މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔޫރަޕާ ލީގުގެ ފައިނަލް މެޗު، މުއްދަތެއް ނެތް ގޮތަށް ފަސްކުރުމަށް ޔުއެފާ އިން ނިންމައިފިއެވެ. ހަމަ އެއާއެކު ވުމެންސް ޗެމްޕިއަންސް ލީގު ފައިނަލް ވެސް މުއްދަތެއް ނެތް ގޮތަށް ފަސް ކުރުމަށް ވަނީ ނިންމާފައެވެ.
ޔުއެފާ އިން މި ނިންމުންތައް ނިންމާފައި ވަނީ އެ ފެޑަރޭޝަނުން މިއަދު ކުރިއަށް ގެންދިޔަ ވީޑިއޯ ކޮންފަރެންސް ބައްދަލުވުމެއްގެ ތެރެއިންނެވެ. މި ބައްދަލުވުމުގައި ޔުއެފާގެ މެމްބަރު ޓީމުތަކުން ވަނީ ބައިވެރިވެފައެވެ.
ޗެމްޕިއަންސް ލީގުގެ 2019/2020 ވަނަ ސީޒަނުގެ ފައިނަލް ބޭއްވުމަށް މީގެކުރިން ހަމަޖައްސާފައި އޮތީ މެއި މަހުގެ 30 ވަނަ ދުވަހު ތުރުކީގެ ވެރިރަށް އިސްތަންބޫލްގައެވެ. ޔޫރަޕާ ލީގުގެ ފައިނަލް ބޭއްވުމަށް ހަމަޖައްސާފައި އޮތީ މެއި މަހުގެ 27 ވަނަ ދުވަހުގައެވެ. އަދި، ވުމެންސް ޗެމްޕިއަންސް ލީގުގެ ފައިނަލް ކުޅުމަށް ހަމަޖައްސާފައި އޮތީ މެއި މަހުގެ 24 ވަނަ ދުވަހުގައެވެ.
ޗެމްޕިއަންސް ލީގާއި، ޔޫރަޕާ ލީގުގެ މެޗުތައް ގަދަ 16 އާއި ހަމައަށް ކުޅެފައިވާއިރު، ވުމެންސް ޗެމްޕިއަންސް ލީގު ވަނީ ކުއާޓާ ފައިނަލާ ހަމައަށް ކުޅެފައެވެ. ނަމަވެސް ކޮވިޑް-19 އާއި ހެދި މި ތިން މުބާރާތުގެ މެޗުތައް އޮތީ ވަގުތީގޮތުން މެދު ކަނޑާލާފައެވެ.
ކޮވިޑް-19 ގެ ސަބަބުން ފުޓުބޯޅައިގެ ބޮޑެތި ލީގުތައް ހުއްޓުމަކަށް އައިސް، ބައެއް ލީގުތައް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާއިރު، އަނެއްބައި ލީގުތައް އޭޕްރިލް މަހުގެ ނިޔަލަށް ފަސްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.