އޭސީ މިލާންގެ ކުރީގެ ކެޕްޓަން އަދި މިހާރުގެ ޓެކްނިކަލް ޑިރެކްޓަރ، ޕޯލޯ މަލްޑިނީ އާއި، އޭނާގެ ދަރިފުޅު ޑެނިއަލް މަލްޑިނީ، ކޮރޯނާ ވައިރަހަށް ފައްސިވެއްޖެ ކަމަށް އެ ކުލަބުން ބުނެފިއެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރު މަލްޑިނީ އާއި، އޭނާގެ 18 އަހަރުގެ ދަރިފުޅުގެ ކިބައިން ކޮވިޑް-19 ގެ ޢަލާމާތްތައް ފެނިގެން މިދިޔަ ދެ ހަފްތާގައި ބައިތިއްބާފައި ވަނީ އެކަހެރި ކޮށްފައެވެ. ނަމަވެސް މިހާރު ކޮވިޑް-19 އަށް ހެދި ޓެސްޓުތަކުން އެ ދެމީހުން ފައްސިވެފައިވުމުން ބަލި މުޅީން ފަސޭހަ ވަންދެން ވެސް ބަހައްޓާނީ އެކަހެރިކޮށްފައެވެ.

މިހާރު މުޅި ދުނިޔެއަށް ކުރިމަތި ވެފައިވާ ވަބާ، ކޮވިޑް-19 ގެ ސަބަބުން ފުޓުބޯޅަ ވެސް ހުއްޓުމަކަށް އައިސްފައިވާ އިރު ގިނަ ކުޅުންތެރިންތަކެއް ވަނީ މި ބައްޔަށް ފައްސިވެފައެވެ. އެއީ އިޓަލީގެ 13 ކުޅުންތެރިއަކާއި، ސްޕެނިޝް ލީގުގެ 15 ކުޅުންތެރިންނެވެ. އިނގެރޭސި ލީގުގެ ވެސް ގިނަ ކުޅުންތެރިންތަކެއް މި ބައްޔަށް ފަރުވާކުރަމުން އެބަދެއެވެ. އެއީ ޗެލްސީގެ ވިންގާ ހަޑްސަން އޮޑޯއީ އާއި، ޕޯޓްސްމައުތުގެ 3 ކުޅުންތެރިންނެވެ. މީގެއިތުރުންވެސް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެހެންނަމަވެސް، މިހާރު އާޓެޓާ އެ ބަލިން އަރައިގަނެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.