ސްޕެއިންގެ ޕްރޮފެޝަނަލް ފުޓްބޯޅަ ލީގު ކަމަށްވާ “ލަލީގާ”, ސްޕެއިންގެ ސަރުކާރުގެ ފެހި ސިގްނަލް ލިބެންދެން މުއްދަތެއް ނެތްގޮތަށް ފަސްކޮށްފިކަން ލަލީގާ އިން އިޢުލާން ކޮށްފިއެވެ.

މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ “ކޮރޯނާ ވައިރަސް” ނުވަތަ “ކޮވިޑް-19” ގެ ސަބަބުން ލަލީގާ މެދުކަނޑާލާފައި އޮތުމަށްފަހު އިތުރަށް ކުރިއަށްގެންދިއުމާއި މެދު ގޮތެއް ނިންމުމަށްޓަކައި ލަލީގާ އާއި ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަން އިން އެކުލަވާލި މޮނިޓަރިންގ ޓީމުން މިއަދުގެ ވަގުތެއްގައި ވަނީ ބައްދަލުވުމެއް ބާއްވައިފައެވެ. މި ބައްދަލުވުމުން ނިންމާފައިވާ ގޮތުގައި ލަލީގާ ފުޓްބޯޅަ މުބާރާތް އިތުރަށް ކުރިއަށް ގެންދާނީ ސްޕެއިން ސަރުކާރުގެ ފެހި ސިގްނަލް ލިބި، މުބާރާތް ކުރިއަށް ގެންގޮސްފިނަމަ އެއްވެސް ކަހަލަ ސިއްޙީ ނުރައްކަލެއް ކުރިމަތިނުވާނެ ކަން ކަށަވަރުކުރުމަށް ފަހުގައެވެ.

ލަލީގާ ގެ ތާވަލު މިވަގުތު އޮތްގޮތަށް ބަލާއިރު، 58 ޕޮއިންޓާއެކު އެއްވަނައިގައި ބާސެލޯނާ އޮތްއިރު، 56 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި އޮތީ ރެއާލް މެޑްރިޑް އެވެ. ތިންވަނައިގައި 47 ޕޮއިންޓާއެކު ސެވިއްޔާ އޮތްއިރު، ރެއާލް ސޮސިއެޑާޑް 46 ޕޮއިންޓާއެކު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.

“ކޮވިޑް-19” ގެ ސަބަބުން ދުނިޔޭގެ މަޝްޙޫރު ފުޓްބޯޅަ ލީގުތައް މެދުކަނޑާލާފައިވާއިރު، ބައެއް ކޯޗުންނާއި، ފުޓްބޯޅަ ކުޅުންތެރިން ވަނީ ކޮވިޑް-19 އަށް ފައްސިވެފައި ކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.