޤައުމުގައި ކަން މިހެން އޮތްއިރު، އިސްލާމުންގެ އެންމެ މުޤައްދަސް މިސްކިތްތަކުގެ ހާލަތަކީވެސް މިއެވެ. ކުޑަކުޑަ ވައިރަހަކުން ޖައްސާ ނުރައްކާތެރި ކޮވިޑް-19 އިން މިންޖުވުމަށް ކުރަމުން އަންނަ ޖިހާދަށްޓަކައި އެ މިސްކިތްތައްވެސް ވަނީ ބަންދުކުރެވިފައެވެ. ލޮލުން ކަރުނަ އަޅައި ރޯންޖެހިފައިވާ މި ހާލަތަކީ އެއްވެސް އިންސާނަކު މެދުވެރިކުރުވި ހާލަތެއް ނޫނެވެ.

ތެދެކެވެ. މާލޭގެ މިސްކިތްތައް ބަންދުކުރި އިރު، ކެފޭތަކާއި ރެސްޓޯރެންޓްތަކާއި ސައި ހޮޓާތައް ބަންދެއް ނުކުރެއެވެ. ނަމަވެސް މިރޭ ބާރައިގެ ފަހުން އެ ތަންތަންވެސް ބަންދުކުރުމަށް ސަރުކާރުންވަނީ ނިންމާފައެވެ. ނަމަވެސް ފާޑުކިޔާ މީހުން ފާޑުކިޔައި ހަޖޫ ޖަހަނީއެވެ. މިސްކިތްތައް ބަންދުކުރުމުން ސަރުކާރުގައި އަނެއްކާވެސް ލާދީނީ ސިއްކަ ޖަހައިފިއެވެ. މީސްމީޑިއާގެ ސްޓޭޓަސްތައް ފުރާލާފައިވަނީ މިސްކިތްތަކުގައި ޖަމާޢަތް ހަދައިގެން ނަމާދުކުރުން ބަންދުކުރުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ. އޭގެ ފަހުން މިސްކިތްތަކުގެ ދޮރުތައް ލައްޕައި ތަޅުލުމުންނެވެ.

ފާޑުކިޔާ އެތިވަރުގޮވާ މީހުން މިކަން މި ކުރަނީ ހަމަ ޙަޤީޤަތުގައިވެސް އިސްލާމްދީން ދެކެ ވާ ލޯބީގެ ބޮޑުކަމުންބާވައެވެ؟ ޖަމާޢާތުގައި ނަމާދުކުރަން ގޮސްގޮސް ހުއްޓާ އެ ނިޢުމަތުން މަހުރޫމުވުމުން ބާވައެވެ؟ މިއީ އުފެދޭ ސުވާލުތަކެކެވެ. މި ސުވާލުތަކުގެ ޖަވާބު އެންމެ ފަސޭހައިން ލިބެނީ ކެފޭތަކާއި ދިމާއަށް ނަޒަރު ހިންގައިލުމުންނެވެ. ނަމާދު ވަގުތުގައި ކެފޭތަކުގެ ކޮފީ މޭޒުތައް ހޫނުކުރަމުން، މީސްމީޑިއާގައި ޖަހާ ސްޓޭޓަސްތަކުން ޤައުމުގެ ޙާލަތު ދަނގަޑެއް ދޮންކުރާހެން ދޮންކުރަމުން އެދަނީ ހަމަ އެހައި ދީންވެރިންތަކެއް ހެއްޔެވެ؟

ސައިހޮޓާތަކާއި ކެފޭތައް ބަންދުނުކޮށްގެން ރޮއެ ހޭރެނީވެސް ކެފޭއެއްގައި ކޮފީއަކަށް އެންޖޯއީކުރަމުންނެވެ. ބައި ހަދާފައި ގޮސް ކޮފީތަކުގައި ތިބެގެންނެވެ. ފަރުދީ ޒިންމާއޭ، ލޮކްޑައުންއޭ، މިސްކިތްތައް ބަންދުކޮށްފިއޭ، ލާދީނީއޭ ކިޔައި އެތިވަރު ގޮވަން މި ތިބެނީ ނަމާދު އަޅާފައި ކޮފީތަކުގައެވެ. މިވެސް ހަމަ ބައެއް ދިވެހީންގެ ފަރުދީ ޒިންމާ އަދާކުރުންބާވައެވެ؟ މިވެސް ހަމަ، ދީނާއި ޤައުމަށް ލޯބިވުމުގެ ގޮތެއްބާވައެވެ؟

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.