’ބަދަލެއްގެ ފެށުން‘ ޓެގްލައިންގައި ގެނެސްދޭ ވަރުގަދަ ސިޔާސީ ފިލްމު “މަރްޔަމް” ޝޫޓިންގެ 95ޕަސެންޓް ނިމިފައިވާކަމަށް ފިލްމު ޕްރޮޑިއުސްކުރާ ’އެއް ކާފު ޕްރޮޑަކްޝަންސް‘ގެ ވެރިޔާ އަދި ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު ބުނެފިއެވެ.

މުނިއަވަސް އަށް ޒަރީރު އިއްޔެ ބުނީ ދެތިން ދުވަހެއްގެ ތެރޭގައި ފިލްމުގެ ޝޫޓިން އެއްކޮށް ނިންމައިލެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

“ދޭއް ނުވަތަ ތިން ދުވަސް ތެރޭގައި އެކީ ނިންމާލެވޭތޯ މިބަލަނީ.” މާލޭގެ ޝޫޓިންއަށް ފަހު މުލަކުގައި ޝޫޓްކުރަމުން އަންނަ “މަރްޔަމް”ގެ މަޢުލޫމާތު ހިއްސާކުރަމުން ޒަރީރް ބުންޏެވެ.

ފިލްމު “މަރްޔަމް” އަކީ މަޤްބޫލު އަދި ހުނަރުވެރި އެކްޓަރ އަޙްމަދު ސަޢީދު އާއި ހުނަރުވެރި އެކްޓްރެސް މަރްޔަމް މަޖްދާ ލީޑްރޯލުން ފެނިގެންދާނެ ފިލްމެކެވެ.

ފިލްމު “މަރްޔަމް”ގެ މަންޒަރެއްގައި ސަޢީދު – ފޮޓޯ: އެއް ކާފު ޕްރޮޑަކްޝަންސް

ޒަރީރް ބުނީ ފިލްމު ”މަރްޔަމް“ އަކީ މަރްޔަމް މަޖްދާ (މަޖޫ)، ޑާކް ރެއިންގެ ފިލްމެއް ނޫން އެހެން ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފިލްމުކަމަށާއި ފިލްމުގެ ނަން ދީފައިވަނީވެސް މަޖްދާގެ ކެރެކްޓަރ އަށް ނިސްބަތްކޮށް ކަމަށެވެ. މި ފިލްމުގައި މަޖޫ ފެނިގެންދާނީ ވަރުގަދަ ސިޔާސީ ރޯލަކުންނެވެ.

“މަރްޔަމް”ގައި ޢަލީ އާޒިމް (ދޮން އައްޔަ)، ނިޝް، ޢަލީ ޝަޒްލީމް، ވައްޑެ ވެސް މުހިންމު ރޯލުތަކުން ފެނިގެންދާނެއެވެ. މީގެ އިތުރުން މުލަކުން ވެސް ފިލްމުގެ ސަޕޯޓިން ރޯލުތަކުން މީހުން ބައިވެރިކޮށްފައިވެއެވެ.

ފިލްމު “މަރްޔަމް”ގެ މަންޒަރެއްގައި ސަޢީދު – ފޮޓޯ: އެއް ކާފު ޕްރޮޑަކްޝަންސް

މި ފިލްމުގައި ކިޔައިދޭނީ ސިޔާސީ ދެކޮޅުވެރިކަމާއި ބައިބައިވުމުގެ ތެރެއިން ރައްޔިތުންނަށް އުއްމީދެއް ގެނެސްދިނުމަށް ނުކުންނަ އަންހެނެއްގެ ވާހަކަ އެވެ.

މިއީ ސިނަމޮޓޮގްރަފީގައި މިވަގުތު ރާއްޖޭގެ ފިލްމީ މަޝްރަހުން އެންމެ ފާހަގަކޮށްލެވޭ ކެމެރާމަން ވިޝާން (ކަނޑި)، ޑައިރެކްޓްކޮށް ކެމެރާކުރާ ފިލްމެކެވެ. ފިލްމުގެ ވާހަކަ އަދި ސްކްރީންޕްލޭ ލިޔުނީ ޒަރީރް އެވެ.

’އެއް ކާފު ޕްރޮޑަކްޝަންސް‘ އިން ޕްރޮޑިއުސްކުރާ ފިލްމު ”މަރްޔަމް“ގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތް ކުރާނީ ކާމިޔާބު ޕްރޮޑަކްޝަންތަކެއް އުފައްދަމުން އަންނަ ޕްރޮޑަކްޝަން ހައުސް ’އޯކޭޒް‘ އިންނެވެ.

ފިލްމު ”މަރްޔަމް“ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.